ކުރިކެޓު ބޯޑުގެ ރައީސް އަފްލާހު އައިސީސީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވަޑައިގެންފި

ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) އިނގިރޭސިވިލާތާއި ވޭލްސްގެ ކުރިކެޓު ބޯޑް (އީސީބީ) ގެ ޗެއާ ޕާސަން ކޯލިން ގްރޭވްސްއާ ބަައްދަލު ކުރައްވަނީ --- ފޮޓޯ// ކުރިކެޓް އެސޯސިއޭޝަން

ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ލަންޑަންގެ ކިމްޕްޓަން ފިޓްޒްރޯއީ ހޮޓެލުގައި ބޭއްވި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އަހަރީ ކޮންފެރެންސްގައި ބައިވެރިވެ ވަޑައިގެންފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ފެށި އެ ކޮންފަރެންސަކީ އައިސީސީގެ މެންބަރުންގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ ޖަލްސާ އެކެވެ. އައިސީސީގައި ހިމެނޭ އޭޝިއާގެ 21 ގައުމު ތަމްސީލްކުރައްވާ އަފްލާހް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި އިރު މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ކުރިކެޓް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތަކާއި މި ވޭތުވެ ދިޔަ އަހަރު ތެރޭގައި ކުރިކެޓަށް ލިބުނު ކުރިއެރުންތަކުގެ މައުލޫމާތު މެމްބަރުންގެ މެދުގައި ހިއްސާކުރުމުވެ.

ލަންޑަންގެ ކިމްޕްޓާން ފިޓްޒްރޯއީގައި ބޭއްވި އިންޓަނޭޝަނަލް ކުރިކެޓް ކައުންސިލް (އައިސީސީ) އަހަރީ ކޮންފެރެންސްގެ ތެރެއިން --- ފޮޓޯ// ކުރިކެޓް އެސޯސިއޭޝަން

ދިވެހި ރާއްޖޭގެ ކުރިކެޓު ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ކުރިކެޓު ބޯޑުގެ ރައީސް އަފްލާހު އަންނަނީ ބޭރުގެ އެކި ގައުމުތަކުގެ ކުރިކެޓާ ބެހޭ އިސްވެރިންނާ ވާހަކަ ދައްކައި، ރާއްޖޭގެ ކުރިކެޓު އެހެން ހަރުފަތަކަށް ގެންދިއުމަަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ އެހީތެރިކަން ހޯއްދަވަމުންނެވެ. އެ މަސައްކަތުގެ ތެރެއިން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ކުރިކެޓަށް ވަނީ އިންގިލާބީ ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. އެގޮތުން ރާއްޖޭއިން ވަނީ ދުނިޔޭގެ ކުރިކެޓު ރޭންކިންގައި ވެސް ބޮޑު ކުރިއެރުންތަކެއް މި ފަހުން ހޯދައިފަ އެވެ.

އަފްލާހު އައިސީސީގެ ކޮންފަރެންސަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދުނިޔޭގެ ކުރިކެޓާ ބެހޭ އެންމެ އިސްފަރާތްތަކާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެގޮތުން އިނގިރޭސިވިލާތާއި ވޭލްސްގެ ކުރިކެޓު ބޯޑް (އީސީބީ)ގެ ޗެއާ ޕާސަން ކޯލިން ގްރޭވްސްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި ކުރިކެޓު ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާ ޒުވާން ކުޅުންތެރިންނާއި އަންހެން ކުރިކެޓު ކުޅުންތެރިންނަށް ރަނގަޅު ތަމްރީންތަކެއް ދެވޭނެ ނިޒާމެއް ބިނާ ކުރުމަށް ވަނި މަޝްވަރާ ކުރައްވައިފަ އެވެ.

މީގެ އިތުރުން ވެސް އަފްލާހު ވަނީ އައިސީސީގެ ޗީފް އެކްސެކިއުޓިވި މަނޫ ސައުވްނޭއާއި އިންޑިއާގެ ކުރިކެޓު ބޯޑުގެ ފުރަތަމަ އަންހެން މިނިވަން މުއައްސަސާގެ ޑިރެކްޓަރު އިންދިރާ ނޫއީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ރާއްޖޭން 2005 އަދި 2006 ވަނަ އަހަރުގެ އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކުރި އިރު ގައުމީ ޓީމަށް ކުޅުއްވި އަފްލާހް އައިސީސީގެ ބޯޑު މެމްބަރަކަށް މިދިޔަ އަހަރު ހޮވި ވަޑައިގަތީ ބަހުރޭނުގެ މަންދޫބަކާ ވާދަކުރައްވައިގެން ހަތަރު ވޯޓް ކާމިޔާބުކުރައްވައިގެންނެވެ.

comment ކޮމެންޓް