ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ރަޝިއާގެ ޖެޓެއް ވަނުމުގެ ތުހުމަތާ ގުޅިގެން ދެބަސްވުމަކަށް

ރަޝިއާގެ ޖެޓެއް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ވަން ކަމަށް ބުނެ، ކޮރެއާއިން އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖެހި ކަމަށް ބުނޭ -- ފޮޓޯ: ގެޓީ

މޮސްކޯ (ޖުލައި 24): ރަޝިއާގެ ޖާސޫސީ މަތިންދާބޯޓެއް އިއްޔެ ދެކުނު ކޮރެއާގެ ވައިގެ ސަރައްދަށް ވަން ކަމަށް އެގައުމުން ބުނި މައްސަލައިގައި، ރަޝިއާއިން މާފަށް އެދިފައިވާ ކަމަށް ބުނާ ރިޕޯޓުތައް އެގައުމުން ދޮގުކޮށްފި އެވެ.

އިއްޔެ ދެކުނު ކޮރެއާއިން ބުނި ގޮތުގައި އެގައުމުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ދެފަހަރަކު ވަން ރަޝިއާގެ ބޯޓަކަށް އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖަހާފަ އެވެ. އަދި މިއަދު އެގައުމުގެ ރައީސްގެ އޮފީހުން ބުނި ގޮތުގައި ރަޝިއާގެ އޮފިޝަލަކު ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެހާދިސާ ހިނގި ކަމަށް އެއްބަސްވެފަ އެވެ. އަދި އެމައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޖަޕާނުންވެސް ވަނީ ރަޝިއާގެ މަތިންދާބޯޓާ ގުޅިގެން އެގައުމުގެ އަސްކަރީ ޖެޓުތައް ފޮނުވި ކަމަށް ބުނެފަ އެވެ. އަދި އެޖެޓު ފެނިފައި ވަނީ ޖަޕާން ކަނޑުގައި އޮންނަ ރަށްތަކެއް ކައިރިން ކަމަށް ބުނެފަ އެވެ. އެރަށްތަކަކީ އޭގެ މިލްކިއްޔާތާ ބެހޭ ގޮތުން ޖަޕާނާއި ދެކުނު ކޮރެއާއާ މެދު ދެބަސްވުން އުފެދިފައިވާ ރަށްތަކެކެވެ.

ނަމަވެސް ރަޝިއާއިން ވަނީ އެގައުމުގެ ޖެޓެއް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ނުވަންނަ ކަމަށް ބުނެފަ އެވެ. އަދި އެހާދިސާއާ ގުޅިގެން އެގައުމުން މާފަށް އެދިފައި ނުވާނެ ކަމަށްވެސް ބުނެފަ އެވެ.

"އަޅުގަނޑުމެންގެ އޮފިޝަލަކު ވިދާޅުވި ކަމަށް ބުނާ ވާހަކަތަކެއް ދެކުނު ކޮރެއާގެ މީޑިއާތަކުން ވަނީ ފެނިފައި. އެބަޔާންތަކުގައި ގިނަ އަދަދަކަށް ހަގީގަތާ ހިލާފު ވާހަކަ ހިމެނޭ،" ދެކުނު ކޮރެއާގައި ހުންނަ ރަޝިއާ އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ރަޝިއާއިން ބުނި ގޮތުގައި އެގައުމުން މިހާރު ދަނީ ޗައިނާއާ ގުޅިގެން އެސަރަހައްދުގައި ވައިގެ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. އަދި ޗައިނާއިން ވަނީ ރަޝިއާ ދިފާއުކޮށް، އެހަރަކާތްތަކުގައި އެހެން ގައުމެއްގެ ވައިގެ ސަރަހައްދަށް ނުވަންނަ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް