ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލަން ކޮމެޓީ އޮވޭ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ

ސަރުކާރުގެ އެހެން އިދާރާތަކެކޭ އެއްގޮތަށް ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން ވަކި ކޮމެޓީއެއް ހެލްތު މިނިސްޓްރީގައިވެސް އޮންނަ ކަމަށް އެ މިނިސްޓްރީއިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން އެފަދައިން ބުނިއިރު އެ މިނިސްޓްރީގައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެެވެ. އަދި އެ މިނިސްޓްރީގައި އެފަދަ މައްސަލަތަކުގެ ޝަކުވާ އަޑު އެހޭނެ ނިޒާމެއް ނޯންނަކަމަށް ބުނެ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހަދީޖާ އަބްދުއްސަމަދުގެ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށްވެސް ވަނީ ހުށަހަޅާފަ އެވެ

ނަމަވެސް ހެލްތު މިނިސްޓްރީން މިއަދު ނެރުނު މެމޯއެއްގައި ވަނީ ޖިންސީ ފުރައްސާރަ ފަދަ ޝަކުވާތައް އަޑުއެހޭނެ ނިޒާމެއް ނެތް ކަމަށް ބުނާ ވާހަކަތަކަށް ރައްދުދީފަ އެވެ.

ޕީއެސް ހަދީޖާ ސޮއިކުރައްވައި ފޮނުވާފައިވާ މެމޯއެއްގައި ބުނީ ގާނޫނުގައި ބުނެފައިވާގޮތަށް ސަރުކާރުގެ އެހެނިހެން އިދާރާތަކުގައި ކަންހިނގާގޮތަށް ޖިންސީ ގޯނާގެ މައްސަލަތައް ބެލުމަށް ވަކި ކޮމެޓީއެއް އެކުލަވާލައިފައި އޮންނަ ކަމަށެވެ.

އެފަދަ މައްސަލައެއް ރިޕޯޓްކުރައްވަން ބޭނުންނަމަ އެ ކޮމެޓީގައި ހިމެނޭ ތިން ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ފޯނުންނާއި އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް އެކަން ރިޕޯޓްކުރެއްވޭނެ ކަަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ދާދި ފަހުން ފެންމަތިވި ކަމަށެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގައި އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ހޯޕްފޯ ވިމެންގެ ބޭފުޅުން ގެނެސްގެން ޖިންސީ ގޯނާގެ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ސެޝަންތަކެއްވެސް ނަގައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް