އުނދަގޫ ހާލަތްތަކުގައި ވެސް ގާނޫނުގެ ތެރެއިން މަސައްކަތްކުރުމަށް ފުލުހުންނަށް އިލްތިމާސްކޮށްފި

މާޗް 29، 2019، ފުލުހުންގެ މުއައްސަސާ އަށް 86 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދަތި އުނދަގޫ ހާލަތްތަކުގައި ވެސް ގާނޫނުގެ ތެރެއިން މަސައްކަތް ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ "މެމޯރިއަލް ޑޭ" ފާހަގަ ކުރަން މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުންގެ މުވައްސަސާއަށް އަބަދު ވެސް ދަތި އުނދަގޫ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މި މަސްއޫލިއްޔަތަކީ އެންމެންގެ ރުހުމާއި ލޯބި ލިބޭނެކަމެއް ނޫން. މި މަސްއޫލިއްޔަތަކީ އެންމެންގެ އެހީތެރިކަން ވެސް ލިބޭނެކަމެއް ނޫން. މި ޒިންމާ އާއި މަސްއީލިއްޔަތުގައި ކުރިމަތިލާންޖެހެނީ ގާނޫނާ ގަވައިދުން ބޭރުވެ ތިބޭ ބައެއް ފަހަރު ބައެއް ފަރާތްތަކާ،"

އެފަދާ ގާނޫނުން ބޭރުވެ ތިބޭ ފަރާތްތަކުގެ ފަރާތުން އަބަދު ވެސް ދަތި އުނދަގޫތަކާ ފުރައްސާރައާ ކުރިމަތިލާން ޖެހޭ ކަމަށާއި އެހެންނަަމަވެސް އެކަމުގައި ސާބިތުކަމާއި ހިތްވަރާ އެކު ތިބެން ޖެހޭ ކަމަށެވެެ. އަދި އެކަމުގައި ގާނޫނާ އަހުލާގު ބަހައްޓަން ޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެގޮތުގައި ތިބޭހާ ހިނދަކު ފުލުހުންނަށް ލިބޭ ގެއްލުންތަކުގައި ހުރިހާ ފުލުހުން ބައިވެރިވެ ޒިންމާ އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިހާ ފުލުހުންނަށް މި އިލްތިމާސްކުރަނީ މިފަދަ ފަރާތްތަކާ ކުރިމަތިލާހިނދު ގާނޫނާ އަޚްލާގިއްޔާތުގެ ތެރޭގައި ތިބެ އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ކަމަކީ އެންމެންގެ ހައްގުގައި ކުރިމަތިވާ ކަމެއްކަން ފާހަގަކުރުން. އަދި އަޅުގަނޑުމެން އަމަލުތައް ރީތި ސާފުގޮތެއްގައި ބެލެހެއްޓުން. އޭރުން އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ނިކަމެތި ކަމަކީ އަޅުގަނޑު ހިތުން ހެޔޮ ވިސްނާ ހެޔޮލަފާ އެންމެން ބަލައިގަންނާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް