މުސާރަ ނުދީގެން 200 އެއްހާ ބިދޭސީން ދިގުރަށަށް އަރައި މުޒާހަރާކޮށްފި

ދިގުރަށުގައި ބިދޭސީން މުޒާހަރާ ކުރަނީ--

މުސާރަ ނުދޭ ކަމަށް ބުނެ 200 އެއްހާ ބިދޭސީން ގއ. ދިގުރަށަށް އަރައި މުޒާހަރާކޮށްފިއެވެ.

ދިގުރަށަކީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިއަދު މެންދުރު 13:50 ގައި ބިދޭސީންތަކެއް ދިގުރަށަށް އަރައި މުޒާހަރާކުރަމުންދާތީ ފުލުހުން އެރަށަށް ދިޔަކަމަށެވެެ.

އޮފިޝަލް ވިދާޅުވީ ދިގުރަށުގެ މެނޭޖްމަންޓާ އަދި މުޒާހަރާކުރުމުގައި އެއްމެ އިސްކޮށް އުޅުނު 10 މީހަކާ ވާހަކަދައްކައި މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ކަަމަށެވެ.

އަދި މެނޭޖްމަންޓުން މާދަމާ މުސާރަ ހަމަޖައްސައިދޭނެ ކަމަށް އެއްބަސްވެ ރަށުގެ އާންމު ހާލަތު ރަނގަޅުވުމުން އެރަށުން ފުލުހުން ފަހުން ވަނީ ފައިބައިފައެވެެ.

އެ ހަދިސާ ގާތުން ދުށް މީހަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ބިދޭސީން ބައިތިއްބައިފައިވަނީ ދިގުރަށާއި ގއ. މާމެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއްގައި ކަަމަށެވެ. އަދި އެމީހުންނަށް މުސާރަ ނުދޭތާވެސް ތިން މަސްވެދާނެ ކަމަށް އޭނާ ބުންޏެވެ.

ދިގުރަށުގައި ބިދޭސީން މުޒާހަރާ ކުރަނީ--

"އެ މީހުންނަށް މުސާރައެއް ނުދޭއިރު ކާންވެސް ދެނީ ވަރަށް ސަކަރާތްއެއްޗެތި. މުގުރިހަ ގިނައިން ހުންނަނީ. ވަރަށް ނިކަމެތި ހާލުގައި އެ މީހުން ގެންގުޅެނީ،" ދިއްގަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ގއ. ދިގުރަށުގައި ރިސޯޓް ތަރައްގީ ކުރަމުންދަނީ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އިން އެވެ. އެ ރިސޯޓްގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، އެރަށުގައި މިވަގުތު ފަތުރުވެރިންވެސް ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.

އެޗްއާރްސީގެ ވެރިޔާ، އަދި ޗެއާމަން މުހައްމަދު އަލީ ޖަނާހު (ޖަނާ) "ސަން" އަށް ވިދާާޅުވި ދިގުރަށުގައި މުޒާހަރާކުރިކަން އެނގިފައިނުވާ ކަމަށެވެ. އަދި އެ ރަށަށް ބިދޭސީން އަރައި އުޅުނީ މައުލޫމާތު ސާފުކޮށް ވާހަކަ ދައްކަން ކަމަށެވެ.

comment ކޮމެންޓް