ހެލްތު ކެއާ އަދި އިންޝުއަރެންސް ކޮންފަރެންސް ފަށައިފި

ފެއާ މެޑިކަލް އިންޝުއަރެންސް އެންޑް ހެލްތް ކެއާ ކޮންގްރެސް ފެށުން -- ފޮޓޯ: އެލައިޑް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ބާއްވާ "ފެއާ މެޑިކަލް އިންޝުއަރެންސް އެންޑް ހެލްތު ކެއާ ކޮންގްރެސް" ފަށައިފި އެވެ.

މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރައްމިއްޔާތުގައި އެ ކޮންގްރެސް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޮންގްރެސްގައި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ އަދި އިލްމީ ތަޖުރިބާކާރުން ބައިވެރިވެ އެވެ.

ފެއާ މެޑިކަލް އިންޝުއަރެންސް އެންޑް ހެލްތް ކެއާ ކޮންގްރެސް ފެށުން -- ފޮޓޯ: އެލައިޑް

މިއީ ފެޑަރޭޝަން އޮފް އެފްރޯ އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއާސް (ފެއާ)ގެ މަސްއޫލުވެރިކަމުގެ ދަށުން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ހާއްސަ ކުރެވިފައިވާ މައުލޫތަކަށް ބަހުސްކޮށް ހިޔާލު ބަދަލުކުރާނެ އެވެ. އަދި އިންޝުއަރެންސް އާއި ސިއްހީ ދާއިރާ ކުރިއަރުވައި ތަރައްގީކުރާނެ ގޮތްތަކާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.

މިއަދުގެ ކޮންފަރެންސް ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓާ ގުޅިގެން އަގުހެޔޮ އިންޝުއަރެންސްގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދެން ޖެހޭ ކަމަށެވެ. އަދި އިންޝުއަރެންސްގެ ދާއިރާ ފުޅާކުރުމަށް ރާއްޖޭގައި މަސައްކަތް ކުރަން ޖެހޭ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ފެއާ މެޑިކަލް އިންޝުއަރެންސް އެންޑް ހެލްތު ކެއާ ކޮންގްރެސް ފެށުން -- ފޮޓޯ: އެލައިޑް

"ހެލްތު އިންޝުއަރެންސްގެ ދާއިރާގައި ޕަބްލިކް- ޕްރައިވެޓް ޕާޓްނާޝިޕްތައް އިތުރުކުރަން ގޮވާލަން. ގިނަ ކުންފުނިތަކުން މި ދާއިރާގައި ހަރަކާތްތެރިވުމަކީ ވާދަވެރިކަން އިތުރުވެ، އަގުތައް ދަށަށް ދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ފެށި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ އިންޝުއަރެންސް ހިދުމަތްދޭ ކުންފުނިތަކުގެ ހިދުމަތް ރަނގަޅުވެ، ހަރުދަނާވާނެ ކަމަށެވެ.

"ގައުމުގެ އިގްތިސޯދު ހަރުދަނާވާނެހެން އެލައިޑުން އިސްނަގައިގެން މިފަދަ ކޮންފަރެންސެއް ބޭއްވުމަކީ މުހިއްމު ކަމެއް. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ކޮންފަރެންސްތައް ކުރިއަށް ގެންދިޔުން މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ.

އެލައިޑް އިން ބުނީ ސަރަހައްދީ ފެންވަރުގެ އިންޝުއަރެންސް އަދި ހެލްތު ކެއާ ކޮންގްރެސް އެއް ރާއްޖޭގައި ބޭއްވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

އެލައިޑުގެ ގައުމީ އިންޝުއަރަންސް ހިދުމަތަށް 34 އަހަރު ފުރިފައިވާ އިރު މި ކޮންގްރެސް އަކީ އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އެލައިޑުން ބުންޏެވެ.

ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރެންސް އެންޑް ރީއިންޝުއަރަރސްއަކީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރަންސް އަދި ރީއިންޝުއަރަންސް އާއި ބެހޭ މައުލޫމާތު ގައުމުތަކުގެ މެދުގައި ބަދަލުކޮށް އިލްމީ އަދި ފަންނީ މާހިރުންގެ އެހީގައި އިންޝުއަރަންސް އިތުރަށް މުއްސަނދިކޮށް ޒަމާނީ ކުރިއެރުންތަކެއް ހޯދުމުގެ މަގުސަދުގައި 1964 ގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އެގޮތުން 20 ގައުމެއްގެ ބައިވެރިވުމާ އެކު ފެށުނު އެ ޖަމިއްޔާގެ މަސައްކަތް ފުޅާވެ، ބައިއަތު ހިފާފައިވާ ގައުމުތައް އިތުރުވެ، މިހާތަނަށް އެ ޖަމިއްޔާގެ އެތަކެއް ހަރަކާތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް