ރައްޔިތުންގެ ޑިމޮކްރެސީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ދީމިގުރާތީ ވެރިކަން ނުވަތަ ޑިމޮކްރެސީ އަކީ މި ޒަމާނުގެ ގިނަ ދައުލަތްތަކުގައި، ވެރިކަން ނުވަތަ ހުކޫމަތު އެ ނިޒާމަކަށް ބައްޓަން ކުރެވޭ ނިޒާމެވެ. މި ޒަމާނުގައި ވެރިކަމެއްގެ ރަނގަޅުކަން، ނުވަތަ ނުރަނގަޅުކަން ވަޒަން ކުރެވެނީ އެ ވެރިކަމެއް ދީމިގުރާތިއްޔަތުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތް ވަނީ ކިހައި މިންވަރަކަށްތޯ ބަލައިގެންނެވެ. ގައުމުތަކުގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އަބަދު ވެސް އުޅެނީ، ތިމާމެންނަނީ ދީމިގުރާތިއްޔަތުގެ ޗެންޕިޔަނުންކަން ސާބިތު ކޮށްދެވޭތޯއެވެ. ކޮންމެ ސިޔާސީ ލީޑަރަކު ވެސް ބުނަނީ ތިމާޔަކީ ދީމިގުރާތިއްޔަތުގެ އުސޫލުތައް ނަގަހައްޓާ މީހާއޭ، ތިމާގެ ދެކޮޅުވެރިޔާ އަކީ ދީމިގުރާތިއްޔަތުގެ ދުޝްމަނެކޭ އެވެ. ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް އެންމެ އަޑުހަރު ދައުވާޔަކީ، އަހަރެމެންނަކީ އެންމެ ދީމިގުރާތީ ޕާޓީއޭ، އަހަރެމެންގެ ދެކޮޅުވެރިންނަކީ ދީމިގުރާތީ ނިޒާމަށް ހުރި ބޮޑު ބިރެކޭ، މި ދައުވާއެވެ.

ދީމިގުރާތިއްޔަތުގެ ޝިއާރުތަކާއެކު ގިނަ ފަހަރަށް ސިޔާސީ ލީޑަރުން ވެސް އަދި ސިޔާސީ ޕާޓީތަކުން ވެސް ހަދަނީ ދޮގެވެ. ވޯޓު ހޯދުމަށް ޓަކައެވެ. ވޯޓު ލިބުމުން، ކޮންމެ ބަޔަކު ވެސް ހަދަނީ ހަދާނެ އެއްޗެކެވެ. އިސްތިސްނާތަކަކީ މުޅި ދުނިޔެއަށް ބެލިޔަސް ވަރަށް ވެސް މަދު އެއްޗެކެވެ. ދުނިޔޭގެ ގާތްގަނޑަކަށް ކޮންމެ ދައުލަތެއްގައި ވެސް، ދީމިގުރާތިއްޔަތު އޮންނަނީ ނަމުންނެވެ. ފޮތުގައެވެ. އަމަލީ ގޮތުން ހިނގަނީ މަދު ބައެއްގެ ވެރިކަމެވެ. އެހެންޏާ މުއްސަނދި ރައުސުލްމާލީން ނުވަތަ ކެޕިޓަލިސްޓުންނާއި ބޮޑެތި ވިޔަފާރި ކޯޕޮރޭޝަންތަކުގެ އަތްމަތީގައި ވެރިކަމުގެ ހުރިހާ ބާރުތަކެއް އޮންނަ ޕްލުޓޯކްރެސީތަކާއި ކޯރޕޮރޭޓޮކްރަސީތަކެވެ. ނުވަތަ ތަނުގައި ތިބޭ އެންމެ ފަސާދަވެރި ނުވަތަ ކޮރަޕްޓް މީހުންނާއި، މަކަރުވެރިކަމާއި ހީލަތްތެރިކަމާއި ދޮގުވެރިކަމުގެ ބޭނުން ކޮށްގެން ރައްޔިތުންނަށް އޮޅުވައިލައިގެން ބާރު ހޯދައިގެން އުޅޭ ބަޔަކު ވެރިކަން ކުރާ ކްލެޕްޓޮކްރަސީތަކެވެ. ނުވަތަ މުއްސަނދިކަމާއި އާއިލީ ބާރާއި ތައުލީމީ ގޮތުން ލިބިގެންވާ މަތީ ފަންތިއެއް ފަދަ ކަންތައްތަކެއްގެ ނާޖާއިޒު ފައިދާ ނަގައިގެން ވެރިކަން ކުރާ މަދު ބައެއްގެ އަތްދަށުގައި އޮންނަ އޮލިގާރކީތަކެވެ.

ޔޫރަޕުގެ ގައުމުތަކާއި އުތުރު އެމެރިކާގައި އޮންނަނީ ފުރިހަމަ ދީމިގުރާތީ ނިޒާމުތަކެއް ކަމުގައި ވަރަށް ގިނަ ބަޔަކު ދެކެއެވެ. އެ ގައުމުތަކަކީ އިސްތިއުމާރީ މާޒީއެއްގައި މުޅި ދުނިޔޭގެ މުއްސަނދިކަން ފޭރިގަނެގެން، އިލްމީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވަރުގަދަ މުޖުތަމައުތަކެއް ބިނާ ކޮށްގެން ތިބި ގައުމުތަކެއްކަން ކަށަވަރެވެ. މުޅި ދުނިޔެ ފޭރިގެން އެމީހުން އެއްކުރި މުދަލާއި، ހޯދި އިލްމާއި ހުނަރުގެ ފައިދާ ފުރިހަމަޔަށް ލިބިގަނެގެން ތިބި ގައުމުތަކެއްކަން ޔަގީނެވެ. ދުނިޔޭގެ މާލީ ނިޒާމުގެ އިންޖީނުތައް ހުރީ އެމީހުންގެ ގައުމުތަކުގައެވެ. އެމީހުންގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައެވެ. ރިބާގެ މައްޗަށް ބިނާ ކުރެވިފައިވާ މާލީ އަދި ބޭންކިން ނިޒާމެއްގެ ބާރުގައި، މުޅި ދުނިޔޭގެ މާލީ ނިޒާމު ކޮންޓްރޯލު ކުރަނީ އެމީހުންނެވެ. ބުރަކޮށް މަސައްކަތް ކުރުން ފަދަ ރަނގަޅު އެތައް ސިފަތަކެއް ވެސް އެމީހުންގެ ކިބައިގައި އެބަހުރިކަން ވެސް ޔަގީނެވެ. އެހެންކަމުން، އެ ގައުމުތަކުން މުއްސަނދިކަން ފެނެއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޝަހަރުތަކާއި ތަންތަން ފެނެއެވެ. ސަރުކާރާއި މުއައްސަސާތަކުގެ ގާބިލުކަމާއި ކެރިފޯރުންތެރިކަން ރަނގަޅުވުމުގެ ނަތީޖާއެއްގެ ގޮތުން، ގާނޫނު ތަންފީޒު ކުރުން ފަދަ ކަންކަން ދުނިޔޭގެ އެހެން ތަންތަނަށް ވުރެ ހުޅަނގުގެ ގައުމުތަކުގައި މާބޮޑަށް ވެސް ރަނގަޅެވެ.

ނަމަވެސް އެ ގައުމުތަކުގައި ވެސް ދީމިގުރާތީ އުސޫލުތައް އޭގެ ހަގީގީ މާނައިގައި އޮވޭތޯ މިއީ ސުވާލެކެވެ. ހުޅަނގުގެ ވެސް ގިނަ ގައުމުތަކަކީ، ރައްޔިތުންގެ ގިނަ ބަޔަކަށް އިގުތިސާދީ ފުދުންތެރިކަން ލިބިފައި އޮތުމާ އެކުގައިމެ، ވަރުގަދަ ޕްލުޓޯކްރަސީތަކެއް ނުވަތަ ކޯރޕޮރޭޓޮކްރަސީތަކެކެވެ. މި ދެންނެވި ބަހުގެ އެންމެ ސާފު ހެކި ފެނިގެން ދާ އެއް ކަމަކީ 2011 ވަނަ އަހަރު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ފެށިގެން އައި އޮކިޔުޕައި ތަހުރީކެވެ. އެ ތަހުރީކަކީ، އެމެރިކާގެ މުޖުތަމައުގައި މުއްސަނދީންނާއި ފަގީރުންގެ މެދުގައި ގައުމުގެ ވަސީލަތްތަކާއި މުއްސަނދިކަން ބެހިގެންދާ ބޭއިންސާފު ގޮތާ ދެކޮޅަށް، އާދައިގެ ރައްޔިތުން ފެށި ވަރުގަދަ ތަހުރީކެކެވެ. އެމެރިކާއިން ފެށުމަށް ފަހު، ސުނާމީ ރާޅެއް ފަދައިން މުޅި ޔޫރަޕާއި، އޭޝިޔާގެ ތަރައްގީ ވެފައިވާ ހުރިހާ ގައުމުތަކަކަށް ފެތުރިގެން ދިޔަ ތަހުރީކެކެވެ. އަށްޑިހަޔަށް ވުރެ ގިނަ ގައުމުގައި، ހާހަކަށް ޝަހަރުގައި އެ ތަހުރީކުގެ ބޮޑެތި މުޒާހަރާތައް ބޭއްވިގެން ދިޔަ ތަހުރީކެކެވެ. ހަމަ މިޒާތެއްގެ އަނެއް ތަހުރީކަކީ 2018ގައި ފަރަންސޭސި ވިލާތުގައި ފެށުނު ޔެލޯވ ވެސްޓް ތަހުރީކެވެ. މި ތަހުރީކުގެ ވެސް މައިގަނޑު މަގުސަދަކީ މުއްސަނދީންނަށް މުއްސަނދިކަން، ފަގީރުންނަށް ފަގީރުކަން އޮންނަ ބޭއިންސާފުގެ ނިޒާމު ނިމުމަކަށް ގެނެސް، ދީމިގުރާތިއްޔަތުގެ ހަގީގީ ރޫހާ އެއްގޮތަށް އިޖުތިމާއީ އަދާލަތު ގާއިމު ކޮށްދޭ މުޖުތަމައެއް ހޯދުމެވެ. މި ދެ ތަހުރީކުގެ އެތެރެޔާއި ބޭރު ރަނގަޅަށް ދިރާސާ ކޮށްލުމުން، ހުޅަނގުގައި ވެސް ފޮތުގައި އޮންނަ ކަހަލަ ހެޔޮ ދީމިގުރާތިއްޔަތެއް އޮންނަކަން ގަބޫލު ކުރާން ދަތި ވެއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އޮންނަނީ، ދީމިގުރާތިއްޔަތުގެ ނަމުގައި ހިންގޭ ސިޔާސީ ޕާޓީތަކުގެ ވެރިކަމެވެ. ގައުމުގެ ހުރިހާ ކަމެއް ބައްޓަން ވަމުން ދަނީ ބާރުގަދަ ސިޔާސީ ޕާޓީތަކެއްގެ އިސް ލީޑަރުން ބޭނުންވާ ގޮތަކަށެވެ. އެމީހުންނާ ޖެހުނީމާ ގާނޫނު އަސާސީ ވެސް ވަނީ އުދުހޭ ކަރުދާސްކޮޅަކަށް ވުރެ ބަލިކަށި އެއްޗަކަށެވެ. ބާރުތައް ވަކި ކުރުމުގެ ނިޒާމު ވެސް، އެމީހުން ނުރުހުނީމާ ވަނީ ފޮތުގައި އޮންނަ ބަސްތަކަކަށެވެ. މިނިވަން ފަނޑިޔާރުގެ ވެސް ވާން ޖެހެނީ އެމީހުން ބޯޑުގެ އެއް ކޮޅުން އަނެއް ކޮޅަށް، ފިސާރި ބާރުބާރަށް، ތަޅާ ޕިންޕިން ބޯޅަޔަކަށެވެ.

މި ނިޒާމުގައި، މުޖުތަމައުގެ އެންމެ ތަނަވަސް ފަންތިތަކުން ފެށިގެން އެންމެ ނިކަމެތި ރައްޔިތުންނާ ހަމަޔަށް، މުޅި މުޖުތަމައު އޮންނަނީ ޕާޓީ ރޮނގުން ބައިބައި ވެފައެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގައުމީ މަސްލަހަތަށް ވުރެ އަބަދުވެސް އިސް ކުރަނީ ޕާޓީގެ ވެރިންގެ މަސްލަހަތެވެ. ޕާޓީ ބާރުވެރި ކުރުވުމުން ލިބޭ އަމިއްލަ ފައިދާތަކެވެ. މި ނިޒާމަށް ކިޔާނެ ނަމަކީ ކޮބައިތޯ ވިސްނައިލުމުން، އަޅުގަނޑުގެ ބޮލަށް ވަންނަ ލަފުޒަކީ "ފެކްޝަނޯކްރަސީ" އެވެ. މި ލަފުޒު އަދި އިނގިރޭސި ރަދީފަކު ނޯންނާނެއެވެ. އެކަމަކު މި ދަންނަވާ އެއްޗެއް އެނގިވަޑައިގަންނަވާ، އެހެންނޫންތޯއެވެ؟

ހުޅަނގުން އަންނަ ފާޑުފާޑުގެ ކްރެސީތަކަށް ވުރެ، ހުރިހާ ގޮތަކުން ވެސް އިސްލާމީ އުއްމަތުގެ މެންބަރު ގައުމުތަކަށް ރަނގަޅު ވާނީ، މި ޒަމާނުގައި ހެއިލަމުން އަންނަ ޒަމާނީ އިސްލާމީ ތަހުރީކުގެ ފަލްސަފީ އަދި ދުސްތޫރީ ފިކުރާ އެއްގޮތަށް، އިސްލާމީ އުސޫލުތަކަށް ފަރުމާ ކުރެވޭ ވެރިކަމުގެ ނިޒާމެއް ގެނައުމެވެ. މި ކިޔާ ހުރިހާ ކްރެސީތަކަށް ވުރެ އެ ނިޒާމު ރަނގަޅު ވާނެއެވެ. މާ ފުރިހަމަ ވާނެއެވެ. އެ ނިޒާމުގައި ގާނޫނުގެ ހުކުމް މާ ފުރިހަމަކޮށް ގާއިމު ކުރެވޭނެއެވެ. އިޖުތިމާއީ އަދާލަތާއި އިގުތިސާދީ އަދާލަތު މާ ރަނގަޅަށް ގާއިމު ކުރެވޭނެއެވެ. ނަމަވެސް އެ ނިޒާމުގެ ވާހަކަ އަޅުގަނޑު މި މަގާމުގައި ދިގެއް ނުކުރާނަމެވެ. އެ ވާހަކަ އަޑު އަހާކަށް ދޮޅަހަކަށް މީހުން ނޫނީ މި ގައުމުގައި މިހާރު ނެތްކަން އަޅުގަނޑަށް އެނގޭތީއެވެ.

އިސްލާމީ ދުސްތޫރީ ނިޒާމު ގެނެވޭން ނެތަތީ، މިހާރު އޮތް އެތި ކަމުގައިވާ ދީމިގުރާތިއްޔަތު، ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އެންމެ ބޮޑަށް ރައްކައުތެރި ކުރެވޭނެ ގޮތަކަށް ބޭނުން ކުރެވޭތޯ އުޅެމާ ހިންގަވާށެވެ.

އެގޮތުން ވިސްނާ އިރު، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ބާރުވެރިކަން، ޚާއްސަކޮށް ބޮޑެތި ޕާޓީތަކުގެ ބާރުވެރިކަން ކޮންޓްރޯލް ކޮށް، އެ ޕާޓީތައް ޖަވާބުދާރީ ކުރުވުމަށް ޓަކައި މިހާރުން މިހާރަށް އެންމެ މުހިއްމު އެއް ކަމެއް ކަމުގައި ފެންނަނީ ގައުމީ މަސްލަހަތާއި، އާއްމު ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޓަކައި މަސައްކަތް ކުރާ ޒިންމާދާރު "ޕްރެޝަރ ގްރޫޕްތައް" ގިނަ ކުރުމެވެ. ސިވިލް ސޮސައިޓީ ބާރުވެރި ކުރުވުމެވެ. ޕާޓީތަކުގެ ދީމިގުރާތިއްޔަތު، ނުވަތަ ފެކްޝަނޯކްރެސީ ނިމުމަކަށް ގެނެސް، ރައްޔިތުންގެ ދީމިގުރާތިއްޔަތެއް އުފެއްދުމަށް ޓަކައި އެންމެ މުހިއްމު އެއް ކަމަކީ މިއެވެ.

ޕްރެޝަރ ގްރޫޕަކީ، ސަރުކާރުގެ ސިޔާސަތުތައް ގައުމަށް ފައިދާ ހުރި ގޮތްގޮތަށް ބައްޓަން ކުރުމަށާއި، އާއްމު މަސްލަހަތުތައް ހިމާޔަތް ކުރުމަށް ޓަކައި ސަރުކާރަށް ޕްރެޝަރު ކުރުމަށާއި، ސަރުކާރުން ގޯސްކޮށް ކުރާ ކަންކަން ހުއްޓުވުމަށް ބާރު އެޅުމަށް ޓަކައި، ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގެ ގޮތުގައި އިންތިޒާމު ވެގެން މަސައްކަތް ކުރާ ކިޔާނެކެވެ. ޕްރެޝަރު ގްރޫޕުތަކަކީ ގާނޫނީ އިމުގެ ތެރޭގައި، ސުލްހަވެރިކަމާ އެކު، ރިވެތި އަޚްލާގުގެ ހުދޫދުތަކުން ބޭރު ނުވެ، ތެދުވެރިކަމާއި އިޚްލާސްތެރިކަމާ އެކު ރައްޔިތުންގެ ނުވަތަ ރައްޔިތުންގެ ތެރެއިން ބައެއްގެ އަޑު ސަރުކާރާއި ގާނޫނު ހަދާ މަޖިލިސް ފަދަ ސިޔާސީ ފަރާތްތަކަށް އިއްވުމަށް ޓަކައި، އަދި އެ އަޑު މެދުކެނޑުމެއް ނެތި އިއްވައިގެން، ސަރުކާރު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރާ ބައެކެވެ.

ތިން ވައްތަރެއްގެ ޕްރެޝަރު ގްރޫޕް ހުރެއެވެ.

ފުރަތަމަ ވައްތަރަކީ މުޖުތަމައުގެ ވަކި ގިންތިއެއް ނުވަތަ ޖަމާއަތެއްގެ ހައްގުތައް ރައްކައުތެރި ކުރުމަށާއި، އެ ޖަމާއަތުގެ މަސްލަހަތުތައް ރައްކައުތެރި ކުރުމަށް ޓަކައި، އަދި ގައުމީ ކަންކަމުގައި އެ ބައެއްގެ ނަޒަރިއްޔާތާއި ޚިޔާލާއި ރައުޔު ފައުޅުކޮށް ހާމަ ކުރުމަށް ޓަކައި، އެ ބަޔަކު އުފައްދައި ހިންގާ ޕްރެޝަރު ގުރޫޕުތަކެވެ. މަސައްކަތްތެރިންގެ ޖަމްއިއްޔާތައް، ނުވަތަ ޓްރޭޑް ޔުނިއަންތަކަކީ މި ބާވަތުގެ ޕްރެޝަރ ގްރޫޕުތަކެކެވެ. ހުޅަނގުގެ ގައުމަކުން މިސާލު ނަގާ ނަމަ، އިނގިރޭސި ވިލާތުގެ ކޮންފެޑެރޭޝަން އޮފް ބްރިޓިޝް އިންޑަސްޓްރީޒްއަކީ މީގެ ވަރަށް ކާމިޔާބު މިސާލެކެވެ. ހަމަ އެހެންމެ، ބްރިޓިޝް މެޑިކަލް އެސޯސިއޭޝަނާއި، ނެޝަނަލް ޔުނިއަން އޮފް ޓީޗަރޒް އަކީ ވެސް މި ބާވަތުގެ ޕްރެޝަރ ގްރޫޕްތަކެވެ. ފަހުން މި ދެންނެވި ދެ ޖަމްއިއްޔާއަކީ، ޑޮކްޓަރުންގެ މުދައްރިސުންގެ ހައްގުތަކާއި މަސްހަލަތުތަކުގެ ދިފާއުގައި ހަރަކާތްތެރި ވާ ދެ ޖަމްއިއްޔާއެވެ.

ދެވަނަ ވައްތަރަކީ، ރައްޔިތުންގެ ތެރެއިން ވަކި ބައެއް ނުވަތަ ވަކި ޖަމާއަތެއް މަސްހަލަތުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި، ސިޔާސީ ގޮތުން ނުވަތަ އަޚްލާގީ ގޮތުން އެ މަގުސަދެއް ހާސިލު ކުރުމަށް މަސައްކަތް ކުރުން އައުލާ ވެގެންވާ މާތް މަގުސަދަކަށް ޓަކައި މަސައްކަތް ކުރާ ޖަމްއިއްޔާތަކާއި ތަހުރީކުތަކެވެ. އަނެއްކާވެސް އިނގިރޭސި ވިލާތުން މިސާލެއް ނަގާ ނަމަ، ރޯޔަލް ސޮސައިޓީ ފޯރ ދަ ޕްރިވެންޝަން އޮފް ކްރުއެލްޓީ ޓު އެނިމަލްސް އަކީ އެއްވެސް ސިފައެއްގައި ޖަނަވާރަށް ހާނީއްކަ ކުރުމާއި ގެއްލުން ދިނުމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. ކެމްޕެއިން ފޯރ ނިޔުކްލިޔަރ ޑިޒާރމަމަންޓް އަކީ އިނގިރޭސި ވިލާތާއި، އަދި މުޅި ދުނިޔެއިން ނިޔުކުލިއަރު ހަތިޔާރު ނެއްތައިލުމަށް ކެންޕޭން ކޮށް މަސައްކަތް ކުރަމުންދާ ޖަމްއިއްޔާއެކެވެ. މީގެ އިތުރުން، ތިމާވެއްޓަށް ޓަކައި މަސައްކަތް ކުރާ ފްރެންޑްސް އޮފް ދި އާރތު އާއި، ގްރީންޕީސް ވެސް ހިމެނެނީ މި ބާވަތުގެ ޕްރެޝަރު ގްރޫޕްތަކުގެ ތެރޭގައެވެ.

ޕްރެޝަރު ގްރޫޕްތައް ބެހޭ ތިން ބައިގެ ތެރެއިން އެންމެ ފަހު ބަޔަކީ "ފަޔަރ ބްރިގޭޑް ގްރޫޕްސް"ގެ ގޮތުގައި ފާހަގަ ކުރެވޭ ގްރޫޕްތަކެވެ. މި ބާވަތުގެ ގްރޫޕެއް އުފެއްދެނީ، ވަކި މައްސަލަޔަކާ ގުޅިގެން، އެ މައްސަލަ ހައްލު ކުރެވޭންދެން ހަރަކާތްތެރިވާ ތަހުރީކެއް ނުވަތަ ޖަމާއަތެއްގެ ގޮތުގައެވެ. ސަރުކާރުގެ ވަކި ސިޔާސަތެއް ބަދަލު ކުރާންދެން، އެ ސިޔާސަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް، ނުވަތަ ސަރުކާރާއި ގާނޫނު ހަދާ މަޖިލިސް ފަދަ ތަނަކުން ނިންމާ ވަކި ނިންމުމެއް ބަދަލު ކުރުމަށް ގޮވައިލައި އެ ބަދަލު ގެންނާންދެން، ދެކޮޅަށް އަޑު އުފުލާ ޖަމާއަތެއްގެ ގޮތުގައެވެ. މަގުސަދު ހާސިލު ވުމުން، މި ބާވަތުގެ ޕްރެޝަރ ގްރޫޕްތައް ރޫޅައިލެވެއެވެ. ދާއިމީ ސިފައެއްގައި ހަރަކާތްތެރިއެއް ނުވެއެވެ. މި ބާވަތުގެ ގްރޫޕްތަކުގެ ތެރޭގައި، 2003ގައި އިނގިރޭސި ވިލާތާއި އެމެރިކާއިން ޢިރާޤަށް އަރައިގަތުމުން، އިނގިރޭސި ވިލާތުގައި އުފެއްދި ސްޓޮޕް ދަ ވޯރ ކޯލިޝަން ހިމެނެއެވެ.

ހަރުދަނާ ގޮތެއްގައި ހިންގޭ ޕްރެޝަރު ގްރޫޕުތަކުގެ މަސައްކަތުން މުހިއްމު ކާމިޔާބީތައް، ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގައި، ހޯދިފައި ވެއެވެ. އެގޮތުން 2000 ވަނަ އަހަރު، އިނގިރޭސި ސަރުކާރުން އަނދަނައިން ނަގާ މައުމޫލު ބޮޑު ކުރުމާ ގުޅިގެން، އަނދަނައިގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔުމާ ގުޅިގެން، އެކަމާ ދެކޮޅަށް ލޮރީ ޑްރައިވަރުންނާއި ދަނޑުވެރިން އެކުލަވައިލި ޕްރެޝަރު ގްރޫޕަކީ ވެސް ނަތީޖާ ނެރުނު ގުރޫޕެކެވެ. އެ ގްރޫޕުން 2000 ވަނަ އަހަރުގެ ތެރޭގައި ކުރި ސުލްހަވެރި ހަޅުތާލުތަކުގެ ތެރޭގައި، އިނގިރޭސި ވިލާތުގެ ބޮޑެތި މަގުތައް ބަންދުކޮށް، މުޅި ގައުމު ހުއްޓުމަކަށް ގެނައެވެ. އަދި އާޚިރުގައި އެމީހުންގެ މަސައްކަތް ކާމިޔާބު ވިއެވެ. އެފަދަ އަނެއް ގުރޫޕަކީ އިނގިރޭސި ވިލާތުގައި ހިޔަޅު ޝިކާރަ ކުރުމުގެ ކުޅިވަރު މަނާ ކުރުމަށް ގޮވައިލައި، ހަރަކާތްތެރި ވި ލީގް އެގެއިންސްޓް ކްރުއެލް ސްޕޯރޓްސްއެވެ. މި ޕްރެޝަރު ގްރޫޕުގެ މަސައްކަތުން، ހިޔަޅު ޝިކާރަ ކުރުމުގެ ކުޅިވަރު މަނާ ކުރާ ގާނޫނެއް އިނގިރޭސި ޕާލަމެންޓުން ފާސް ކޮށް، އެތައް ގަރުނެއް ވީ އިނގިރޭސި އުރުފީ ކުޅިވަރު މަނާ ކުރެވުނީ 2004 ގައެވެ.

ޕްރެޝަރު ގްރޫޕަކީ ރައްޔިތުންގެ މަސްލަހަތުތައް ރައްކައުތެރިކޮށް، ސަރުކާރުތައް ހަމަމަގަށް އަޅުވައި، ސަރުކާރުތަކުގެ މިސްރާބު ގައުމީ މަސްލަހަތާއި އާއްމު މަސްލަހަތުގެ މަގުގައި ސީދާކޮށް، ސަރުކާރުގައި ލަގަން އެޅުވުމަށް ބޭނުން ކުރެވޭ މުހިއްމު ވަސީލަތެކެވެ. ނަމަވެސް ހަނދާނުން ނައްތައިލައިގެން ނުވާނެ ކަމަކީ، އެގޮތަށް ޕްރެޝަރު ގްރޫޕްތައް މަސައްކަތް ކުރާނީ، އިޚްލާސްތެރިކަމާ އެކު، ހެޔޮ ގޮތުގައި އެ ވަސީލަތް ބޭނުން ކޮށްގެން ކަމެވެ. ޕްރެޝަރު ގްރޫޕްތަކުގެ މަގުސަދުތަކަކީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ މަސައްކަތެއް ކަމުގައި ވާން ޖެހެއެވެ. ކުރާ މަސައްކަތްތައް ގާނޫނީ އިމުގެ ތެރެއިން، ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ނުގެއްލޭ ގޮތަށް، ރިވެތި އަޚްލާގާއި ހެޔޮ ގިޔަމުތަކުގެ ހުދޫދީ އިންތަކުގެ ތެރޭގައި ކުރާ މަސައްކަތްތަކަކަށް ވާން ޖެހެއެވެ. ޕްރެޝަރު ގްރޫޕެކޭ ކިޔައިގެން، ނުބައި ފިކުރުތައް ފެތުރުމަށާއި، ބަދުއަޚްލާގު އާއްމު ކުރުމަށާއި، ސިޔާސީ ނުބައި އެދުންވެރިކަމުގެ އަމާޒުތައް ހާސިލު ކުރާން އުޅުން ވާނީ ވަރަށް ބޮޑު ގޯހަކަށެވެ.

އަޅުގަނޑުމެންގެ ގައުމަށް ޕްރެޝަރު ގްރޫޕުތައް މިއަދު ވަރަށް ބޭނުންތެރި ކަމަށް އަޅުގަނޑު ދެކެމެވެ. ކުޑަބޮޑު އެތައް ކަމަކަށް ޓަކައެވެ. ހިނގާން އޮންނަ ދުވާރުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށެވެ. މަގުމަތީގައި އަޅައިލާނެ މީހަކު ނެތި، ކާއެއްޗެއް ވެސް ބައެއް ފަހަރު ނުލިބި، ނުހަނު ނިކަމެތި ހާލުގައި އުޅޭ ބުޅާތަކުގެ ހިމާޔަތުގައެވެ. ހަނި މަގުތަކާއެކު ރަށްރަށް ބިނާ ކުރަމުން ދާ ދިޔުމާ ދެކޮޅަށެވެ. ފެހިކަމެއް ނެތް ގޮނގުރިޓު ޖަންގަލިތަކެއްގެ ގޮތުގައި ރަށްތައް ހަދަމުން ދާދިޔުމާ ދެކޮޅަށެވެ. މުޅި ގައުމު ޓޫރިޒަމަށް ހުސް ކުރަމުންދާ މައްސަލައިގައެވެ. ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާ ކޮށްގެން އިގުތިސާދު ބިނާ ކުރުމުގެ ނަމުގައި، ގައުމުގެ އިސްލާމީ ޝަޚްސިއްޔަތު ފަނާ ކުރަމުންދާ ދިޔުމާ ދެކޮޅަށެވެ. މަސްތުވާ ތަކެތި އާއްމު ވުމުގެ މައްސަލަޔާ ދެކޮޅަށެވެ. ގޭންގުތަކާ މެދު ސަރުކާރުތަކުން އެކަށޭނަ ސިޔާސަތުތަކެއް، އެކަށޭނަ ހިކުމަތުއަމަލީއެއް ނުގެންގުޅޭތީ އެކަމާ ދެކޮޅަށެވެ. ދައުލަތުގެ ތިންބާރު ވަކި ކޮށްފައި އޮތް ނިޒާމު ހަލާކު ކުރަމުން ދާދިޔުމާ ދެކޮޅަށެވެ. ދޮގުވެރިންނާއި ކުށްވެރިންނާއި ފެންވަރެއް ނެތް މީހުން، ސިޔާސީ ޒައާމަތުގެ މަގާމުތަކަށް ލެވޭ ގޮތަށް ގާނޫނު އަސާސީ އާއި ގާނޫނުތައް އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ޓަކައެވެ. ޒުވާނުން އަޚްލާގާ ދުރުހެލި ވެ، އެއްވެސް ގޮތެއް ފޮތެއް ނެތި، ދުނިޔެއާ ހެދި ހެސްގަނެގެން އުޅޭ އާވާރާއިންތަކަކަށް ވަމުންދާ މައްސަލަޔާ ދެކޮޅަށެވެ. މުޅި ގައުމު ބިދޭސީ މަސައްކަތު މީހުންގެ އުނގަށް ވެއްޓެމުންދާ ދިޔުމާ ދެކޮޅަށެވެ. ދިވެހި ބަސް ރައްކައުތެރި ނުކުރެވި، އައު ޖީލުތަކުގެ ކުދިންގެ މައިންބަފައިން އެމީހުންގެ ދަރިންނާ އިނގިރޭސި ބަހުން ވާހަކަ ދެއްކުން އާއްމު ވަމުންދާ މައްސަލައިގައެވެ. ދައުލަތުގެ އަމާނާތްތެރި މަގާމުތަކުގައި ތިބި މީހުން ރިޝްވަތު ނެގުމާ ދެކޮޅަށެވެ. ވިޔަފާރީގައި ހަދާ ނުބައި މަކަރުތަކާ ދެކޮޅަށެވެ. އަންހެނުންގެ ހަށިގަނޑުގެ ނިސްވާނީ ރީތިކަން ބޭނުން ކޮށްގެން މުދަލާއި ޚިދުމަތްތައް އިޝްތިހާރު ކުރާ ކުރުމާ ދެކޮޅަށެވެ. ދިވެހި އެތައް ރައްޔިތުންނެއް، ލިބޭ މުސާރަޔަށް ވުރެ ބޮޑު އެއްޗެއް ކުއްޔަށް ދައްކައިގެން "ކުލީގެ އަޅުންނަށް" ވެގެން ދިރިއުޅޭން ޖެހިފައި އޮންނާތީ، އެކަމާ ދެކޮޅަށެވެ. ތައުލީމީ ނިޒާމު އެކޮޅުކޮޅުން ޖެހިފައި އޮންނާތީ، އެކަމާ ދެކޮޅަށެވެ. ސިއްހީ ޚިދުމަތުގެ ނިޒާމެއް ނެތި، ބޭރު ގައުމުތަކުން ސިއްހީ ފަރުވާ ހޯދައިގެން އުޅޭން މަޖުބޫރު ވެފައި އޮންނަ އޮތުމާ ދެކޮޅަށެވެ.

މި ހިސާބުން އަޅުގަނޑު ހުއްޓައިލާނަމެވެ. އެހެން ނޫންނަމަ މި ކޮލަމް ވާނީ އަޅުގަނޑުމެންގެ އުސްތާޛުލް ޖީލު އަލްމަރްޙޫމް މުޙައްމަދު ޖަމީލު ދީދީ ފަތްތޫރައިގައި ލިޔުއްވި "ނުނިމޭ ވާހަކަ" ކަހަލަ ކޮލަމަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް