އެމްއެމްޕީއާރުސީގެ ހިޔާނާތް ގަވަރުނަރު ސިފަ ކުރެއްވީ 'ޑޭލައިޓް ރޮބަރީ' އެއް ގޮތަށް

މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު ނަސީރު(މ) ހާޒިރުކޮށްފައި --- ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތަކީ ޑޭލައިޓް ރޮބަރީ އެއް ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު ނަސީރު އެހެން ވިދާޅުވެފައިވަނީ، އޭނާއާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއިޔޫގެ) ކުރީގެ ހެޑް އަބްދުﷲ އަޝްރަފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީއަކާ ގުޅުގެން އެ ކޮމެޓީއަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ނަސީރު ވިދާޅުވީ، މަރުކަޒީ ބޭންކާއި އޭނާ ހަވާލުވި ދުވަސްވަރަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި އެމްއެމްއޭ އާއި އެތަނުގެ އެފްއައިޔޫގެ އިހުމާލެއް އޮތް ކަމަށް މީޑިއާއިންނާއި ސިޔާސީ ފަރާތްތަކުން ބުނަމުން އައި ދުވަސްވަރެއް ކަމަށެވެ.

"ރައްޔިތުންގެ ފައިސާއިން ދިވެހި ދައުލަތުގެ ޚަޒާނާއަށް ވަންނަން ޖެހޭ އައްޑިހަ މިލިއަން ޑޮލަރު ބަޔަކު ވަގަށް ނަގައިގެން ދިޔަ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ދުނިޔޭގައި ވެސް ހިއެއް ނުވޭ މި ގޮތަށް ދިގު މުއްދަތެއްގެ ތެރޭގައި ނޫނީ މި މިއްދަތުގެ ތެރޭގައި މިގޮތަކަށް މިކަމެއް ހިނގާފައި އޮންނާނެ ކަމެއް،" އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ސިފަ ކުރައްވަމަން ނަސީރު ވިދާޅުވި އެވެ.

މަރުކަޒީ ބޭންކާއި ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީގެން ކުރި އެއް ކަމަކީ އެކަންތައް ބެލުން ކަމަށް ނަސީރު ވިދާޅުވި އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެމްއެމްއޭގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރަމުންދާތީ އެކަން ބެލުމަށް ކުރި މަސައްކަތުގައި އޭރުގެ އެފްއައިޔޫގެ ހެޑް އަޝްރަފްގެ އެއްބާރުލުން ލިބިފައި ނުވާކަން ނަސީރު ފާހަގަކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން އެފްއައިޔޫގެ ހެޑްގެ މަގާމުން އޭނާ ދުރަށް ޖައްސަން ޖެހުނު ކަމަށް ނަސީރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން އެފްއައިޔޫގެ ސަމާލު ކަމަށް މިދިޔަ އަހަރުގެ ޖޫން މަހު ލިބިފައި އޮތް ނަމަވެސް އެކަން ގަވަރުނަރާއި ހަމައަށް އައިސްފައި ވަނީ ސެޕްޓެމްބަރު މަހުގައި ކަމަށް ނަސީރު ވިދާޅުވި އެވެ. އަދި އެކަން ގަވަރުނަރާ ހަމައަށް ގެނެސްފައި ވަނީ އޭރު އެފްއައިޔޫގެ ހެޑްގެ މަގާމުގައި ހުންނެވި އަޝްރަފް ރާއްޖެއިން ބޭރަށް ވަޑައިގަތް އެ ތަނުގެ ހިންގުން އެހެން ފަރާތަކާ ހަވާލުކޮށްފައި ވަނިކޮށް ކަމަށް ނަސީރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.

comment ކޮމެންޓް