ބަތަލާ ކޮއެނާ އަށް ހަ މަހުގެ ޖަލު ހުކުމެއް އިއްވައިފި

ބަތަލާ ކޮއެނާ މިތްރާ---

އަނބުރާ ދައްކާ ގޮތަށް ނެގި ފައިސާ އަށް ދޫކުރި ޗެކް ބައުންސްވި މައްސަލައެއްގައި ކުރީގެ ބޮލީވުޑް ބަތަލާ، މޮޑެލް ކޮއެނާ މިތްރާ 35، އަށް ހަ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އޭނާ އަށް ހަ މަސް ދުވަހުގެ ޖަލު ހުކުމް އިއްވީ ފައިސާ ދެއްކުމަށް އެތައް ފަހަރަކު ވެސް ބުނުމުން ފައިސާ ނުދައްކައި، ފައިސާ ދައްކަން ދެކޮޅު ހެދުމުގެ މައްސަލައެއް ސާބިތުވުމުންނެވެ.

މުމްބާއީގެ އަނދޭރީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން އިއްވި ހުކުމްގައި ވަނީ 4.64 ލައްކަ ރުޕީސް އާއި ޖޫރިމަނާގެ ގޮތުގައި 1.64 ލައްކަ ރުޕިސް ދައްކަން އޭނާގެ މައްޗަށް ހުކުމްކޮށްފަ އެވެ.

ކޮއެނާ ރުފިޔާ ނެގީ މޮޑެލް ޕޫނަމް ސެއިތީ އަތުންނެވެ. ފައިސާ ދައްކަން ކޮއެނާ އަށް އެންމެ ފުރަތަމަ ނޯޓިސް އެއް ފޮނުވާފައި ވަނީ 2013 ވަނަ އަހަރުގަ އެވެ. އެއީ އަނބުރާ ފައިސާ ދައްކަން ދިން މުއްދަތު ހަމަވުމުންނެވެ.

ބޭރުގެ ނޫހަކާ ހަވާލާދީ ކޮއެނާ ބުނީ މިއީ އޭނާ ބައްދާލަން މީހަކު ކޮށްފައިވާ މަސައްކަތެއް ކަމަށާއި ދައުވާގައި އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ކަމަށެވެ. ކޮއެނާ އެހެން ބުނި ނަމަވެސް ގާޒީ ކެތާކީ ޗަވަން ވިދާޅުވީ ކޮއެނާގެ ވާހަކަތަކުގައި އެއްވެސް އޮށްޓަރެއް ނެތް ކަމަށާއި ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ކޮއެނާގެ ވާހަކަތައް ގަބޫލުނުކުރެވޭ ކަމަށެވެ.

އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ ޖޯން އަބްރަހަމްގެ ފިލްމު "ބަތުހާ ހައުސް"ގެ ލަވަ "އޯ ސާކީ ސާކީ" އޮރިޖިނަލް ލަވަ ކުޅުނު ބަތަލާ އަކީ ކޮއެނާއެވެ.

އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި 'އޯމް ޝާންތި އޯމް'، 'އަސަލް' އަދި 'ދޫލް' ހިމެނެ އެވެ. ކޮއެނާ ފާހަގަކޮށްފައި ވަނީ ބޮލީވުޑުން މާ ކާމިޔާބު ބަތަލާއެއްގެ ގޮތުގައެއް ނޫނެވެ.

comment ކޮމެންޓް