ގޮންޖެހުންތަކާއެކު ވެސް ނައިފަރު ޖުވެނައިލްގެ ޓާޓްލް ފެސްޓް ކާމިޔާބުކަމާއެކު ނިންމާލައިފި

ޓާޓްލް ފެސްޓިވަލުގެ ތެރެއިން -- ސަން ފޮޓޯ

(ޅ.ނައިފަރު): ވެލާ ކަހަނބު ދިރުވާ އާލާކޮށް، އަނިޔާލިބިފައިވާ ވެލާ ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރާ ނައިފަރު ޖުވެނައިލް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޓާޓްލް ފެސްޓިވަލް މިއަހަރުވެސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިއަދު ނައިފަރު ޓާޓްލް ބީޗުގައި ކުރިއަށް ގެންދިޔަ ޓާޓްލް ފެސްޓިވަލަށް ރަށުގެ ގިނަ އަދަދެއްގެ މީހުންނާއި ކުދިންގެ އިތުރުން ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ނ. މިލަދޫ ހިދާޔާ ސްކޫލުގެ ދަރިވަރުންވެސް ޒިޔާރަތް ކުރިއެވެ.

ތިމާވެށި ހިމާޔަތްކޮށް ކަނޑުގެ ދިރުންތަކުގެ ހައްގުގައި މަސައްކަތް ކުރާ ބައެއް ޖަމްއިއްޔާތަކުގެ ބައިވެރިވުމާއި ކައިރި ރިސޯޓުތަކުގެ އެއްބާރުލުމާއެކު މިއަދު ކުރިއަށްގެންދިޔަ ޓާޓްލް ފެސްޓިވަލަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ހޭލުންތެރި ކުރުމުގެ ހަރަކާތްތަކާއެކު ކުރިއަށްގެންދިޔަ ފެސްޓިވަލެކެވެ.

ޓާޓްލް ފެސްޓިވަލުގެ ތެރެއިން -- ސަން ފޮޓޯ

ނައިފަރު ޖުވެނައިލްގެ ވައިސް ޗެއާޕާސަން މުހައްމަދު އަހުމަދުފުޅު (ކަންމަ) ވިދާޅުވީ ފާއިތުވި ތިން އަހަރު ކާމިޔާބުކަމާޢެކު ކުރިއަށްގެންދިޔަ ފެސްޓިވަލާ މިއަހަރު ކުރިމަތިލީ ގޮންޖެހުންތަކަކާއެކު ކަމަށެވެ.

"މި ފެސްޓިވަލް އިންތިޒާމު ކުރުމުގައި ވަރަށް ދަތި އުނދަގުލުގައި މިހިސާބަށް މިއައީ. އެއީ އަޅުގަނޑުމެންގެ ފެސްޓިވަލްގައި ބައިވެރިވުމަށް ތިބި ވަރަށް ގިނަ ފަރާތްތަކުން އެކި އެކި ސަބަބުތަކާހުރެ ފަހަތަށް ޖެހި، ފެސްޓިވަލްގައި ބައިވެރިވުމަށް ބައެއް ދަތިތަައް ހުރިކަން ފާހަގަ ކުރަން،" ކަންމަ ވިދާޅުވީ ނައިފަރު ޖުވެލައިން އިން ވެލާ ކަހަނބު ދިރުވާ އާލާކޮށް އެތަކެތީގެ މާހައުލަށް އަނބުރާ ދޫކުރުމުގެ މަސައްކަތް ކުރަނީ އެކަމަށްޓަކާ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.

"އަޅުގަނޑުމެން މިކަން މިކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން. އަދި އެކަމަށްޓަކާ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ހުއްދަތަކާއެކު،" ބައެއް ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ މަންފާއެއް ހޯދުމަށް، ޖުވެނައިލްގެ މި މަސައްކަތް ހިނގަމުންދާގޮތާމެދު ނުރަނގަޅު ތަސައްވަރެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ޓާޓްލް ފެސްޓިވަލުގެ ތެރެއިން -- ސަން ފޮޓޯ

ޖުވެނައިލް އިން ވެލާ ކަނހަބު ދިރުވާ އާލާކޮށް، މަސައްކަތްކުރާ ބިމާމެދު ނައިފަރު ކައުންސިލާއި ޖުވެނައިލް އާއި ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

މިއަދުގެ ފެސްޓިވަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެލާ ކަހަނބު ބަލަހައްޓާ ކޮންޒަވޭޝަން ސެންޓަރުގެ މެރިން ބަޔޮލޮޖިސްޓު ކޯޓްނީ ލުއިން ވިދާޅުވީ މިއަހަރުގެ ފެސްޓިވަލްގެ އެންމެ ބޮޑު އަމާޒަކީ ސިންގަލް ޔޫސް ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް އަންގައިދީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ބާރުއެޅުން ކަމަށެވެ. ފެސްޓިވަލް ކުރިއަށްދިޔައިރު އެ ސަރަހައްދުގައި ޕެޓް ފުޅިއާއި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރުމަށް ވަނީ ބާރު އަޅައިފައެވެ.

ޓާޓްލް ފެސްޓިވަލްގެ ތެރެއިން ހަތަރު ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވެލިން ސްކަލްޕްޗާ ހެދުމުގެ މުބާރާތަކާއި ކޭކު މުބާރާތެއްގެ އިތުރުން އުކާލާ ކުނި ރިސައިކަލް ކޮށްގެން ހެދުން ޑިޒައިން ކުރުމުގެ މުބާރާތެއްގެ އިތުރުން ތިމާވެއްޓާޢި މެރިން އެންވަޔަރަމެންޓާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓާޓްލް ފެސްޓިވަލުގެ ތެރެއިން -- ސަން ފޮޓޯ

ކޭކު މުބާރާތުން އެއްވަނަ ލިބުނީ މާއިސާ އާދަމް އަށެވެ. ސޭންޑް ސްކަލްޕްޗާ ހެދުމުގެ މުބާރާތުން އެއްވަނަ ޓީމް އަބްދޯ އާޓް އަށް ލިނުނު އިރު ޑްރެސް މޭކިން އިން އެއްވަނަ ލިބުނީ ޖަވާދާ އަހުމަދަށެވެ.

ޓާޓްލް ފެސްޓިވަލް ކުރިއަށްގެންދިޔައީ ކަނުހުރާ ރިސޯޓާއި، ޅ އަތޮޅު ކައުންސިލް އަދި ފެލިވަރު ފިޝަރީޒްގެ އެހީތެރިކަމާއެކު އެވެ. މީގެ އިތުރުން ބަޑީސް ނެޓް، އަކުއާ ގާޑެން އިން ދިން އެހީތެރިކަން ނައިފަރު ޖުވެނައިލް އިން ފާހަގަ ކުރެއެވެ.

ޓާޓްލް ފެސްޓިވަލުގެ ތެރެއިން -- ސަން ފޮޓޯ

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ ފެސްޓިވަލުގައި ސްޓޯލްތައް ބަހައްޓާފައިވަނީ މޫދު މާލިމީ، ބައިކް މޯލްޑިވްސް، މަންތާ ޓްރަސްޓް، އޮލިވް ރެޑްލީ، އެޓޯލް މެރިން ސެންޓާ، ބެނެފިޓް، އިކޯ ޔޫތް، އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ސޮނޭވާ ޖާނީ އިން ނެވެ. މި ފެސްޓިވަލްގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ.

comment ކޮމެންޓް