ސިފައިންގެ ތަމްރީން ސެންޓަރުގެ މަސައްކަތް ނިންމަން އިންޑިއާ އިން މިލިއަން ޑޮލަރުދީފި

ފައިސާގެ އެހީ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ޅ. މާފިލާފުށީގައި ހިންގާ ނޮދަން އޭރިއާގެ ހެޑްކުއާޓާސްގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގެ މަސައްކަތް ނިންމުމަށް އިންޑިއާ ސަރުކާރުން އެއް މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދީފި އެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. އެހީ އާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

މި އެހީއާ އެކު ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގެ ފުރަތަމަ ފިަވަހީގައި ނުނިމި ހުރި މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި މާފިލާފުށީގައި ތަރައްގީ ކުރާ ޓްރެއިނިން ސެންޓަރެވެ. އެ ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ ޓްރޭނިންގް ސެންޓަރާއި އެޑްމިނިސްޓްރޭޓިވް ބްލޮކް، ތިން އެކަމަޑޭޝަން ބެރެކްސް، ފަޔަރިން ޝެޑް، ފަޔަރިން ރޭންޖު، ހެލްތު ޕޯސްޓް، އޮބްސްޓެކަލް ބެލްޓް، ދެ ރެކްރިއޭޝަން ބިލްޑިން އަދި މިތަންތަންނަށް ބޭނުންވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމެވެ.

ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު ބިނާކޮށް ނިމުމުން، އެތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒުގެ ގޮތުގަ އެވެ.

comment ކޮމެންޓް