ދުވަސްވީ މީހުންނަށް 10،000 ރުފިޔާ ދޭން ހުށަހެޅި އިސްލާޙު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އުމުރުން ދުވަސްވީ މީހުނަށް މަހަކު 10،000 ރުފިޔާ ދޭގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ޖާބިރު ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީ މެމްބަރުން ވަނީ އިބްތިދާއީ ބަހުސް މަރުހަލާގައިވެސް ދެކޮޅު ހައްދަވައިފަ އެވެ. މިއަދު މަޖިލީހަށް އެބިލު ބަލައިގަތުމާ މެދު ވޯޓަށް އެހުމުން 58 މެމްބަރުން ވަނީ ބިލު ބަލައި ގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ.

ޖާބިރު އިސްލާހު ހުށަހެޅުއްވީ އުމުރުން 65 އަހަރުވުމުން މިހާރު ދެމުންދާ 5000 ރުފިޔާގެ އިނާޔަތް 10،000 ރުފިޔާއަށް ބޮޑު ކުރާށެވެެ.

ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ޖާބިރު އިސްލާހު ހުށަހެޅުއްވީ އެއްވެސް ވަރަކަށް ދިރާސާ ނުކޮށް، ދައުލަތުގެ މާލީ ހާލަތަށް ވެސް ބެލުމެއް ނެތި ކަމަށެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ވިދާޅުވީ މި އިސްލާހަކީ ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ މަގްސަދާ މުޅިން ހިލާފު އިސްލާހެއް ކަމަށެވެ. އަދި މި އިސްލާހު ފާސްވެއްޖެނަމަ ޕެންޝަނާ ބެހޭ ގާނޫނެއް ހެދުމުގެ މަގުސަދު މުޅިން ގެއްލިގެން ދާނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

"މި އިސްލާހުގެ ސަބަބުން އުފެދިގެން އަންނަ ނަތީޖާ އަކީ ދައުލަތަށް އުފުއްލައިނުގަނެވޭ ވަރުގެ ބޮޑު މާލީ ބުރައެއް ދައުލަތުގެ ބޮލުގައި މި މަޖިލީހުން އެޅުވުން، މިއީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން،" އީސާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އިހުލާސްތެރިކަމެއް ނެތި ދެއްކުންތެރިކަމާ އެކު މަސައްކަތް ކުރާނަމަ ރައްޔިތުންނަށް އެކަން ފެންނާނެ ކަމަށާއި އެގޮތަށް ކަންކަން ދާނަމަ ދެން އޮތް އިންތިޚާބުތަކުގައި އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް އެ ބިލުގެ ބަހުސް މަރުހަލާގައި ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް