މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

އިރުކޮޅަކުން އެ އަންހެންމީހާ މަޑުމަޑުން ނަވީންއާ ދިމާލަށް މޫނު އަނބުރާލިއެވެ. ނަވީން އަތް އުފުލާލުމަށްފަހު އެމީހާގެ ކަރުނަތައް ފޮހެދިނީ އޯގާތެރިކަމާއެކުގައެވެ. އެއާއެކު އެމީހާ ދެލޯ މަރާ ތަގުޅިކޮށްލީ ކީއްވެގެންކަން ބުނާކަށް ނަވީންއަކަށް ނޭނގުނެވެ. އެ އަންހެންމީހާގެ ނަޒަރު ނަވީންގެ ލޮލާ ސީދާވީ ދެނެވެ. އެމޫނުމަތިން ނަވީންއަށް ފެނުނީ އާދޭސްތަކާއި ވޭނާ އުދާހެވެ. އެހީތެރިކަމަކަށް އެދި ސަލާން ޖަހަމުންދާ ފަދަ އަސަރުތަކެކެވެ. އޯގާތެރިކަމަށް އެދި ފެންބޮވައިގަނެފައިވާ ނިކަމެތި އިންސާނެކެވެ.

ތިން ހަފްތާފަސް

*****

އަށް ބުރިއަށް ނަގާފައިވާ ބޮޑު އިމާރާތުގެ ޕާރކިން އޭރިޔާގައި ކާރު ޕާރކުކޮށްލުމަށްފަހު، ނަވީން ގޮސް ލިފްޓަށްއަރާ އޮބާލީ ހަވަނަ ފަންގިފިލާއަށެވެ. ގޭތެރެއަށް ވަނުމުގެ ކުރިން ބޫޓް ބާލާ އެއްފަރާތުގައި ބަހައްޓާލިއެވެ. އެއަށްފަހު އެތެރެއަށް ވަދެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ގޭތެރޭގައި ދިރޭ ފުރާނައެއްގެ އެއްވެސް ހިލަމެއްނެތެވެ.

ގެއަށް ވަންނަ ދޮރުގެ އެއްފަރާތުގައި ބޮޑު ސިޓިން ރޫމެއް ވެއެވެ. ސިޓިން ރޫމްގެ އެއްފަރާތުގައި ކައްކާ، ކާ ބައި ހުރިއިރު އޭނާ ހުރި ދޮރުގެ އަނެއްފަރާތުގައި ދެ ކޮޓަރި ހުރެއެވެ. މަޑުމަޑުން އޭނާ ގޮސް ކުރިމައްޗަށް ވާގޮތަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރުން ހިނިތުންވުމެއް ތުންފަތަށް ވެރިވެގެން ދިޔައެވެ. ދޮރުފަތް ގާތް ކޮށްލާފައި ގޮސް ސޯފާގައި އިށީނދެ ޓީވީ ރިމޯޓް ނަގާ ޓީވީ ހުޅުވާލިއެވެ. އެއަށްފަހު އޭނާ އިނގިރޭސި ޗެނެލަކަށް ބަދަލުކޮށްލާ އަންނަމުންދިޔަ ޑޮކިއުމެންޓްރީއަށް ސަމާލުކަން ދިނެވެ. އަތުގައި ހުރި މޭވާ ކޮތަޅު ސޯފާމަތީގައި ބަހައްޓާލިއެވެ. އެހެން އިންއިރު އިރު އިރުކޮޅަކާ އޭނަ ކޮޓަރިއާ ދިމާލަށްވެސް ނަޒަރެއްދެއެވެ.

"ސާރ...ކޮން އިރަކުތޯ ދުރުވީ؟" ދާދި ގާތުން އިވުނު އަންހެން އަޑާއެކު އޭނާ މަޑުމަޑުން އިސްއުފުލާލިއެވެ.

"ކުޑައިރުކޮޅެއްވެއްޖެ" ކުރުކޮށް ޖަވާބުދެމުން ނަވީން ދައްކާލީ މޭވާ ކޮތަޅެކެވެ. އެ އަންހެން ކުއްޖާ އެ މޭވާ ކޮތަޅުތައް ނަގަމުން ފްރިޖާ ދިމާލަށް ހިނގައިގަތެވެ.

"އިބާ!" ނަވީން ގޮވާލުމާއެކު އެ އަންހެން ކުއްޖާގެ ފިޔަވަޅުތައް ވަގުތުން ހުއްޓުނެވެ. އެނބުރިލާފައި އައިސް ނަވީންގެ އެއްފަރާތުގައި މަޑުކޮށްލިއެވެ.

"މިއަދު.... މިއަދު ނާދެވުނީމަ ވަރަށް ބޮޑަށް ސޮރީ... ކުޑަކަމެއް ލައިގަތީމަ ނާދެވުނީ.... " ނަވީންގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔުމާއެކު އެ އަހަން އެހާ ޖެހިލުންވެގެން އެ އުޅެނީ ކޮން ސުވާލެއްކަން އެނގޭފަދައަކުން އިބާ ޖަވާބުދިނެވެ.

"އިންޝާ ﷲ... ހުރިހާކަމެއް ވެސް ވަރަށް ރަނގަޅަށް ދިޔައީ... ހާސްވާން ޖެހޭފަދަ އެއްވެސްކަމެއް ދިމައެއްނުވޭ" އިބާ ޖަވާބުދިނެވެ. އެއަށްފަހު އޭނާ ދެން ހިނގައިގަތީ ފްރިޖާ ދިމާލަށެވެ. ނަވީން އިބާއަށް ބަލަން އިނުމަށްފަހު އަނެއްކާވެސް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.

"އިބާ!" ނަވީން ގޮވާލިއެވެ. އިބާ އައިސް ސޯފާގައި އިށީންނަމުން ނަވީން ބުނަން އުޅޭ ވާހަކައަށް ސަމާލުވިއެވެ.

"މާދަމާ އަހަރެން އަނެއްކާވެސް ޑޮކްޓަރ ގެންނަންވެގެން... ފަހަރެއްގައި އެ ގަޑީގައި އަހަރެންނަށް ނާދެވިދާނެ... ކޭން ޔޫ ހޭންޑެލް އެވްރީތިންގް އެލޯން. ނުވަންޏާ އަހަރެންގެ ސެކެޓްރީ ވެސް ފޮނުވަފާނަން" ނަވީން ޔަޤީންކަން ބޭނުންވާފަދައެވެ. އިބާ ހަމައެކަނި ބޯ ޖަހާލީއެވެ.

"އަންނާނަން މާދަން... ޓޭކްކެއަރ އިނގޭ... އެންޑް ތެންކިޔު" ނަވީން ސޯފާއިން ތެދުވަމުން ފުން ނަޒަރަކުން އިބާއަށް ބަލާލިއެވެ. ސޯފާމަތީގައި އަޅުވާލާފައި އޮތް އޭނާގެ ކަނޑު ނޫކުލައިގެ ސޫޓް ނަގާ އެ ލަމުން އޭނާ ދެފަރާތުން ސޫޓަށް ދަމާލިއެވެ. އެއަށްފަހު އިބާއަށް ބަލާލުމަށްފަހު ގޮސް ގޭން ނުކުމެގެން ހިނގައްޖެއެވެ. ކާރު ދުއްވަމުން ދިޔައީ އޭނާގެ ޑްރައިވަރ ވިކާޝްއެވެ. ކާރުތެރެއަށް ވެރިވެގެންދިޔަ ހަމަހިމޭންކަން ފޫދުއްވާލީ ގޮނޑީގައި ހަމަޖެހިލަމުން ނަވީން ޖަހާލި ލަވައެވެ. ތަންކޮޅެއް ކުރީގެ އިނގިރޭސިލަވައެއް ޖަހާލައިގެން އިންނަމަވެސް އޭނާގެ ހިޔާލުގައި ވަނީ މުޅީން އެހެން ކަންތައްތަކެކެވެ.

ނަވީންގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި އޭނާ ނިކަން އަވަސް އަވަހަށް ފުހެލިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ހަޔާތުގެ ނަވުގެ ދަތުރު ނިމޭނީ ކިހިނެތްކަން، ކޮން ގޮތަކަށްކަން ލަފާކޮށްލާކަށް ނޭނގެއެވެ.

ލިލީ ހައުސް އަކީ ތިން ބުރިއަށް ނަގާފައިވާ ރީތި ތަނަވަސް ގަނޑުވަރެއްފަދަ ބޮޑު ގެއެކެވެ. ގޭގެ ގޭޓުން ކާރު ވައްދާލުމާއެކު ނަވީންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ގޭގެ ޗާލޫކަމާއި ބޮޑުކަމުން ލިބެންޖެހޭ އެއްވެސް ހިންހަމަޖެހުމަކާއި އަރާމެއް ނަވީންއަކަށް ނުލިބެއެވެ. އޭނާ އެ މުއްސަނދިކަން ދެކެ ނަފްރަތުކުރެއެވެ. އޭނާގެ ހަޔާތުގައި އެޅިފައިވާ ކަޅު ވިލާގަނޑުގެ ސިއްރަކީ އެ މުއްސަނދިކަމެވެ. އެ ހައިބަތެވެ. ކާރު ވައްދަން ބޮޑު ގޭޓެއް ވަކިން ހުރިއިރު ވަދެ ނުކުމެ އުޅެން ފަސޭހަ ކުޑަ ގޭޓެއްވެސް ހުއްޓެވެ. މުޅި ގޯތިތެރޭގައި ގާ ޖަހާފައި ހުރި ނަމަވެސް ގެއަށް ވަންނަން ދާ ވޯކްވޭގައި ވަނީ ފެހިކުލައިގެ ވިނަގަނޑެއް ހައްދާފައެވެ. ވިނަގަނޑުގެ ދެފަރާތުގައި ކާރު ޕާރކުކުރަން ވެގެން ޖަހާފައިހުރި ގާތަށް ހުރީ ރަތްކުލައިންނެވެ. ނަވީންގެ ކާރު ވަތްއިރުވެސް އެތަނުގައި އިތުރު ތިން ކާރު ބާއްވާފައި އޮތެވެ. ކަނާތްފަރާތުގައި ދެކާރެވެ. ވާތްފަރާތުގައި އޮތީ އެންމެ ކާރެކެވެ. ތަފާތު ވައްތަރުގެ ފެހިކުލައިގެ މާގަސްތައް ވަށާފާރު ކައިރީގައި ހައްދާފައި ހުރިއިރު ފާރަށް އަރާ ޒާތުގެ ގަހެއް ހައްދާފައި ހުރުމުން ފާރުފެންނަނީ ވެސް ހިންގައިމުކޮށެވެ. ވާތްފަރާތުގައި ބޮޑު މަސްފެންގަނޑެއް އޮތްއިރު އޭރުވެސް ކޮންމެވެސް މީހަކު ފެންގަނޑުގައި އުޅޭ މަސްތަކަށް ކާންދޭން ހަރަކާތްތެރިވާތަން ފެނެއެވެ. ކަނާތްފަރާތުގައި ބޮޑު އަނބުގަހެއް ހުރިއިރު ގަސް ބަރާވެފައިވަނީ މާ ތަކުންނެވެ. ނަވީން އިންދާ ޑްރައިވަރު އައިސް ކާރުގެ ދޮރުފަތް ހުޅުވާލަ ދީފައި ނުކުތުމަށް އެދުމާއެކު ހަމަބިމަށް އާދެވުނު މީހަކު ފަދައިން ނަވީން ސިހިފައި ކާރުން ފޭބިއެވެ. އެއަށްފަހު ހިނގަން ހަދާފައިވާ ވޯކްވޭއަށް އަރައިގެން އޭނާ ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ދޮރުން ވަދެފައި އޭނާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ވަންނަ ދޮރުގެ އެއްފަރާތުގައި ގޭގެ މައްޗަށް އަރާ ސިޑި އިންއިރު ސިޑިމަތީގައި ވަނީ ޓާރކިޝް ކުލައިގެ ކާރޕެޓެއް އަޅާލެވިފައެވެ. އެއްފަރާތުގައި ހަތަރެސްކަން ދޮރެއް ކަނޑާފައިވާއިރު އެއީ ގޭގެ ކޮޓަރިތަކަށް ދާން އޮތް މަގެވެ. އަނެއްފަރާތުގައި އޮތީ ގޭގެ ބޮޑު ކޮޓަރިއެވެ. ދޮރުގެ ކުރިމަތިން ކުޑަކޮއް ވާތް ފަރާތަށް ވާގޮތަށް އެތެރެއަށް ވަދެވެން ހުރިއިރު އެ ބަޔަކީ ކާ ބަޔާއި ނޯކަރުން އުޅެން ހަދާފައިވާ ބަޔެވެ. ބޮޑުކޮޓަރީގެ އެއްފަރާތުގައި ބޮޑު ދޮރެއް އިނެވެ.

ނަވީން ސިޑިން އަރަންވެގެން ހިނގައިގަތްތަނާ އޭނާގެ ކަންފަތުގައި ޖެހުނީ އޭނާގެ ބައްޕަ ޔާސިރު ގޮވާލިއަޑެވެ.

ނަވީންގެ މޫނުމައްޗަށް އެރީ ކޮންފަދަ ކުލަވަރެއްކަމެއް ނޭނގުނެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަމުން އޭނަ ފަހަތަށް އެނބުރުނުއިރު ތުންފަތައް ވެރިކުރުވާފައިވި ހިނިތުންވުމަކީ ގަދަކަމުން އޭނާ ވެރިކުރުވި އެއްޗެކެވެ. މުށްކަވާލެވުނު އަތް ޖީބަށް ކޮށްޕާލަމުން އޭނާ މަޑުމަޑުން ހިނގައިގަތެވެ. އޭރު ޔާސިރު އިނީ ބޮޑު ކޮޓަރީގެ ސޯފާތަކުން ސޯފާއެއްގައެވެ. ސޯފާތައް ވެސް ހުރީ ޓާރކިޝް ކުލައިގައެވެ. އިތުރު ފުރިހަމަކަމެއް އެ އެއްޗެއްސަށް ގެނެސްދެނީ ސޯފާތަކުގެ މަތީގައި އަޅާފައިވާ ތުނޑު ތުނޑު އަޅާފައިހުރި ރަން ކުލައިގެ ލޭސްފާޑު ފޮތިގަނޑެވެ.

ނަވީންގެ ލޮލުގައި އެ މީހުންގެ ކުންފުނީގެ ސެކެޓްރީ ޒުބައިރު އަޅައިގަތީދެނެވެ. މަޑުމަޑުން އައިސް އޭނާ ސޯފާގައި އިށީނީ ޔާސިރުގެ އެދުމާއެކުގައެވެ. ޔާސިރު އިނީ ކޯޓް ފަޓްލޫނުގައެވެ. ރަސްމީ އިއްޒަތުގައެވެ. މޫނުމަތިން ހަރުދަނާކަން ފެންނަމުން ދިޔައެވެ.

ޔާސިރު ފެށީ ކޮންމެވެސް ނުނިމި އޮތް ޕްރޮޖެކްޓެއްގެ ވާހަކައެވެ. ނަވީން ގާތުން ކަންތައްތައް އޮޅުން ފިލުވުމަށްފަހު އޭނަ ޒުބައިރު ގާތުގައި އެދުނީ އެކަންތައްތަކާ ޒުބައިރު ހަވާލުވުމަށެވެ. ހުއްދަ ހޯދައިގެން ނަވީން ހިނގައިގަތް އިރު ޔާސިރު ފޯނު ނަގާ މީހަކަށް ގުޅާލިއެވެ.

"ކޮބާ...... ހަބަރު ބަލާލަން ވެގެން މި ގުޅާލީ. އެނގެއެއްނު. އަހަރެން އަބަދުވެސް ގުޅާކަން..." ޔާސިރު ހިނިގަނޑެއްޖަހާލަމުން ބުނެލުމާއެކު ވަގުތުން ނަވީންގެ ފިޔަވަޅުތައް ހުއްޓުނެވެ. ކަންފަތް ހުޅުވާލަމުން އޭނާ ޔާސިރު ދައްކަމުންދިޔަ ވާހަކައަށް ސަމާލުވެލިއެވެ. ދަތްތައް ފިއްތާލިލެއް ބާރުކަމުން ކަތުރުކަށިގަނޑަށް ވެސް ތަދެއް އަރައިގެން ދިޔައެވެ. ނަވީން ސިޑިން އަރައިގެން ދިޔައިރު އެ މޫނުމަތިން ވަރުބަލިކަންވެސް ފެންނަމުން ދިޔައެވެ. ކަރުގައި އޮތް ޓައީ ދޫކޮށްލަމުން އޭނާ ގޮސް ސިޑިން އަރައިގެން އެންމެ ފުރަތަމަ ޖެހުނު ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. ވަންނަ ދިމާ ކުރިމަތިން ފެނުނު ދޮރު ފޮތިގަނޑު ކައިރިއަށް ގޮސް އޭނާ އެ ދޮރުފޮތި ގަނޑު ކަހާލިއެވެ. އެއަށްފަހު ބެލްކަންޏަށް ނުކުމެވެން އިން ބޮޑު ދޮރު ކަހާލުމަށްފަހު ދޮރު ހުޅުވާލިއެވެ. އެއާއެކު ދަމާފައިހުރ ރަންކުލައިގެ ވިދާ ޝާހީ ދޮރުފޮތިގަނޑު ނަށާލިއިރު މަތީގައި ހަރުކޮށްފައި އިން ފޮތިގަނޑުވެސް ވަޔާ ކޮންމެވެސް ވަރަކަށް ވިހުރެން ފެށިއެވެ.

ބެލްކަންޏަށް ނުކުމެ އަތުގައި ހުރި ބާރުލާފައި ރެއިލިންގެ ދަގަނޑުގައި ޖަހަމުން ނަވީން ކުޑަކޮށް ހަޅޭއްލަވައިގަތެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އޭނާ މަސައްކަތް ކުރީ އައިސްފައި ހުރި ރުޅިގަނޑު އެތެރެއަށް ހިންދާލެވޭތޯއެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުންވެސް އެހިތަށް ތަސައްލީއެއް ނުލިބުމާއެކު އެނބުރި ކޮޓަރިއަށް ވަދެ އޭނާ ގަސްތުކުރީ ފެންވަރާ ތާޒާވެލުމަށެވެ. ސިކުނޑި ހަމަޖައްސާލުމަށެވެ. ހަށިގަނޑު ތާޒާކޮށްލުމަށެވެ. ކޮޓަރީގެ ދޮރުން ވަންނައިރު އެއްއަރިމަތީގައި އެނދު ބައިންދާލެވިފައިވާއިރު ކިންގް ސައިޒް އެ އެނދުގެ ދެފަރާތުގައި ސައިޑް ކަބަޑް ހުރިއިރު އެ ކަބަޑު މަތީގައިވެސް ވަނީ ލޭމްޕެއް ބައިންދާލެވިފައެވެ. ބެލްކަންޏާ ދިމާ އެނދުގެ ވަ އަތް ފަރާތުގައި މަޑު ދަނބުކުލައިގެ މަހުމާ ފޮތީގެ ގޮނޑިއަކާއި ކުޑަ ކުޑަ މޭޒެއް ހުއްޓެވެ. އެ މޭޒުމަތީގައި މާޓުކުރިއެއްހުރިއިރު އަނެއްފަރާތުގައި ކުޑަ މޭޒަކާއި ސޯފާސެޓެއްވެސް ހުއްޓެވެ. އެނދުގެ ކުރިމައްޗަށް ވާގޮތަށް ހަތަރެސްކަނުގެ މަހުމާ ފޮތީގެ ކާރޕެޓެއް އަޅާފައިވެއެވެ.

އެނދުގެ ހެޑްބޯޑު އިންނަ ދިމާ ފާރުގައި ރީތި ފަރުމާއެއްގެ ވޯލް ޕޭޕަރއެއް ހަރުކުރެވިފައިވާއިރު އެނދު އިންފަރާތް ނޫން އަނެއްފަރާތުގައި އިނީ ފާހާނާއެވެ. ފާހާނާގެ އެއްފަރާތުގައި ކަހާލެވޭ ގޮތަށް ދޮރެއް ހުއްޓެވެ. ފެންވަރާ ނިންމާލުމަށްފަހު ތުވާލި އޮޅާލައިގެން ނުކުމެ ނަވީން ކަހާލީ އެދޮރެވެ.

އެއާއެކު އޭނާގެ ވޯޑްރޯބް ހާމަވެގެން ދިޔައެވެ. އަލިމާރީގެ ދޮރުފަތް ކަހާލުމާއެކު އޭނާ ލާން ކަމުދާ ކަހަލަ ގަމީހެއް ފެނޭތޯ ހޯދާލިއެވެ. އާދައިގެ ހުދުކުލައިގެ ޓީޝާޓަކާއި ސޯޓެއް ނެގުމަށްފަހު ވިސްނުމެއްފައި ހުރެފައި ދަމާލެވެން ހުރި ކުޑަ ވަތް ގަނޑެއް ދަމާލިއެވެ. އޭގައި ހުރީ ތަފާތު ވައްތަރުގެ ޓައީއެވެ. އޭގެ ތިރީގައި ހުރި ވަތްގަނޑު ހުޅުވާލިއިރު އޭނާ އަޅާ ގަޑިތަކެވެ. އޭގެ ތިރީގައި އިން ވަތްގަނޑު ހުޅުވާލިއިރު ވެސް އެ ޒާތުގެ އެއްޗެއްސެވެ.

އޭނާ އެތަނުގައި ހުރި ހަރުތަކަށް ނަޒަރެއް ދިނެވެ. އޭގައި ހުރީ އޭނާގެ ބޫޓު ތަކެވެ. ޔަގީނުންވެސް ދިހަވަރަކަށް ބޫޓު އުޅޭނެއެވެ. ހީވަނީ ކުޑަވަރެއްގެ ފިހާރައެއް ހެންނެވެ. އައި ރުޅީގައި ބޫޓު ތަކުގައި ޖަހާ މުޅިތަކަށް ބުރުވާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ އައިސްފައި ހުރި ރުޅިގަނޑު އެތެރެއަށް ހިންދާލަން މަސައްކަތް ކުރަނީ ހެންނެވެ. އެ އެއެއްޗެއްސަށް ބަލާލުމަށްފަހު ފަރުވާ ކުޑަގޮތަކަށް ދެފަރާތަށް ބޯ ހޫރާލުމަށްފަހު ނެގި ޓީޝާޓާއި ސޯޓު އަލުން އަނބުރާ އަލަމާރީގައި އަޅުވާލުމަށްފަހު އޭނާ ގޭގައި ނިދަން ލާ ސޯޓެއް ނަގައިގެން އެ ލުމަށްފަހު ތުވާލި އަޅުވާ އެތީގައި އަޅުވާލާފައި ނުކުތެވެ. އެއަށްފަހު ގޮސް އެނދުމައްޗަށް ވެއްޓިގަނެފައި އޭސީ ދަށްކޮށްލިއެވެ. ރަޖާގަނޑު ގައިގައި އަޅާލަމުން އޭނާ އަރާމު ފުން ނިދީގެ ތެރެއަށް ގެނބޭތޯ މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބު ނުވުމުން އޭނާ ގޮސް އިށީނީ ސްޓަޑީ ޓޭބަލް ކައިރީގައެވެ. އެއަށްފަހު ލެޕްޓޮޕް ހުޅުވާލަމުން އޭނާ އޭގެން ކޮންމެވެސް މަސައްކަތެއް ކުރަން ފެށިއެވެ.

އެ ގޮތުން އޭނާ ނެޓުން ސްކިޒޮފްރޭނިއާ ކިޔާ ބައްޔަކާ ބެހޭގޮތުން މައުލޫމާތު ހޯދަން ފެށިއެވެ. އެ ބައްޔަށް ދެވޭނީ ކޮންކޮން ފަރުވާތަކެއްކަމާ އެއީ ރަނގަޅުކުރެވޭ ބައްޔެއްތޯ ނުވަތަ ނޫންތޯ އޭނާ ދިރާސާކުރިއެވެ. އެތައްއިރަކު އެހެން އިނުމަށްފަހު މޯޅިއަކަށް ދެމިލަމުން ލެޕްޓޮޕް ލައްޕާލުމަށްފަހު އޭނާ ތެދުވީ ނިދިއައުމުންނެވެ. އެނދުމައްޗަށް ވެއްޓުމަށްފަހު އޭނާ ދެލޯ މަރާލިއެވެ.

"އަދި ކިތައް ދުވަހު އަހަރެން މިހެން އުޅެން ޖެހޭނީ... އަދި ކިތަށް ދުވަހު ހިތުގައި މިވާ ނަފްރަތު ފޮރުވައިގެން ފޭކު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން އުޅެން ޖެހޭނީ... ކުރަން ބޭނުންނުވާ އެތައްކަމެއް ކޮށްގެން މުޅި އުމުރަށް އަހަރެން ހުންނަންތަ ޖެހޭނީ... އެތައް ދުވަހަކު..... އެތައް ދުވަހަކު ހިތަށް އަރާ މި ޖަންގަންޖެއްފަދަ ހާލިން ނުކުމެގެން ހިނގައިދާނަމޭ. އެކަމަކު ކީ ކުރާނީ... އަހަރެންގެ ނިކަމެތިކަން.... އަމިއްލަ ހާލަތު ނިޔާކުރި ގޮތާ ރުހިގެން ހުރުން ނޫން ގޮތެއް ނެތީގަ؟ އަހަރެންގެ އަސްލު ހަޤީޤީ ސޫރަ ފޮރުވައިގެން އުޅެން ޖެހޭނީ ކިހާދުވަހަކު ކަމެއް ނޭނގެ... އެކަމަކު އަހަރެން މިކަން މިކުރަނީ އަހަރެންނަށް ޓަކައެއްނޫން... އަހަރެންގެ ހިތުގައި އެތަކެއް ކޫރުމެއް އެޅުނަސް، ރުޅިއައިސް ހަލާކުވިޔަސް، މި ހުރިހާ ކަމަކަށް ކެތްކުރަން އަހަރެން ކަނޑައެޅި އަޒުމް އެ ގޮތުގައި އަހަރެން ބާއްވާނަން...ކޮބާތަ ހަޤީގަތަކީ؟" ނަވީން އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އެތަކެއް ސުވާލެއް އޭނާ އަމިއްލަ ނަފްސަށް ކުރިމަތިކުރުވިއެވެ. ސިކުނޑިން ޖަވާބުދޭތޯއެވެ. ލިބިފައިވި ނުތަނަވަސްކަމަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ.

ނިދުމުގެ ކުރިން އޭނާ އަދިވެސް އެއްފަހަރު އިބާއަށް ގުޅާ ހަބަރު ބަލާލިއެވެ. ކަންތައްތައް ކިހިނެތްތޯ އެހިއެވެ. އިތުރު އެހީއަކަށް ބޭނުންވޭތޯ އޭނާ އިބާ ގާތުން އެހިއެވެ. އިބާ ނޫނެކޭ ބުނުމުން އޭނާ މާދަން ދާނަމޭ ބުނަމުން މާގިނަ ވާހަކަ ދެއްކުމެއްނެތި ނަވީން ފޯން ބޭއްވިއެވެ.

ބިޒްނަޒް އެކްޕާރޓްސް ކުންފުންޏަކީ ރާއްޖޭގައި އޭވިއޭޝަންގެ ހިދުމަތް އަދި ސިއްހީ ހިދުމަތުގެ އިތުރުން ކޮންސްޓްރަކްޝަން އަދި ރިސޯޓް ބިޒްނަސްގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ހިންގަމުން ދާ ކުންފުންޏެކެވެ. މިވަގުތު ރާއްޖޭގައި އޮތް އެންމެ މަޝްހޫރު އެންމެ ބާރުގަދަ ކުންފުންޏަކީ އެއީއެވެ. އެމީހުންނާ ކިރިއާ ވެސް ވާދަކޮށްލެވޭ ކުންފުންޏަކަށް އުޅެނީ ދި ރެޑް ލީފް ކުންފުންޏެވެ. ބިޒްނަސް އެކްޕާރޓްސް ގެ މައި އޮފީހަކީ އެ ކުންފުނީގެ މައިގަނޑު ހުރިހާ މަސައްކަތެއް ކުރާ ދިހަ ފަންގިފިލާގެ ބޮޑު އިމާރާތެކެވެ. އެ އިމާރާތުގެ ނުވަވަނަ ފްލޯއާއި ދިހަވަނަ ފްލޯ ހާއްސަކޮށްފައިވަނީ ކުންފުނީގެ ވެރިން އަރާމުކޮށްލުމަށް ހަދާފައިހުންނަ ކޮޓަރިތަކުންނާއި ވާހަކަދައްކާލަން ހަދާފައި ހުންނަ ކޮންފަރެންސް ރޫމްތަކުންނެވެ. ކުންފުނީގެ ޗެއާރމަން އަކީ ނަވީންގެ ބައްޕައެވެ. އެމްޑީގެ މަގާމަށް ނަވީން އައްޔަން ކުރެވިގެން ދިޔައީ މީގެ މަސް ދުވަސް ކުރިންނެވެ. އޭގެ ކުރިން އޭނާ ހުރީ މެނޭޖަރެއްގެ މަގާމުގައެވެ. ކުންފުނީގެ ސެކެޓްރީގެ މަގާމުގައި ހުރީ ޒުބައިރުއެވެ.

ކުޑަކޮށް ވިއްސާރަދުވަހެކެވެ. އޮފީހަށް އަންނަ ހިތް ނުވެފައި ހުރެވެސް ނަވީން އޮފީހަށް އައީ މަޖުބޫރީ ހާލަތު ހިތަށް އަރުވާލާފައެވެ. މީހަކު މަޖުބޫރު ކުރާތީއެއް ނޫނެވެ. ބިރުދައްކާތީއެއްވެސް ނޫނެވެ. އެހެންނަމަވެސް އަމިއްލަ ނަފުސު އޭނާއަށް މަޖުބޫރު ކުރާ ކަންތަކެއްގެ ސަބަބުންނެވެ. ބޭނުންނުވާ ކިތަންމެ ކަމެއް ކުރެވެނީ އެހެންވެއެވެ.

އޮފީސް ނިންމާލާފައި އާދައިގެ ނަވީން ދި ޓެން އެޕާރޓްމެންޓްސްއަށް މިސްރާބުޖެހީ އޭނާގެ ޑްރައިވަރު ވިކާޝްއާ އެކުގައެވެ. ކުރީގައި އޭނާގެ ސެކެޓްރީ އާހިލްއިނެވެ. އޭނާގެ ހުރިހާ ސިއްރުތަކެއް ހިފައްޓާދޭ ގާތް އެކުވެރިޔާވެސް މެއެވެ. ކުރާ ކޮންމެ ކަމެއްގައި އޭނާގެ ފަހަތުގައި އެއްބާރުލުން ދޭން ހުންނަ ފަރާތެވެ. އޮފީސް މާހައުލުގައި އުޅޭއިރު އެހާ ގާތް ކޮށް ވާހަކަ ނުދެއްކިނަމަވެސް ދެމީހުން އެކަނި ވާ ވަގުތު ތަކުގައި ވާހަކަ ދައްކަނީ ގާތް އެކުވެރިން ފަދައިންނެވެ. ހަޔާތުގެ ސަފްހާތައް އެކަކު އަނެކަކަށް ހިއްސާކުރެއެވެ. ކަމެއް ހަނދާންވާ ފަދައަކުން ނަވީން ކޮންމެވެސް މީހަކަށް ގުޅާލިއެވެ. އެކޮޅުން ދިން ޖަވާބު އަޑު އަހާފައި އޭނާ ޑްރައިވަރާ ވާހަކަދެއްކިއެވެ. ނަވީންގެ އެދުމަށް ޑްރައިވަރު ވިކާޝް ކާރުގެ މިސްރާބު ބަދަލުކޮށްލަމުން ދުއްވާލިއެވެ. ނަވީން މެން ކާރު މަޑުކޮށްލީ ކުޑަވަރެއްގެ ގެއެއްގެ ކުރިމައްޗަށެވެ. މަޑުކުރުމަށް ޑްރައިވަރު ގާތުގައި މަޑުކުރުމަށް ބުނެފައި ނަވީން އާއި އާހިލް ގޭޓުން އެތެރެއަށް ވަނީ އެކުއެކީގައެވެ. ގޭގެ ބެލް އަޅާލުމާއެކު ލަސްނުކޮށް އެތެރޭން ދޮރު ހުޅުވާލީ ނޭޕާލް އަންހެން ކުއްޖެކެވެ. އެތެރެއަށް ވަނުމާއެކު އެ ކުއްޖާ ދާންވީ މިސްރާބު ދައްކައިދިނެވެ. އެމީހުން ގޮސް ވަނީ ކުޑަވަރެއްގެ ކޮޓައިއަކަށެވެ. ވަށްމޭޒެއްގެ ވަށައިގެން ގޮނޑި ޖަހާފައި ހުރިއިރު ހަރުތަކުގައި ހުރީ ފައިލްތަކެކެވެ. މާ ބޮޑު ފަރުނީޗަރެއްނެތެވެ.

ނަވީން ފެނުމާއެކު އެތަނުގައި އިން ނަވީންގެ ބައްޕަ އުމުރުގެ މީހާ ހިނިތުންވެލިއެވެ. ނަވީން ވެސް ރައްދުގައި ހިތި ހިނިތުންވުމެއް ދިނެވެ. އެއަށްފަހު އައިސް އިށީނެވެ. އޭނާ ވާހަކަ ފެށުމުގެ ކުރިން އެ ފިރިހެންމީހާގެ މޫނަށް ބަލަން އިރުކޮޅަކު އިނެވެ.

ޝަކީބު ޖަހާލީ ހިނިގަނޑެކެވެ. ނަވީންގެ ދެބުމަ ގާތްވެގެން ދިޔަނަމަވެސް ރުޅިއައިސް އެއްޗެއް ބުނަން ގަސްތު ނުކުރާފަދައެވެ. އަތުގައި ހުރި ބާރު ލާފައި މޭޒުގައި ޖަހާލި އަޑަށް ޝަކީބު ހަމަހިމޭންވިއެވެ.

"އަހަރެން މިއައީ އަދިވެސް އެއްފަހަރު ކަލެއާ ސުވާލުކުރަން..... އެކަން އެހެން ހިނގަން މެދުވެރިވީ ކީއްވެކަން ކަލެއަށް އެއްވެސް ވަރަކަށް އެނގޭތަ؟" ނަވީންގެ އަޑު މަޑުނަމަވެސް ސީރިއަސް ގޮތަކާއި ނުރައްކާތެރި ގޮތެއް އެ އަޑުގައި ވެއެވެ. ޝަކީބުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނިލިއެވެ.

"އަހަރެންނަކަށް ނޭނގެ. އަހަރެންނަށް އެނގޭ ވަރަށް ނަވީންއަށް ހުރިހާ ވާހަކައެއްވެސް ކިޔައިދިނިން. އަހަރެންގެ ފަރާތުން އިތުރަށް އެނގޭކަށް އެއްވެސް ކަމެއް ނޯންނާނެ. އަހަރެން އެކަންތައް ސިއްރު ކުރާނަމަ ކީކުރަން އެ ހުރިހާ ވާހަކައެއް ނަވީންއަށް ކިޔައިދޭންވީ... ސިކުނޑިން ވިސްނާނީ... ހިތަކުން ނޫން. ޖަޒުބާތުގަ ޖެހިގެން އައިސް އަހަރެން ގާތު ތިހެން ކިތަންމެ ފަހަރަކު އެހިޔަސް އަހަރެންނަށް ދެވެން އޮންނާނީ އެންމެ ޖަވާބެއް... ކިޔައިދެވޭނީ އެއްވާހަކަތަކެއް" ޝަކީބު ހަމަޖެހެމުން ވާހަކަދެއްކިއެވެ.

"ހަނދާން ކުރައްޗޭ. އިތުރު ކަމެއް ނުބުނެ ހުއްޓާ އަހަރެންނަށް އެނގޭ ދުވަހަހަކުން ކަލޭއަށް ރަނގަޅެއް ނުވާނެ... އެ ދުވަހަކުން އަހަރެން ގެ ދެއަތުން ކަލޭގެ ފުރާނަ ދުއްވާލަން ވެސް ފަހަތަކަށް ނުޖެހޭނަން" ނަވީން ބުނެލިއެވެ. އެއަށް ރައްދު ދޭކަށް ޝަކީބު ބޭނުމެއް ނުވިއެވެ. ޝަކީބުގެ ދުލުން އިތުރު އެއްވެސް އެއްޗެއް ބޭރު ނުވާނެކަން އެނގި ހުރެ ނަވީން އާހިލްއާއެކު ނުކުތެވެ.

"އަހަރެންނަށް އަދިވެސް އޭނައާ މެދު ޝައްކު... އޭނަގެ ހަރަކާތްތަކަށް ފާރަވެރި ވައްޗޭ... އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވޭނެ" އާހިލްއަށް ބަލާލާ ބޯޖަހާލަމުން ނަވީން ބުނެލިއެވެ. އާހިލް ބޯ ޖަހާލިއެވެ.

އެހެންހުއްޓާ އިބާގެ ފޯނު ކޯލެއް ނަވީންއަށް އައެވެ. އޭނާ އާހިލްއަށް ބަލާލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ބުނެލި ވާހަކައިން ހާސްވެގެންދިޔަ ފަދަ އަސަރުތަކެއް ނަވީންގެ މޫނުމަތިން ފެނިގެންދިޔައެވެ.

"ހިނގާ ދާން" ނަވީން ފުންނޭވާއެއް ދޫކޮށްލަމުން ބުނެލީ އުދާސްވެފައިވާ ފަދައަކުންނެވެ. އާހިލް ނަވީންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ލާފައި ހުރި ކަޅު ކުލައިގެ ސޫޓް ރަނގަޅު ކޮށްލަމުން ނަވީން ގޮސް ކާރުގެ ފަހަތަށްއެރުމާއެކު އާހިލްވެސް ކުރީ ސީޓަށް އެރިއެވެ. ޑްރައިވަރު ކާރު ދުއްވާލުމާއެކު ދާންވީތަން ނަވީން ބުނެލިއެވެ.

މަންޒިލާ ހަމައަށް ވާސިލް ވުމުން ނަވީން އަވަސް އަވަހަށް ކާރުން ފޭބިއެވެ. އާހިލް ފޭބިނަމަވެސް އޭނާ ގޭތެރެއަށް ވަންނަން ނޫޅުނީ މިވީ ހާ ދުވަހު ނަވީން އެކަނި އެގެއަށް ވަންނާތީއެވެ. އޭނާވެސް އެގެއަށް ވައްދަން ނަވީން ބޭނުންނުވަނީ ކީއްވެކަން ހުދު އާހިލްއަކަށް ވެސް ނޭނގެއެވެ.

"ހިނގާ އަހަރެންނާއެކު.... މިއަދު އާހިލް އަހަރެންނާއެކު އެގެއަށް ވަންނާނެ" ނަވީން ބުނެލިއެވެ. ހަރު ފިޔަވަޅުތަކެއްގައި ގޮސް އޭނަ ލިފްޓް ކައިރީގައި ހުއްޓުނެވެ. އާހިލްވެސް މެއެވެ. ލިފްޓްއައުމާއެކު އަވަސް އަވަހަށް އެތެރެއަށް ދެމިގަނެ ހަވަނަ ފަންގިފިލާއަށް އޮބާލިއިރުވެސް ނަވީންގެ ހިތް ހީވީ ބޭރަށް ފުންމާލަފާނެހެންނެވެ.

ހުއްޓުމާއެކު އޭނާ ގޮސް އެޕާރޓްމެންޓްގެ ކޯޑް ޖަހާ ހުޅުވާލިއެވެ. އެއަށްފަހު އޭނާ މަޑުކޮށްލިއެވެ. އާހިލްއަށް ބަލާލާފައި އެންގީ ބޫޓް ބޭލުމަށެވެ. އާހިލް އިތުރު އެއްޗެއް ނުބުނެ ނަވީން ބުނި ގޮތަށް ކަންތައް ކުރިއެވެ. ބޫޓް ބާލާ ބޭރުގައި ބެހެއްޓުމަށްފަހު ދެމީހުން އެތެރެއަށް ވަނެވެ. އެއާއެކު ނަވީންގެ ހަރަކާތްތައް މަޑުޖެހިލިއެވެ. ކުޑަ ހިނދުކޮޅަކަށެވެ. ކާ މޭޒު ދޮށުގައި ކަންފަތުގައި އަތް އަޅާލައިގެން އިން މީހާ ފެނި އޭނާއަށް ބާރު ފިޔަވަޅުތަކެއް އެދިމާލަށް އެޅެން ފެށުނެވެ.

(ނުނިމޭ...)

https://sun.mv/122080

comment ކޮމެންޓް