ގަވަރުނަރުގެ މަގާމުން ނަސީރު އިސްތިއުފާ ދެއްވައިފި

އެމްއެމްއޭގެ ގަވަރުނަރު ނަސީރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނަސީރު އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި ނަސީރު އިސްތިއުފާ ދެއްވާކަން އެމްއެމްއޭގެ މުވައްޒަފުންނާ ބައްދަލުކޮށް މިއަދު ވަނީ ހިއްސާ ކުރައްވައިފަ އެވެ. ނަސީރު އިސްތިއުފާ ދެއްވާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ގިނަ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށެވެ.

ނަސީރު އިސްތިއުފާދެއްވި އިރު އެމްއެމްއޭގެ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުނު ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފު ވިދާޅުވީ ނަސީރު އެމްއެމްއޭގެ ޓެރަސްގައި އަޝްރަފާ ބައްދަލު ކުރެއްވި ކަމަށާއި ބައްދަލު ކުރައްވަން ވަޑައިގަން އިރު ފޯނު ނުގެންދެވުމަށް އެދިވަޑައިގަތް ކަމަށެވެ. އަދި ބައްދަލު ކުރައްވައި ވިދާޅުވީ، ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ހައިޕްރޮފައިލް ބޭފުޅުންގެ މައްސަލަތައް ނުފޮނުވުމަށް އެދިވަޑައިގަތް ކަމަށެވެ.

އަޝްރަފު ވިދާޅުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އޭނާ ހުންނެވި މުއްދަތުގައި އެ ޔުނިޓުގެ މަސައްކަތްތަކަށް ނަސީރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލަ ނުފޮނުވަން އެންގެވީ ވެސް ނަސީރު ކަމަށް އަޝްރަފު ވަނީ ވިދާޅުވެފަ އެވެ.

އަޝްރަފުގެ ތުހުމަތުތަކަށް ރައްދުދެއްވައި ކޮމެޓީގައި ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ މަރުކަޒީ ބޭންކާ އޭނާ ހަވާލުވި ދުވަސްވަރަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި އެމްއެމްއޭ އާއި އެތަނުގެ އެފްއައިޔޫގެ އިހުމާލެއް އޮތް ކަމަށް މީޑިއާއިންނާއި ސިޔާސީ ފަރާތްތަކުން ބުނަމުން އައި ދުވަސްވަރެއް ކަމަށެވެ.

އެމްއެމްއޭއާ ހަވާލުވުމަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރި އެއް ކަމަކީ އެކަންތައް ބެލުން ކަމަށް ނަސީރު ވިދާޅުވި އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެމްއެމްއޭގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރަމުންދާތީ އެކަން ބެލުމަށް ކުރި މަސައްކަތުގައި އޭރުގެ އެފްއައިޔޫގެ ހެޑް އަޝްރަފްގެ އެއްބާރުލުން ލިބިފައި ނުވާކަން ނަސީރު ފާހަގަކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން އެފްއައިޔޫގެ ހެޑްގެ މަގާމުން އޭނާ ދުރަށް ޖައްސަން ޖެހުނު ކަމަށް ނަސީރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން އެފްއައިޔޫގެ ސަމާލު ކަމަށް މިދިޔަ އަހަރުގެ ޖޫން މަހު ލިބިފައި އޮތް ނަމަވެސް އެކަން ގަވަރުނަރާ ހަމައަށް އައިސްފައި ވަނީ ސެޕްޓެމްބަރު މަހުގައި ކަމަށް ނަސީރު ވިދާޅުވި އެވެ. އަދި އެކަން ގަވަރުނަރާ ހަމައަށް ގެނެސްފައި ވަނީ އޭރު އެފްއައިޔޫގެ ހެޑްގެ މަގާމުގައި ހުންނެވި އަޝްރަފް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުން އެ ތަނުގެ ހިންގުން އެހެން ފަރާތަކާ ހަވާލުކޮށްފައި ވަނިކޮށް ކަމަށް ނަސީރު ވިދާޅުވި އެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވެނިކޮށް ނަސީރު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެކަމާ ގުޅިގެން އެމްއެމްއޭގެ ރަސްމީ ބަހެއް ވެސް އަދި ނަސީރުގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަނު ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 24 އޮގަސްޓު 2017 ގަ އެވެ.

comment ކޮމެންޓް