އައިއޯއައިޖީގެ 200 މީޓަރު ދުވުމުން ސާއިދު ލޯ މެޑަލް ހޯދައިފި

އައިއޯއައިޖީގެ 200 މީޓަރު ދުވުމުގައި މިއަދު ސާއިދު ދުވެ ލޯ މެޑަލް ހޯދައިފި --- ފޮޓޯ// އެމްއޯސީ

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ލޯ މެޑަލް ހޯދައިފި އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާއެކު ކުރިއަށް ދާ އިރު މިއަދު އޮތް 200 މީޓަރު ދުވުމުން އެންމެ ފަހުން މި އިވެންޓުގެ ރިހި މެޑަލް ހޯދި ސާއިދު ވަނީ މިފަހަރުގެ ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ.

އައިއޯއައިޖީގެ 200 މީޓަރު ދުވުމުގައި މިއަދު ސާއިދު ދުވެ ލޯ މެޑަލް ހޯދައިފި --- ފޮޓޯ// އެމްއޯސީ

ސާއިދު ވަނީ މިފަހަރުގެ ގޭމްސްގެ 100 މީޓަރު ދުވުމުން ވެސް ފައިނަލަށް ދަތުރު ކޮށްފައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ އެ އިވެންޓުން ރަން މެޑަލް ހޯދި ސާއިދުއަށް މިފަހަރުގެ 100 މީޓަރު ފައިނަލުގެ ރޭހުން ލިބުނީ ހަތަރު ވަނައެވެ.

މިއަދު ހަވީރު އޮތް ފައިނަލް ހީޓުގައި ދުވެ ސާއިދު ރޭސް ނިންމީ 22:10 ސިކުންތުންނެވެ. އޭނާއާއި ޖެހިގެން މި ހީޓުގެ ދެވަނަ ހޯދީ ސީޝެލްސްގެ ދުވުންތެރިއެކެވެ. އޭނާ ރޭސް ނިންމީ 22:09 ސިކުންތުންނެވެ. މި ރޭހުގެ އެއްވަނަ ހޯދީ މޮރިޝަސްގެ ދުވުންތެރިއެކެވެ. އޭނާ ރޭސް ނިންމީ 21:78 ސިކުންތުންނެވެ.

ސާއިދު ވަނީ މީގެ ކުރީ ފަހަރުގެ ގޭމްސްގައި މި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފައެވެ. ސާއިދު އެފަހަރު 100 މީޓަރު ދުވުމުން ހޯދި ރަން މެޑައްޔަކީ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް މަލްޓި ސްޕޯޓްސް ގޭމްސްއެއްގެ އިންޑިވިޖުއަލް ކެޓަގަރީން ލިބުނު ހަމައެކަނި ރަން މެޑެލެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް ހަތް މެޑަލް ހޯދައިފައެވެ. އެގޮތުން ގައުމީ އަންހެން ޓީޓީ ޓީމުން މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ރަން މެޑަލް ވަނީ ހޯދާފައެވެ. އަދި ގައުމީ ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދި އިރު ބީޗް ވޮލީ ޓީމު އިވެންޓުން ވަނީ ރިހި މެޑަލް ހޯދައިފައެވެ.

މީގެ އިތުރުން ޕެރަ އޮލިމްޕިކްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދި އިރު ބީޗް ވޮލީގެ އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު އާއި އާދަމް ނަސީމްގެ ޕެއާ އިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

comment ކޮމެންޓް