ކޮޕާ އެމެރިކާގެ ރަތް ކާޑާ ގުޅިގެން މެސީއަށް ސަސްޕެންޝަނެއް

ފީފާ ވޯލްޑް ކަޕް 2018ގައި އާޖެންޓީނާއާއި ފްރާންސް ކުޅުނު ގަދަ 16ގެ މެޗުގެ ތެރެއިން: އެ މެޗުން ފްރާންސް މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ތިން ވަނަ ހޮވާ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ދެއްކި ރަތް ކާޑާ ގުޅިގެން އެއް މެޗުގެ ސަސްޕެންޝަނަކާ އެކު ޖޫރިމަނާއެއް ދައްކަން އޭނާއަށް ޖެހިއްޖެ އެވެ.

އުމުރުން 32 އަހަރުގެ މެސީއަށް ވަނީ އެންމެ ފަހުން ކުޅުނު ކޮޕާ އެމެރިކާ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި، އިދިކޮޅަށް ކުޅުނު ޗިލީ ޓީމުގެ ކެޕްޓަން ގެރީ މެޑަލާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ރަތް ކާޑު ދައްކާފަ އެވެ. ނަމަވެސް ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު އޭރު ބުނީ މެސީއަށް ދެއްކި ރަތް ކާޑަކީ އޭނާ މެޗުގެ ކުރީން ދެއްކި ވާހަތަކެއްގެ ސަބަބުން މުބާރާތް ހިންގާ ކޮންމެބޯލްއިން އެޅި ޒާތީ ފިޔަވަޅެއް ކަމަށެވެ.

މެސީ ވަނީ އެދުވަހުގެ ރަތް ކާޑާ އެކު މުބާރާތުގެ އިންތިޒާމަށާއި ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އޭނާ ބުނީ މުބާރާތް ރޭވިފައި އޮތީ ބްރެޒިލްއަށް ތަށި ދިނުމަށް މަގުފަހިވާ ގޮތަށް ކަމަށާއި އެކަން ހާސިލު ކުރުމަށް ރެފްރީންނާއި މުބާރާތް އިންތިޒާމު ކުރާ ފާރާތްތައް ފާޅުގައި މަސައްކަތް ކުރި ކަމަށެވެ.

މީގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލުގައި އާޖެންޓީނާއާއި ބްރެޒިލް ބައްދަލު ކުރި މެޗުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީން ލަފާ ދިނީ ގޯސްކޮށް ކަމަށް އެ މެޗުގައި އިންސާފު ކުރި ރެފްރީ ކަމަށްވާ އިކުއެޑޯގެ ރޮޑީ ޒަމްބްރާނޯ ވެސް ވަނީ ބުނެފަ އެވެ.

ކޮންމެބޯލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެސީއަށް ކޮޕާ އެމެރިކާގައި ދެއްކި ރަތް ކާޑާ ގުޅިގެން އޭނާއަށް އަދަބު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މެސީއަށް ވަނީ އެއް މެޗުގެ ސަސްޕެންޝަނަކާ އެކު 1500 ޑޮލަރުގެ ޖޫރިމަނާއެއް އައިސްފަ އެވެ.

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ މެސީ މިވަގުތު އަންނަނީ އޭނަގެ ޓީމް މޭޓް ލުއިސް ސުއަރޭޒްއާ އެކު ޗުއްޓީ ހޭދަކުރަމުންނެވެ. އެ ކުޅުންތެރީން ވަރަށް އަވަހަށް ޕްރީ-ސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް ބާސެލޯނާއިން ބުނެ އެވެ.

comment ކޮމެންޓް