ނޯޓިސްގެ މުއްދަތު ހަމަވި އިރު ވެސް ތިން ވަޒީރުންނަށް ހާޒިރެއް ނުވެވުނު

ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ތިން ވަޒީރަކަށް ފޮނުވި 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރު ކުރުމަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

އެ ތިން ވަޒީރުންނާ ސުވާލު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ އަބްދުﷲ ޖާބިރެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ވަޒީރުންނަށް 14 ދުވަހުގެ ނޯޓިސް ދިން ކަމަށާއި، ނަމަވެސް މިހާރު އެ ނޯޓިހުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ.

އެކަމުގައި ދެން އަމަލު ކުރަން ޖެހޭ އުސޫލަކީ ސުވާލު ރައްދުވާ ވަޒީރާ ސުވާލު ކުރައްވާ މެމްބަރާ މަޝްވަރާކޮށްގެން، ފަސޭހަ ދުވަހެއްގައި މަޖިލީހަށް ހާޒިރު ކުރުމެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ވަޒީރުން މަޖިލީހަށް އަދި ވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން އާ ސުވާލު ކުރަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އެ މިނިސްޓްރީ އިން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

މިނިސްޓަރު ޝާހިދު ހާޒިރު ކުރަނީ ގަތަރާ އެކު އަލުން ސިޔާސީ ގުޅުން ގާއިމު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭ ފަހުގެ މައުލޫމާތު ހޯދުމަށެވެ.

މިނިސްޓަރު އައިޝާ އާ ސުވާލު ކުރަނީ ޕާކު ކުރާނެ ތަންތަން ހަމަޖައްސައިނުދީ ގަވާއިދާ ހިލާފަށް ޕާކް ކުރާ ސައިކަލްތަކުގައި ސްޓިކާ ޖަހާ މައްސަލަ އާ ގުޅިގެންނެވެ.

comment ކޮމެންޓް