ބޭރަށް ކަނޑުތައް ހުޅުވާލަން، އިދިކޮޅުގެ ކަންބޮޑުވުން

އިދިކޮޅު ދެ ޕާޓީގެ ނައިބު ރައީސް ސައީދާއި ޝިޔާމް: މަސް ބޯޓުތައް ކަނޑުގެ ސަރަހައްދަށް ވަނުމާ މެދު ކަނބޮދުވުން ފާޅުކުރި -- ސަން ފައިލް ފޮޓޯ

ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ބޭރުގެ މަސް ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނުމާ މެދު އިދިކޮޅު މެމްބަރުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

އިދިކޮޅު މެމްބަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ އަށް މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު ހާޒިރުކޮށް ސުވާލުކުރުމުގެ ތެރޭގަ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާ މެމްބަރު، އަހްމަދު ޝިޔާމް ވިދާޅުވީ، އެގޮތަށް ބޭރު މަސް ބޯޓުތައް ރާއްޖެ އެތެރެވުމުގެ ހުއްދަ ދީފި ނަމަ، ރާއްޖޭގެ މަސް ކަނޑުތަކުން ދާ ޖަހައި މަސް "ކަހާލައިގެން ހުސްކޮށްލާނެ" ކަމަށެވެ.

"އަތޮޅު ދޯނިތައް އެއްކޮށްލާފައި 125 ޓަނު ބޭރުގެ ބޯޓުފަހަރު [ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ކޮންމެ ފަހަރަކު ދާ އަޅާލާނެ. ނިކުންނަ ކޮންމެ ފަހަރަކު ދާ އަޅާލާނެ. އެހެންވީމާ އަޅުގަނޑު ވަރަށް ކަންބޮޑުވޭ،" މެމްބަރު ޝިޔާމް ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: ބޭރުގެ މަސްބޯޓުތަކަށް ރާްއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަދޭ ގަރާރަށް އިދިކޮޅު މެމްބަރުން ދެކޮޅު ހެއްދެވި --- ފޮޓޯ މަޖިލިސް

މިހާރު ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އުޅަނދުތައް ޓްރެކް ނުކުރެވޭ ކަމަށާއި އެގޮތަށް ބޭރުގެ މަސް ބޯޓުތަކަށް ކަނޑުގެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ދިނުމާ މެދު ޝިޔާމް ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު، މުހައްމަދު ސައީދު ސުވާލު ކުރެއްވީ، އެގޮތަށް ބޭރުގެ މަސް ބޯޓުތަކަށް ރާއްޖޭގެ ކަނޑުތަކުން މަސް ބާނައިފި ނަމަ އެނގޭނެ ގޮތެއް އޮންނާނެތޯ އާއި އަދި އެ ބިރު އެބައޮތްތޯ އެވެ.

އިދިކޮޅު މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ބޭރުގެ ބޯޓުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސް ގަތުމަށް ހުއްދަ ދިނުމަށް ސިޔާސަތު ތަންފީޒުކުރަން ފަށައިފި ނަމަ ގަވައިދު އެކުލަވާލާ އިރު އިދިކޮޅު މެމްބަރުންގެ ކަންބޮޑުވުންތަކަށް ބާލާނެ ކަމަށެވެ.

"ބޯޓު މަސް ގަންނަން ވަންނަ ކަމުގައިވާ ނަމަވެސް އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން ކަނޑައެޅިގެންދާނެ ވަކި އިލެކްޓްރޯނިކް އޮބްޒޯވާސް ސިސްޓަމް ނޫނީ އޮބްޒާވަރުން ތިބެގެން އެ ހަރަކާތްތައް [ހިނގާނީ] އަދި ގަވައިދުތައްކެއް އެކުލަވާނުލަން. އެކަހަލަ ސިޔާސަތެއް ހުޅުވިއްޖެ ކަމުގައިވާ ނަމަ އެޔަށް އެޑްރެސް ކުރާނެ ސިޔާސަތެއް އެކުލަވާލާނަން،" ޒަހާ ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ޒަހާ: ބޭރުގެ މަސް ބޯޓުތަކަށް ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަދޭ ނަމަ ދޭނީ ހާއްސަ އިންތިޒާމެއްގެ ދަށުން ކަމަށް ވިދާޅުވި --- ސަން ފޮޓޯ

ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމުގެ ހުއްދަ ދޭން ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހެޅީ މިމަހު 15 ވަނަ ދުވަހު އެވެ.

ކޮމިޓީ ބައްދަލުވުމުގައި އެ ގާރަރު ހުށަހެއްޅުވި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ވިދާޅުވީ، ގާރާރުތަކުގެ ސިފައިފައި މި ސަރުކާރުގެ ސިޔާސަތުތައް ހުށަހެޅުއްވުމުގެ ބޭނުމަކީ، އިދިކޮޅު މެމްބަރުން ކަންބޮޑުވުންތައް ވެސް އެހުމަށް ޓަކައި ކަމަށެވެ.

"އެހެން ނޫން ނަމަ އެކަން އަވަސް ކުރުމަށް ބިލެއް ޑްރާފްޓްކޮށް ގާނޫނެއް ފާސް ކުރާނީ. ގާރާރެއްގެ ގޮތުގައި ހުށަހަޅަނީ، ރައްޔިތުންގެ ހިޔާލާއި ތިޔަ ބޭފުޅުންގެ ހިޔާލާއި މިކަން ކުރެވޭނެ އެންމެ ރަނގަޅުގޮތް ހޯދުމަށް ޓަކައި ކުރަމުންދާ މަސައްކަތެއް،" މެމްބަރު އިސްމާއީލް އަހްމަދު ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން މި މަސްތެރޭ މަސްވެރިކަމަމާ ގުޅޭ ފަސް ގަރާރެއް މަޖިލީހަށް ހުށަހެޅި އެވެ. އޭގެ ތެރޭގައި ބޭރުގެ މަސް ބޯޓުތައް ރާއްޖޭގައި މަސްވެރިކަންކުރުން ހުއްޓުވުމަށް ހުށަހެޅި ގަރާރެއް ވެސް ހިމެނެ އެވެ.

ބޭރު މަސްދޯނިތަކަށް ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން ވަނީ ރަސްމީކޮށް ހުއްޓާލައިފަ އެވެ. މީގެ ކުރިން 28 ބޯޓަކަށް މަސްވެރިކަން ކުރުމުގެ ލައިސެންސް ދޫކުރި އެވެ. ބޭރުގެ ބޯޓުތަކަށް މަސްވެރިކަން ކުރުމަށް ލައިސެންސް ދިނީ 2014 ގަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ޒަހާ ވިދާޅުވީ، ބޯޓުތަކަށް ލައިސެންސް ދޫކުރުމާ ގުޅިގެން އެއާ އެކު އެތައްކަމެއް ގާނޫނާއި ގަވައިދާ ހިލާފަށް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަނޑުމަތިން މަސް ބަދަލު ކުރުމާއި، އެ އުޅަނދުތަކަކީ ދިވެހިންގެ ނަމުގައި ހުރި ބޯޓުތަކަށްވީ ނަމަވެސް ގިނަ ފަހަރު ދިވެހިންގެ ބާރު އެ ބޯޓުތަކުގައި ނުހިނގާ ކަމަށެވެ.

ބޭރު ބޯޓުތައް ރާއްޖޭގެ ކަނޑުން މަސްވެރިކަން ކޮށްގެން ދިވެހިންނަށް ލިބޭ އާމްދަނީ 310 މިލިއަން ރުފިޔާ އަށް އަރާއިރު، އެ ފަރާތްތަކަށް ލައިސެންސް ދޫކޮށްގެން މިނިސްޓްރީއަށް ލިބޭ އާންމުދަނީގެ އަދަދަކީ، 1.9 މިލިއަން ރުފިޔާ ލިބޭ ކަމަށް ޒަހާ ވިދާޅުވި އެވެ.

ބޭރުގެ ބޯޓުތަކަށް ލައިސެންސް ދޫކުރުން ނިމުމަކަށް ގެންނަން ޖެހުނީ މުޅި ރާއްޖޭގެ ހުރިހާ މަސްވެރިންގެ ހިމާޔަތުގައި ކަމަށް ޒަހާ ވިދާޅުވި އެވެ.

"މަދު ދިވެއްސަކަށް ކުރެވޭ ނޭދެވޭ އަމަލެއް ކުރުމަށް ފުރުސަތު ދީދީ ތިބޭނީތޯ. ނޫނީ މުޅި ރާއްޖޭގެ ތިބޭ ހުރިހާ މަސްވެރިންގެ ހިމާޔަތުގައި އެ ނިންމުން ނިންމާނީތޯ. އަޅުގަނޑުމެންގެ ނިންމުމަކަށްވީ މުޅި ރާއްޖޭގެ ތިބި ހުރިހާ މަސްވެރިންގެ މަންފާއަށް ޓަކައި މިކަން ކުރަން،" ޒަހާ ވިދާޅުވި އެވެ.

މަސްވެރިކަމާ ބެހޭ ފަސް ގަރާރު:

  1. ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވި، އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ގަރާރު
  2. ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވި، ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭ ގަރާރު
  3. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވި، ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ގާއިމުކުރުމާ ގުޅޭ ގަރާރު
  4. ހޯރަފުށި ދާއިރާގެ މެންބަރު އަހަމަދު ސަލީމް ހުށަހަޅުއްވި، ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭ ގަރާރު
  5. ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވި، ރަށުކައުންސިލާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމްކުރުމާ ގުޅޭ ގަރާރު
comment ކޮމެންޓް