ޑީއާރުޕީއިން އާމިރަށް ދޭން ޖެހޭ އަދަދު ކުޑަކޮށް ހަތަރު މިލިއަން ދައްކަން ހުކުމްކޮށްފި

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު: ޑީއާރުޕީން އޭނާއަށް 19 މިލިއަން ދޭން ކުރި ހުކުމުން ބައެއް އުނިކޮށް ހަތުރި މިލިއަނަށް އެ އަދަދު ކުޑަކުރުމަށް ހައި ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައި -- ފައިލް ފޮޓޯ / ރައްޔިތުން މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ޑީއާރްޕީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގެ ބައެއް އުނިކޮށް އެ އަދަދު ހަތަރު މިލިއަނަށް ކުޑަކޮށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ޑީއާރްޕީގެ މައްޗަށް 2015 ވަނަ އަހަރު އެ ހުކުމް ކޮށްފައި ވަނީ އާމީރު ހިންގާ ދެ ސްޓޫޑިއޯ ކަމުގައިވާ އެއިމް ކްރިއޭޝަނާއި އޭވީއެމް ޕްރޮޑަކްޝަންގެ ސާމާނާއި ތަކެއްޗާއި މީހުން ބޭނުންކޮށްގެން އެޕާޓީން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާތީ އެވެ.

އެ ދެ ސްޓޫޑިއޯ އިން ޑީއާރްޕީއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ތެރޭގައި އެޕާޓީން 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު އަދި 2009 ވަނަ އަހަރު ހިންގާފައިވާ ބައެއް ހަރަކާތްތައް ވީޑިއޯކޮށް އެޑިޓްކޮށް ވީޑިއޯ ހައިދިނުން ހިމެނެ އެވެ.

ސިވިލް ކޯޓުން އޭރު ކުރި ހުކުމުގައި ބުނެފައިވަނީ، ދެ ސްޓޫޑިއޯއަށް ދައްކަން ޖެހޭ 4.05 މިލިއަން ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 15.9 މިލިއަން ރުފިޔާއާ އެކު ޖުމްލަ 19.10 މިލިއަން ރުފިޔާ ދެއްކުމަށެވެ.

އެހެން ނަމަވެސް މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ޖޫރިމަނާގެ ބައި އުނިކުރުމަށް ހުކުމް ކޮށްފަ އެވެ.

އެގޮތުން ޖޫރިމަނާއަށްވާ ފައިސާގެ އަދަދު އުނުކުރުމަށް ނިންމީ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީއަތާއި މިޒަމާނުގެ ގާނޫނީ ނިޒާމްތަކުގެ ބަޔާން ވެގެން އުސޫލުތަކާ ކަނޑައެޅިގެން ތައާރުޒުވާކަމެއް ކަމަށް ވަތީ ކަމަށް ހުކުމްގައި ވަނީ ބުނެފަ އެވެ.

"ޝަރުޠު ޖަޒާއީގެ ދަށުން ނެގޭ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށްވާނަމަ، އެއީ ސައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެކަމަށާއި އެފަދަ ބަދަލުތައް ނެގުމަށް ޝަރުޠުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްޞުން ޙަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައި މީހުންގެ ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެކަމަށް ބަޔާންކުރައްވާފައިވާއިރު،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

comment ކޮމެންޓް