އެސެންސިއޯއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް

ރެއާލް މެޑްރިޑުގެ ހުނަރުވެރި ފޯވާޑް މާކޯ އެސެންސިއޯ: އޭނާގެ ކަކުލަށް ވަނީ އަނިޔާވެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާން ޖެހިފައި --- ފޮޓޯ// ސްޓީވެން ކުރީކް

ރެއާލް މެޑްރިޑުގެ ޒުވާން ފޯވާޑް މާކޯ އެސެންސިއޯއަށް އެންމެ ފަހުން އާސެނަލާ ދެކޮޅަށް ކުޅުނު ޕްރި-ސީޒަން މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަން އެކުލަބުން ކަށަވަރު ކޮށްދީފި އެވެ.

ރެއާލް މެޑްރިޑަށް އެނބުރި އައިސް ޒައިނުއްދީން ޒިދާން އެ ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އައި ނަމަވެސް އޭނާގެ އެންމެ އުންމީދީ އެއްކުޅުންތެރިއެއްގެ ގޮތުގައި އަބަދު ވެސް ފާހަގަ ކުރާ އެއް ކުޅުންތެރިޔަކީ އެސެންސިއޯ އެވެ. އެ ކުލަބުން ފަހުގެ ތާރީހުތަކުގައި ހޯދި ބޮޑެތި ކާމިޔާބީތަކުގެ މޭސްތިރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެކުލަބު ދޫކޮށްލުމާ ގުޅިގެން އޭނަގެ މަގާމު ފޫބެއްދޭނެ ކަމުގެ ޔަގީންކަން ޒިދާން އޭރު އެސެންސިއޯއަށް ދިން ނަމަވެސް މިދިޔަ ސީޒަނުގައި އޭނާއަށް ދެއްކުނީ ދަށް ކުޅުމެކެވެ.

އާސެނަލާ ދެކޮޅަށް ކުޅެ ރެއާލް މެޑްރިޑް ޕެނަލްޓީއިން މޮޅުވި މެޗުގެ ދެވަނަ ހާފުގައި އެސެންސިއޯ ކުޅެން ނުކުތް އިރު އޭނާ ވަނި އެރި ގޮތަށް އަރައި ގޯލެއް ޖަހައިފަ އެވެ. އުންމީދީ ކުޅުމަކަށް ފަހު ކުޅެން ނުކުތްތާ 20 ވަރަކަށް މިނަޓުގެ ތެރޭގައި އަށިގަނޑުގެ އެހީތެރިކަމާ އެކު އެސެންސިއޯ ދަނޑުން ބާލަން ޖެހުނީ އޭނާގެ ކަކުލު ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

އަދި އެއަށް ފަހު ހޮސްޕިޓަލަށް ގޮސް އޭނަގެ ކަކުލުގެ ހުޅުގެ ޓެސްޓުތައް ހެދި ހެދުމުން އިނގުނީ އަނިޔާވެފައި ވަނި ކަކުލުގެ ލިގަމެންޓަށް ކަމަށެވެ. މިފަދަ އަނިޔާއެއްގައި ކުޅުންތެރިއަކު ގައިގަނޑަކަށް އަހަރެއްހާ ދުވަސް ވެސް ކުޅުމުން ބޭރުގައި މަޑުކުރަން ޖެހުމަކީ އާއްމު ކަމެކެވެ.

މިކަން އިއުލާން ކުރުމުގެ ގޮތުން ރެއާލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެސެންސިއޯގެ ވާތު ފައިގެ ލިގަމެންޓުގެ މިނިސްކަސް ހަލާކުވެފައިވާ ކަމަށެވެ. އަދި އޭނާ ކުޅުމަށް އެނބުރި އައުމަށް ދިގު މުއްދަތެއް ބޭނުންވާނެ ކަމަށެވެ.

އެސެންސިއޯގެ އަނިޔާއާ އެކު އެކުލަބުން ދޫކޮށްލަން ނިންމާފައިވާ ގެރެތު ބޭލް ކުލަބުގައި ބަހައްޓަފާނެ ކަމަށް ބައެއް ރިޕޯޓުތަކުން ބުނި ނަމަވެސް ޒިދާން ވަނީ ބޭލް އިތުރަށް އެ ކުލަބުގައި ބަހައްޓަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް