"ޔުވެންޓަސްގެ ހުރިހާ ކުޅުންތެރީން ރޮނާލްޑޯގެ ކުޅުމަށް ހޭނެން ޖެހޭ"

ކުރިސްޓިއާނޯ ރޮނާލްޑޯ ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރާ މަންޒަރު --- ފޮޓޯ/ ޑޮމް ފެރަލް

ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިންވެސް އެ ޓީމުގެ ހުނަރުވެރި ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޭގެ ކުޅުމަށް ހޭނެން އެ ޓީމަށް އަލަށް ގުޅުނު ކޯޗު މޯރީޒިއޯ ސަރީ އަންގައިފި އެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ވެސް ކުޅެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ސޮއިކޮށް އެ ކުލަބަށް 28 ގޯލު ޖަހައިދީފަ އެވެ. އަދި ވޭތުވެ ދިޔަ ސީޒަނުގައި ވިދިވިދިގެން އަށް ވަނަ ފަހަރު އިޓާލިއަން ލީގު އެ ޓީމުން ކާމިޔާބު ކުރުމުގައި ރޮނާލްޑޯ ދެއްކި މޮޅު ކުޅުމަށް ތައުރީފުކޮށް ޔުވެންޓަސްގެ ކޯޗު ސަރީ ބުނީ ރޮނާލްޑޯ އަކީ ޓީމުގެ ތަފާތު ކަމަށެވެ.

ޔޫރަޕުން ކުލަބުތަކުގެ ޕްރި ސީޒަން ފަރިތަކުރުންތައް ފެށިގެން ފޯރިއާ އެކު ކުރިއަށްދާ އިރު ޔުވެންޓަސްއިން އަންނަނީ އިންޓަނޭޝަނަލް ޗެމްޕިއަން ކަޕުގައި ބައިވެރިވެ މެޗުތައް ކުޅެމުންނެވެ. އެގޮތުން އެ ޓީމުން ވަނީ އިނގިރޭސި ވިލާތުގެ ޓޮޓެންހަމާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ. އެ މެޗުގައި ރޮނާލްޑޯ ހިތްގައިމު ލަނޑެއް ޖަހާފައިވާ އިރު ޓީމުގެ ކޯޗު ވަނީ ރޮނާލްޑޯގެ ކުޅުން ވަރަށް ރަނގަޅަށް ދެނެގަނެފަ އެވެ.

"ރޮނާލްޑޯ އަކީ ޔުވެންޓަސްގެ ތަފާތު ދައްކާނެ ކުޅުންތެރިޔާ. ބާކީ ތިބި 10 ކުޅުންތެރިން ޖެހޭނެ އޭނަގެ ކުޅުމަށް ހޭނެން،" ސަރީ ބުންޏެވެ.

އޭނާ ބުނީ މިހާރު ކުރިއަށް މިދާ ޕްރީ-ސީޒަން ޓުއާގައި ރޮނާލްޑޯ ބޮޑަށް ފެނިގެންދާނީ ވާތު ފަޅިން ކުޅޭ ސްޓްރައިކަރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި އޭނާ ބޮޑަށް ފެންނާނީ ސެންޓަރަލް ސްޓަރައިކަރެއްގެ ރޯލުން ކަމަށެވެ.

"ޓީމެއްގެ ގޮތުގައި ކުޅުނު ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ރޮނާލްޑޯއަށް. އޭނާ އަކީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ފެންވަރުގެ ކުޅުންތެރިއެއް. ރޮނާލްޑޯގެ ކުޅުން ދެނެގަނެ އޭނާގެ ކުޅުމަށް ހުރިހާ ކުޅުންތެރިން ވެސް ހޭނެން ޖެހޭ."

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަން ކަޕުގައި ޔުވެންޓަސް ދެން ވާދަ ކުރަން ޖެހޭނީ އެ ޓީމާއި އެންމެ ވާދަވެރި އެއް ޓީމު ކަމަށްވާ އިންޓަ މިލާނާ އެވެ.

comment ކޮމެންޓް