އިންޑިއާއިން ހަނދަށް ފޮނުވާ އުޅަނދު ލޯންޗުކޮށްފި

އިންޑިއާގެ ޗަންދުރަޔާން-2 ލޯންޗު ކުރަން ތައްޔާރުކޮށްފައި -- ފޮޓޯ: އިސްރޯ

ދިއްލީ (ޖުލައި 22): އިންޑިއާއިން ހަނދަށް ފޮނުވާ ދެވަނަ އުޅަނދު މިއަދު ލޯންޗުކޮށްފިއެވެ.

އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ)އިން މީގެ ކުރިން ޗަންދުރަޔާން-2 ލޯންޗުކުރަން ހަމަޖެހިފައި އޮތީ މިމަހުގެ 15އިގަ އެވެ. ނަމަވެސް އެއުޅަނދު ފޮނުވާލަން 56 މިނިޓަށް ވެފައި ވަނިކޮށް، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ލޯންޗުކުރުން ފަސްކުރީއެވެ.

އިސްރޯއިން ބުނި ގޮތުގައި އެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފައެވެ. އަދި މިއަދު އަންދްރަ ޕްރަދޭޝްގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން ޗަންދުރަޔާން-2 ވަނީ ލޯންޗުކޮށްފައެވެ.

އިންޑިއާއިން އުންމީދުކުރަނީ ޗަންދުރަޔާން-2 ވާނީ ހަނދުގެ ސައުތު ޕޯލްގައި ޖައްސާނެ ފުރަތަމަ އުޅަނދަށް ވާނެ ކަމަށެވެ. އަދި އެއިން ހަނދުގައި ތަހުލީލުތައް ހަދައި، މައުލޫމާތާއި ފޮޓޯ ދުނިޔެއަށް ފޮނުވާނެ ކަމަށެވެ.

އިސްރޯއިން ލަފާ ކުރާ ގޮތުގައި ޗަންދުރަޔާން-2 ހަނދުގައި ޖައްސާނީ ސެޕްޓެމްބަރު ހަޔެއް ނުވަތަ ހަތެއްގައެވެ.

އިންޑިއާއިން ވަނީ މީގެ ކުރިންވެސް، ޗަންދުރަޔާން-1 ކިޔާ އުޅަނދެއް ހަނދަށް ފޮނުވާފައެވެ. ނަމަވެސް އޮކްޓޯބަރު 2008 އިން އޮގަސްޓު 2009 އަށް ކުރިއަށް ގެންދިޔަ އެމިޝަނުގައި އެއުޅަނދު ހަނދުގައި ޖައްސާފައި ނުވެއެވެ. އަދި އޭގެ ބަދަލުގައި ހަނދުގެ ދިރާސާތައް ހެދީ ހަނދުގެ ވަށައިގެން ބުރު ޖަހަމުންނެވެ.

އިންޑިއާއިން ހަނދަށް އުޅަނދެއް ފޮނުވާ ދެވަނަ މިޝަނުގައި ގާތްގަނޑަކަށް 1،000 އިންޖިނިއަރުންނާއި ސައިންޓިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ މިޝަންގެ އަގު 150 މިލިއަން ޑޮލަރަށް އަރައެވެ.

އެ މިޝަން ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވާނީ ހަނދުގައި އުޅަނދެއް ޖައްސާ ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން އެމެރިކާ، ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާގެ އުޅަނދުތައް ހަނދުގައި ޖައްސާފައިވެއެވެ.

comment ކޮމެންޓް