ރާއްޖެ-ޗައިނާ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމަކާ ދެމެދު އޮންނަ މިސާލީ ގުޅުމެއް: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ މިސާލީ ގުޅުމެއް ކަމަށް ވިދާޅުވެފަ -- ފޮޓޯ: ޒިންހުއާ

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމާއި އެންމެ ބޮޑު އެއް ގައުމާ ދެމެދު އޮންނަ މިސާލީ ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު އެފަދައިން ވިދާޅުވީ އިއްޔެ ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

"ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެންމެ ކުޑަ އެއް މެމްބަރާއި އެންމެ ބޮޑު އަދި އެންމެ ބާރުގަދަ އެއް މެމްބަރާ ދެމެދު، ދެ ފަރާތަށް ވެސް ފައިދާވާ ފަދަ ގުޅުމެއް ބޭއްވިދާނެ ކަމުގެ މިސާލެއް،" ޝާހިދު ވިދާޅުވި އެވެ.

އަދި ރާއްޖެ އާއި ޗައިނާގެ ގުޅުން އާ ހަރުފަތަކަށް ގެންދަން މިސަރުކާރުން ބޭނުންވާ ކަމަށާއި ދެގައުމުގެ ތާރީހީ ގުޅުމުގެ ބިންގާ އެޅިފައި ވަނީ ދެ ގައުމުގެ ސިޔާދަތަށާއި ސަރަހައްދީ މިނިވަންކަމަށް އިހުތިރާމު ކުރުމުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިހާރު ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ކުރާ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން އެގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން، މެދު އާމްދަނީގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމަކަށް ވުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތުގައި މުހިއްމު އިގުތިސާދީ އަދި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމި އޮންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެ އިންޓަވިއުގައި ޝާހިދު ވަނީ އަންނަ އޮކްޓޯބަރު މަހު ޗައިނާއިން ފާހަގަ ކުރާނެ 70 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވައި، އެގައުމުގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަށް ރާއްޖެއިން ތާއިދު ކުރާކަން ފާހަގަ ކުރައްވައިފަ އެވެ.

އަދި ޗައިނާއިން ދިން އެހީގެ ސަބަބުން ދިވެހިންނަށް ވަރަށް ފައިދާކޮށްފައިވާ ކަމަށާއި އެގައުމުން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ކަމަށްވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ރަންވޭ އެޅުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ދިވެހި ރައްޔިތުން ޝުކުރުވެރިވާކަން ހާމަ ކުރައްވައިފަ އެވެ.

މީގެ އިތުރުން ޝާހިދު ވަނީ ފާއިތުވި 10 އަހަރު ތެރޭ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު މާކެޓެއް އޮތީ ޗައިނާގައިކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ރާއްޖެއިން މުސްތަގުބަލުގައި ވެސް ޗައިނާއާ އެކު މަސައްކަތް ކުރަމުންދާނެ ކަމަށާއި އެގައުމުގެ އިންވެސްޓުމެންޓުތައް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް