ހުކުމާ އެއްގޮތަށް ޑްރަގްގެ ފަރުވާ ނުލިބި 800 މީހަކު ދޫވެފައި

ޑްރަގް ކޯޓްގެ އިމާރާތް -- ސަންފައިލް ފޮޓޯ

ޑްރަގު ބޭނުން ކުރާކަން ސާބިތުވެގެން ފަރުވާއަށް ފޮނުވަން ޑްރަގް ކޯޓުން ހުކުމް އިއްވާފައިވާ 800 އަށް ވުރެ ގިނަ މީހުން ފަރުވާ ނުލިބި ދޫވެފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރޭގައި ކަންބޮޑުވުންތައް ފާޅު ކުރައްވަމުން ޕީޖީ ބިޝާމް ވިދާޅުވީ، ކޯޓްތަކުގައި މައްސަލަތައް ފުނި ޖެހުމުގެ އިތުރަށް ކަންބޮޑުވާން ޖެހޭ އެހެން ބައެއް ބޮޑެތި މައްސަލަތައް ވެސް ޖިނާއީ އަދުލުގެ ނިޒާމުގައި އެބަ ހުރި ކަމަށެވެ.

އެގޮތުން ޑްރަގް ކޯޓްގައި މިހާތަނަށް ވެސް ނުނިމި 277 މީހެއްގެ މައްސަލައެއް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިހިބިލިޓޭޝަންގެ ފަރުވާޔަށް ފޮނުވަން ޑްރަގް ކޯޓުން ހުކުމް އިއްވި ނަމަވެސް، ހިންމަފުށީގައި ހުންނަ ސެންޓަރުން ޖާގަ ނުލިބިގެން 800 އެއްހާ މީހުން ކިޔޫގައި ތިބެން ޖެހިފައިވާ މައްސަލަ ބޮޑުކަމަށް ބިޝާމް ވިދާޅުވި އެވެ.

ސަބަބަކަށް ވަނީ ބިޝާމް ވިދާޅުވި ގޮތުގައި ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގެ ޖާގަ މިވަގުތު ހުރި ގޮތުން އެ ސެންޓަރަށް ފަރުވާދެވެނީ، 210 ފަރާތަށެވެ. އެއީ، 170 ފިރިހެނުންނާއި 10 އަންހެނުންނަށް ކަމަށް ޕީޖީ ފާހަގަ ކުރެއްވި އެވެ. ނަތީޖާއަކަށް ވަނީ އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ނިކުތުން ކަމަށް ބިޝާމް ވިދާޅުވި އެވެ.

ޕީޖީ އައިޝަތު ބިޝާމް އާއި އެ އޮފީހުގެ އިސްވެރިން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި: ޖިނާއި އަދުލުގެ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ހާމަކުރެއްވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި 800 މީހުންގެ ތެރެއިން ގިނަ މީހުން ތިބޭނީ މުޖުތަމައަށް ދޫވެފައި. އެހެން ވެއްޖެ ކަމަށް ވަންޏާ އޭގެ ނަތީޖާއަކަށް ވަނީ ހަގީގަތުގައި އިޖުތިމާއީ މައްސަލަތައް ވަރަށް ގިނަވޭ. އެއާ އެކުގައި މި މީހުން އަލުން ސިސްޓަމްގެ ތެރެއަށް ރިޕީޓެޑްލީ އޮފެންޑްކޮށްގެން، ރިޕީޓެޑް އޮފެންޑާސް [ތަކުރާރުކޮށް ކުށްކުރާ މީހުން]ގެ ގޮތުގައި އަނެއްކާ ސިސްޓަމްގެ ތެރެއަށް އެބަ އާދޭ،" ޕީޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑްރަގްގެ ފަރުވާ ނުލިބި ދޫވެފައި ތިބޭ މީހުންގެ އަދަދު ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭގައި ހާހަކަށް އަރާނެ އެވެ. ޕީޖީ ވިދާޅުވީ އެއްހާސް ވަނަ މީހާއަށް ފަރުވާ ނުލިބި ކިޔޫގައި މަޑުކުރަން ޖެހޭނީ ކިހާ ދުވަހެއްގައި ކަންވެސް ނޭނގޭ ކަމަށެވެ.

ޑްރަގުގެ ފަރުވާޔަށް ހުކުމް ކުރި ނަމަވެސް، އެ މީހުންގެ ފަރުވާ ނުފެށިފައި ތިބޭހާ ދުވަހަކު އެ މީހުންނާ ގުޅޭ ގޮތުން ހުންނަ އެހެން ކުދިކުދި ޖިނާއީ މައްސަލަތަކާ މެދު ޕީޖީ އޮފީހަށް ގޮތް ނުނިމި ލަސްވެގެން ދާ ކަމަށް ބިޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުކުމެއްކޮށްގެން ޑްރަގްގެ ފަރުވާ ހޯދާ މީހުންގެ އެހެން ކުދިކުދި ޖިނާއީ މައްސަލަތަކަށް މާފުދެނީ ފަރުވާ ކުރިއަށް ދާގޮތް އެ އޮފީހުން ބަލައިފަ އެވެ.

"މުޖުތަމައަށް އެނބުރި އަންނަން ފުރުސަތެއް ދިނުމުގެ ގޮތުން ޕީޖީއަށް ފުރުސަތު އެބަ ލިބޭ ފުރަތަމަ ފަހަރު ދައުވާ ނުކޮށް ދޫކޮށްލުމަށް. އެގޮތަށް ވެސް ލުއި މިދެވެނީ މިދެންނެވި ފަރުވާގެ ކަންކަން ދާގޮތް ބަލާފައި. އެހެން ގޮސް، ޕެންޑްވެފައި މި އޮފީސް ތެރޭގައި ވަރަށް ގިނަ މައްސަލަ ވެސް ހުންނާނެ،" ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ، ދާދިފަހުން ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ދައުލަތުގެ ޚަރަދުގައު ބޭރުގެ ރިހިބިލިޓޭޝަން ސެންޓަރުތަކަށް ވެސް އެފަދަ ފަރާތްތައް ފޮނުވޭ ކަމަށެވެ. އެހެން ނަމަވެސް، އެކަން އަދި ތަންފީޒުވަމުން އަންނަތަން ނުފެންނަ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

މީގެ އިތުރުން ބިޝާމް ވިދާޅުވީ މައްސަލަތައް ނިންމަން ވަކި ތާރީޚުތަކެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮތް ނަމަވެސް، ކޯޓްތަކުން މައްސަލަތަކުގެ ޝަރީއަތް ގެންދަނީ އެ އުސޫލަށް ނޫން ކަމަށެވެ. އަދި އެތައް މައްސަލަތަކެއް އެތައް އަހަރެއް ވަންދެން ކޯޓްތަކުގައި ފުނި ޖެހިފައިވާކަން ބިޝާމް ފާހަގަ ކުރެއްވި އެވެ.

އެގޮތުން ބިޝާމް ވިދާޅުވީ، ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މަންމަގެ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ތިން އަހަރުވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލުވި މީހުންގެ މައްސަލަ ވެސް ކުރިއަކަށް ނުގޮސް އޮންނަތާ ދެހަރާއި ހަތަރު މަސްވެފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ. މީގެ އިތުރުން ގދ. ތިނަދޫ، ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލަ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅި ނަމަވެސް، ތިން މަސްވީއިރުވެސް މައްސަލަ ކުރިއަށް ނުގެންދާކަން ޕީޖީ ފާހަގަ ކުރެއްވި އެވެ.

"ގިނަ އަދަދެއްގެ ބޮޑެތި މައްސަލަތައް ޝަރީއަތް ނުނިމި ދިގުލާފައި އެބަހުރި. ޑްރަގް ޓްރެފިކިން، މަރުގެ މައްސަލަތައް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިކަހަލަ މައްސަލަތައް އެބަހުރި. މިކަންކަން ސުޕްރީމް ކޯޓްގެ ސަމާލުމަކަށް ވެސް ފޮނުވިން،" ޕީޖީ ވިދާޅުވި އެވެ. "މައްސަލަތައް ލަސްވެގެން 120 ސިޓީ ކަމާ ގުޅޭ ކޯޓްތަކަށް އަޅުގަނޑުމެން ވާނީ ފޮނުވާފައި،"

މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ޕީޖީ ވިދާޅުވީ، ޝަރީއަތަށް މީހުން ހާޒިރުކުރުމުގައި ދިމާވާ ދަތިތަކެވެ. އެގޮތުން ތުހުމަތު ކުރެވޭ މީހާ އާއި ހެކިން ހާޒިރުކުރުމަށް އުނދަގޫތައް ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ. ހާއްސަކޮށް އަތޮޅު ތެރޭގައި ކޯޓްތަކަށް ހުށަހެޅިފައި ހުންނަ މައްސަލަތައް ގިނަ ފަހަރަށް ދިގުލައިގެން ދަނީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ކޯޓަށް ހާޒިރުކުރުމަށް އެ އިދާރާއަށް ބަޖެޓް ނުލިބުމެވެ. އަދި އޯޑިއޯ ވީޑިއޯގެ ޒަރިއްޔާއިން ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް އަތޮޅުތަކުގެ ކޯޓްތަކުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމްވެފައި ނެތުމަކީ ވެސް ސަބެބެއްކަން ޕީޖީ ފާހަގަ ކުރެއްވި އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނު އައިސްގެން އަޅުގަނޑުމެން ހަމަ ބައިވަރު މައްސަލަތައް އެއްފަހަރާ ވެސް ފޮނުވިން ކޯޓްތަކަށް. ތަހުގީގު ނިމި ދައުވާކޮށް މި ކަންކަން ގާނޫނުގައި ބުނާ މުއްދަތުތަކުގައި ނިންމިއަސް. ޝަރީއަތުގެ މަރުހަލާއަށް އައިމާ އެކަންކަން ނުހިނގާ އެގޮތަކަށ. ކޮންޓިނިއުޓީ އޮފް ޓްރެއިލް ކޮންސެޕްޓް އޮތަސް އެކަމެއް ނުހިނގާ އެހެނެއް،" ޕީޖީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

comment ކޮމެންޓް