ޖަޕާން ސިފައިންނާ ގުޅިގެން ތަމްރީންތަކެއް ބާއްވައިފި

ޖަޕާންގެ ފުލައިޓް: ޖަޕާނާއެކު ދިވެހި ސިފައިން ވަނީ ތަމްރީނުތަކެއް ބައްވައިފައި -- ފޮޓޯ/ އެމްއެންޑީއެފް

ޖަޕާން ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ހާއްސަ ތަމްރީންތަކެއް ބައްވައިފި އެވެ.

މި ތަމްރީންތައް ބޭއްވީ މިއަދު ހެނދުނު 11:00 އިން މެންދުރު 1:00 އަށް ހުޅުމާލޭ އިރުމަތީފަރާތުން ކަނޑުގެ ސަރަހައްދުގަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދައި ސަލާމަތްކުރުމަށް ހިންގި މި ތަމްރީންތަކުގައި، އެމްއެންޑީއެފްގެ ކޯސްތްގާޑް ޝިޕް ހުރަވީއާއި ޖަޕާންގެ ނޭވީ ފުލައިޓެއް ބައިވެރިވި ކަމަށެވެ.

ތަމްރީންތަކުގައި ބޭނުން ކުރި ޖަޕާންގެ ފުލައިޓު --- ފޮޓޯ/ އެމްއެންޑީއެފް

އާޒިމް ވިދާޅުވީ، މިއަދުގެ ހަރަކާތުގައި އޮތީ ކަނޑު މަތީގައި ދިމާވާ ހަދިސާތަކާއި ކަނޑުވެފައި ތިބޭ މީހުންނަށް އެހީތެރިވާނެ ގޮތްތައް އަމަލީ ގޮތުން ތަޖުރިބާކުރުން ކަމަށެވެ.

އާޒިމް ވިދާޅުވީ މިއަދުގެ ހަރަކާތުގައި ކޯސްޓްގާޑުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ކަމަށެވެ.

ކަނޑުގަދަވެ، މޫސުން ގޯސްވާ ދުވަސްވަރު، ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. މިއަދު މާލެ ސަރަހައްދުގައި ކަނޑުމަތީގެ ތަމްރީން ހަރަކަތް ބޭއްވި އިރު، މާލެއަށް ވެސް ކޮންމެ ވެސް ވަރަކަށް ވިއްސާރަ ކުރި އެވެ.

comment ކޮމެންޓް