އަމީނިއްޔާގެ ޕްރިންސިޕަލްކަމުން އާތިޔާ ވަކިކުރުން ގާނޫނާ ހިލާފު، ބަދަަލަށް 155،000 ރުފިޔާ

(ވ3) އާތިޔާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު އާއި އެ ސްކޫލްގެ ދަރިވަރުންތަކަކާ އެކު ----- ފޮޓޯ/ އަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން އާތިޔާ ނަސީރު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 155،000 ރުފިޔާ ދިނުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން އަމީނިއްޔާ ސުކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމުގައި ހުންނަވަނިކޮށް ސިވިސް ސާވިސް ކޮމިޝަން އިން އާތިޔާ ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޕްރީލް، 14، 2015 ގަ އެވެ.

މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ސީވިސް ސާވިސް އިން އާތިޔާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި ބަދަލެއްގެ ގޮތުގައި ހަ މަސް ދުވަހުގެ މުސާރަ އެއްކޮށް ދިނުމަށެވެ.

އާތިޔާ މިރޭ "ސަން" އަށް ވިދާޅުވީ، އެތައް ދުވަހަކަށް ފަހު އިންސާފު ލިބުނީތީ އުފާ ކުރާ ކަމަށެވެ. ބަދަލަށް ވުރެ ބޮޑަށް ބޭނުންވީ، ކުރިން ބޮލުގައި އެޅިފައިވާ ހަޑި ނަން ސާފުވުމަށް ކަމަށާއި ނަން ސާފު ވުމުން ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.

"އަޅުގަނޑަކީ އެތައް ދަރިވަަރުންނަށް ކިޔަވައިދިން ޓީޗަރެއް. އެގޮތަށް ވަޒީފާ އިން ކަނޑާލުމުން ނަމަށް ކިލިނބުކަންއައި. ހުކުމާ އެކު ނަން ސާފުވުމުން ވަރަށް ބޮޑަށް އުފާވޭ،" ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާ މެމްބަރު އަހްމަދު އަބްދުﷲގެ އަނބިކަބަލުން، އާތިޔާ ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މީގެ ކުރިން އާތިޔާއަށް ފޮނުވި "ވަޒީފާ އިން ވަކިކުރި ޗިޓު"ގައިވާ ގޮތުން އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ، އިތުރަށް އޭނާ އަމީނިއްޔާ ސްކޫލްގައި ބަހައްޓައިފި ނަމަ އިތުރު ގެއްލުންތަކެއް އެ ސްކޫލަށް ލިބިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ފެނިގެންނެވެ.

އޭނާ ވަޒީފާ އިން ވަކި ކުރީ، ސިވިލް ސާވިސް ގަވާއިދުގެ 273 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ށ)ގެ ތިން ވަނަ ނަންބަރުގެ ދަށުންނެވެ.

އާތިޔާ މިހާރު ވަޒީފާ އަދާ ކުރަމުން ދަނީ، އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

https://sun.mv/54194

comment ކޮމެންޓް