ޖޭއެސްސީއިން އިއާދަކޮށްދިނީ ގާނޫނު އަސާސީގެ ގެއްލިފައިވާ ސިފައެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފައިލް ފޮޓޯ/ މަޖިލިސް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު އަބްދުﷲ އާއި އަބްދުﷲ އަރީފަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާ އެކު އިއްޔެ ޖޭއެއްސީއިން އިއާދަކޮށްދިނީ ގާނޫނު އަސާސީގެ ގެއްލިފައިވާ މުހިންމު ސިފައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ނިންމީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ގޮސްފައިވާ މައްސަލައެއްގެ ފައިލް ފޮނުވުމަށް އަންގައި، އަދި އެ ފައިލް ސިވިލް ކޯޓުން ސުޕްރީމް ކޯޓަށް ގެނައުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ގާނޫނުން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ހައްގު ގެއްލި އަދި އަދުލު އިންސާފުގެ ހަމަޔާއި އުސޫލު ގެއްލޭ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ އެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި އެ މައްސަލައަކީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލައިގެ ލިޔުންތައް ގެންދިޔަ މައްސަލަ އެވެ.

ޖޭއެސްސީގެ ނިންމުމާ ގުޅޭގޮތުން މިއަދުގެ މަޖިލީސް ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ގާނޫނު އަސާސީ ފާސް ކުރި އިރު އޮތް އަސްލު ގެއްލޭ ގޮތަށް ކަންތައްތައް ހިނގަމުންދާތީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވާ ކަމަށެވެ. އަދި ގާނޫނު އަސާސީ އުފެއްދި އިރު އޮތް އެންމެހާ އުސޫލުތައް އަލުން އަނބުރާ އިއާދަ ކުރުމަށް މަޖިލީހުން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ މީހަކަށްވެސް ކުށުން ބަރީއަވުމަށް ތިން ފުރުސަތު ލިބުމަކީ ގާނޫނު އަސާސީންނާއި ދިވެހި އާދަކާދައިންވެސް ލިބިދޭ ހައްގެއް ކަމަށެވެ.

"ރައިވެރިންގެ ދަރިންނަށްވެސް ތިނެތިން އެކަތި އޮވޭ. ކޮންމެ ރައްޔިތަކަށްވެސް ކުށުގެ ތުހުމަތުން ބަރީއަވުމަށްޓަކައި ތިން ފުރުސަތު އަސާސީ ހައްގުތަކުގެ ތެރޭގައި ރައްޔިތުންނަށް ދީފައި މި އޮންނަނީ. އެއީ ދަށު ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓު،" ނަޝިދު ވިދާޅުވިއެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުން ސިވިލް ކޯޓުގައި އޮތް މައްސަލައިގެ ލިޔުންތައް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް މިއަދު ނަޝީދު ވިދާޅުވި އެވެ.

"އެއް ފަނޑިޔާރަކު ކަމެއް ނިންމަވަމުން ގެންދަވަނިކޮށް އެކަމުގެ ތެރެއަށް އެހެން ފަނޑިޔާރަކަށް ވަދެވަޑައެއް ނުގަނެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ލިޔުންތައް ނަގަން ނިންމީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމި ނިންމުމަކީ، ގާނޫނު އަސާސީން އެ ހައްގު ލިބިދޭ އުސޫލު އަލުން ޖޭއެސްސީއިން އިއާދަކޮށްދިނުމެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އިއްޔެގައި ޖޭއެސްސީއިން އެ އިޔާދަކޮށްދިނީ ގާނޫނު އަސާސީގައި އޮތް މުހިންމު އުސޫލެއް، ގެއްލިފައިވާ ސިފައެއް،" ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ނިންމުމާ ގުޅިގެން މިއަދުން ފެށިގެން ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް އެ ފަނޑިޔާރުންނަށް ވަނީ ދީފައެވެ.

comment ކޮމެންޓް