މި މަސްވެރިން ތަފާތޭ! ކުދިކުދި ކަންނެލި އޮޑިތަކެއްގައި!

އައްޑޫ މަސްވެރިން މަހަށް ދާ އުޅަނދު ފަހަރު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހުކުރު ދުވަހެއްގެ ނުވަގަޑި ވަގުތު އައްޑޫ ހިތަދޫ ލިންކުރޯޑުން އުތުރުކޮޅަށް ދުއްވާފައި ދަނިކޮށް ލޮލުގައި އަޅައިގަތީ، މަގުގެ އެއް ކައިރީ ބަހައްޓާފައި ހުރި ގާޑިޔަލެއްގެ ކައިރީ މާގިނައިން މީހުން ޖަމާވެފައި ތިބީމަ އެވެ. ކައިރިވެލުމުން އެނގުނީ އެއީ ހިތަދޫ މަސްވެރިންކަމެވެ. އެ މީހުން ކިޔައިދޭ ވާހަކަތައް ގިނަވެފައި ބޮޑުވުމުގެ އިތުރަށް މިއީ މުޅިން ތަފާތު ލައިފްސްޓައިލްއެއްގެ ބަޔަކެވެ.

ހިތަދޫގެ މި މަސްވެރިން ބުނާ ގޮތުން، އެ މީހުން މިހާރު މަސްވެރިކަން ކުރާ ގޮތް ވަނީ މުޅިން ބަދަލުކޮށްލައިފަ އެވެ. އެ ދިމާލު ބޭރުން ފަޅުގައި އަޅާފައި އޮތް ކުޑަވަރެއްގެ ޑިންގީއެއް ޒާތުގެ ލޯންޗެއް ދައްކާލުމަށް ފަހު، އެތަނުން ދެތިން މީހަކު ބުނީ އެ މީހުން މަސްވެރިކަމަށް ނިކުންނަނީ އެ ކުޑަކުޑަ ޑިންގީގައި ކަމަށެވެ. އޭގެ 10 ވަރަކަށް ޑިންގީ އެދިމާލުގައި ހުއްޓެވެ.

އެމީހުން ބުނި ގޮތުގައި، އެމީހުން މަސްވެރިކަމަށް ދަނީ ބޮޑެތި ދޯނިތަކުގައެއް ނޫނެވެ. ގިނަ މީހުން މަހަށް ނުކުމެ އުޅެނީ ޑިންގީތަކުގަ އެވެ.

ވަރަށް ޝައުގުވެރިވެ އެ ޑިންގީގައި އެމީހުން ކުރާ މަސްވެރިކަމާ ބެހޭ ގޮތުން އިތުރަށް ސުވާލުކުރަން ފެށީ އެވެ. އެ މީހުން ބުނާ ގޮތުގައި ކަންނެލި ބާނަނީ އެ ޑިންގީތަކުގައި މާކަނޑަށް ނުކުމެ އެވެ.

"ޑިންގީގައި ހަތަރު ވަރަކަށް މީހުން މަސްވެރިކަމަށް ނުކުންނަނީ. ހަމަ މުޅިން ވެސް ދިވެހިން ދާނީ،" ހިތަދޫގެ މަސްވެރިޔާ އަބްދުﷲ އިބްރާހިމް ބުންޏެވެ.

އައްޑޫގައި މަސްވެރިކަން ކުރާ ޑިންގީތައް އަޅާފައި -- ސަންފޮޓޯ/ ފަޔާޒު މޫސާ

ޑިންގީގައި އެގޮތަށް މަސްވެރިކަން ކުރުން އެއީ އަލަށް ފަށައިގެން އުޅޭ ކަމެއްތޯ އަހާލުމުން އަބްދުﷲ ބުނީ އިހު ޒަމާނުއްސުރެ ވެސް އައްޑޫގައި މަސްވެރިކަން ކޮށްއުޅެނީ ހަމަ އެހެން ކަމަށެވެ.

"އިހުޒަމާނުއްސުރެ ވެސް ހަމަ ކުރާ ކަމެއް މީ. ކުރީގައި ދެން ބޮއްކުރާގައި ފަލީގައި ދާނީ. މިހާރު ދެން އިންޖީނު އެޅި އެއްޗިހީގައި މިދަނީ،" އަބްދުﷲ ބުންޏެވެ. އެ މީހުން މާކުރިން ވަނީ ބޮޑެތި މަސް ދޯނިތައް ދޫކޮށްލައި މިނީ މަސްދޯނިތަކަށް ބަދަލުކޮށްލައިފަ އެވެ.

ހިތަދޫ މަސްވެރިން ބުނިގޮތުން ހަމައެކަނި އެރަށުގައި ވެސް މަސްވެރިކަމަށް ނުކުންނަ 50 ވަރަކަށް ޑިންގީ އޮވެ އެވެ. އަދި މީގައި މޮޅު ތަންކޮޅަކީ އެމީހުން މަސްވެރިކަމަށް ނުކުންނަ ވަކި ގަޑިއެއް ވެސް ނޯންނާތީ އެވެ. އާންމުކޮށް މީހުން މަހަށް ފަތިހު ފުރި ނަމަވެސް އެމީހުން މެންދުރު ފަހު ވެސް ގޮސް މަސް ބާނާލައިގެން ރަށަށް ލަފަ އެވެ. އެކަހަލަ ޑިންގީގައި ފަތިހު ފުރާ މަސްވެރިން މަސްބާނާ ފުރާލައިގެން ހެނދުނު 10 ޖަހާލަން ވާއިރަށް ރަށަށް ލަފާ ކަމަށް އަބްދުﷲ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ޑިންގީގައި ވެސް މަސްވެރިކަން ކުރުމަކީ ހަމަ ކުރެވޭނެ ކަމެކެވެ. އެމީހުން އޭގައި ނުކުމެ ބާނަނީ ރާގޮނޑި ލައްޓި އެއްޗިއްސެއް ނޫނެވެ. ކުރަނީ ކަންނެލީގެ މަސްވެރިކަމެވެ. ކޮންމެއަކަސް އައްޑޫގެ މަސްވެރިން މިވީ ތަފާތު ބަޔަކަށްތާ އެވެ. މަސް ބާނައިގެން އައިސް އެމީހުން އެމަސް ވިއްކަނީ ވެސް އައްޑޫ މީހުންނަށެވެ.

އައްޑޫ މަސްވެރިއަކު 'ސަން' އާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"ހަރަދު ކަނޑާފައި މަހަކު ގާތްގަނޑަކަށް 70،000 ރުފިޔާ ލިބޭ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނަމަ." އަބްދުﷲ ބުންޏެވެ.

ކޮންމެވެސް ވަރަކަށް ހަރަދުތަކެއް ހިނގި ނަމަވެސް ބޮޑު ދޯންޏެއްގައި މަހަށް ގޮސްގެން ހިނގާ ހަރަދާ ގާތަށް ވެސް ހަރަދުތަކެއް ނުހިނގަ އެވެ. ރަށުގައި އަނބިދަރިން ކަރީގައި ތިބެގެން ރަނގަޅު އާމްދަނީއެއް އެ މީހުން ނަގަނީ މި މަސައްކަތުން އެވެ. އަނެއްކާ މި މަސްވެރިކަމުގައި އުޅެނީ މާ ދުވަސްވީ މީހުންނެއް ވެސް ނޫނެވެ. ޒުވާނުން ވެސް އައްޑޫގެ އެ ކުދި ކަންނެލި އޮޑި ފަހަރުގައި މަސްވެރިކަމަށް ނުކުންނަން ފަށައިފި އެވެ.

އެމީހުން މަސް ބާނައިގެން އައިސް އަތިރިމަތީގައި ހުންނަ މަހުގެ ވިޔަފާރި ކުރާ މީހަކަށް މަސްކޮޅު ވިއްކާލައި ބޮޑު ފައިދާއެއް ނަގަނީ އެވެ. މަސް ރަށުތެރެއަށް ވިއްކުމުގައި ހަރަކާތްތެރިވަނީ މި ބްރޯކަރެވެ. އެ ބްރޯކަރު ހުންނަނީ، އަމިއްލަ އައިސް ފޮށިތައް ވެސް އިންވެސްޓްކޮށް އެސަރަހައްދުގައި ބަހައްޓާފަ އެވެ.

އެކަމަކު އެ މަސްވެރިންގެ ގިނަ ޝަކުވާތަކެއް ވެސް އެބަހުއްޓެވެ. އައިސް ނުލިބުމުގެ ޝަކުވާ އެވެ. އެމީހުންގެ އެ ކުދި އޮޑި ފަހަރު ރެޖިސްޓްރީކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ޝަކުވާ އެވެ. ސަރުކާރުތަކުން އަޅާނުލާ ވާހަކަ އެވެ. އައްޑޫގައި މަސްވެރިކަމެއް ކުރާ ކަމަށް ސަރުކާރުތަކުން ނުދެކޭކަމުގެ ޝަކުވާ އެވެ. މިއީ އަހަރެމެން ނޫސްވެރިން ކުރިމައްޗަށް މަސްވެރިން ބަންޑުން ކޮށްލި ޝަކުވާތަކެވެ.

"މިހާރުދެން މިސަރުކާރުން އެބަ ކިޔާ ކައުންސިލަށް ބާރުތައް ދޭ ވާހަކަ. އެކަމަކު އަދިއެއް ނުވޭ. ކުރީ ދުވަހު ވެސް އަހަރުން ލޯންޗު ރެޖިސްޓްރީ ކުރަންވެގެން ދިޔައިމަ އެކަމެއް ނުވޭ." އައްޑޫ މަސްވެރިއަކު ބުންޏެވެ.

އެމީހުން ބުނާ ގޮތުން އާންމު ރައްޔިތު މީހާ ގަވައިދަށް ފެތެން އެހާބޮޑު ތަކުލީފެއް އުފުލަން ޖެހުމަކީ ކަންބޮޑުވުމެކެވެ. ގަވައިދަށް ފެތެން ރައްޔިތުން މަސައްކަތް ކުރާއިރު އެކަން އުނދަގުލަކަށް ވެފައި އޮތުމަކީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި އައްޑޫ މަސްވެރިން ފާހަގަކުރި އެވެ. މަސްވެރިން ބުނާ ގޮތުން އެމީހުން މަސްވެރިކަމުގެ ލައިސަންސް ނަގަން އަދި އުޅަނދު ރެޖިސްޓްރީ ކުރަންވެސް އަދި ވެސް ދަތުރު ހަދާފައި ދާން ޖެހެނީ މާލެ އެވެ.

އައްޑޫ މަސްވެރިން މަސް ބާނައިގެން އައުމުން މަސް ގަނެ ރަށުތެރެއަށް މަސް ވިއްކާ މީހުންގެ އައިސް ފޮށިތައް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެކަމަކު މަސްވެރިންގެ އެވާހަކަތައް ފިޝަރީޒް މިނިސްޓްރީއިން ދޮގު ކުރެ އެވެ. ފިޝަރީޒް މިނިސްޓްރީއިން ބުނާ ގޮތުން މަސްދޯނި ފަހަރު ރެޖިސްޓްރީ ކުރުމާއި ލައިސަންސް ހޯދުމަށް އެދި ރާއްޖޭގެ ކޮންމެ ރަށެއްގެ ކައުންސިލް އިދާރާ ނުވަތަ ސިޓީ ކައުންސިލް އިދާރާ މެދުވެރިކޮށް ފިޝަރީޒް މިނިސްޓްރީއަށް އީމެއިލް ފެކްސް އަދި ޖެމްސް މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ.

"ކައުންސިލް އިދާރާ މެދުވެރިކޮށް މަސްވެރިކަމުގެ ލައިސަންސް ލިބޭނެ ގޮތް ހަމަޖެހިފައިވާނެ،" ފިޝަރީޒް މިނިސްޓްރީއިން ބުންޏެވެ.

ކޮންމެއަކަސް އައްޑޫގައި މިއުޅެނީ އާދަޔާ ހިލާފު އަދި ހައްޓަށް ލުއި މަސްވެރިކަމެއް ކުރާ ބައެކެވެ. މާ ދުރަކަށް ދަތުރެއް ނުކުރެ އެވެ. އައްޑޫ މީހުން ކައިގެން ބޮއުގެން އުޅޭނެ މަސް އެމީހުން ރަށަށް އެ އެތެރެކުރަނީ އެމީހުންގެ ކުދި ކުދި ކަންނެލި އޮޑި ފަހަރުގަ އެވެ.

comment ކޮމެންޓް