މޮހޯ އާއި އިޝްފާހުގެ ހެކިބަސް ރައީސް ޔާމީނާ ދެކޮޅަށް ނުނެގުމަށް ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ މަޖިލީހަށް ވަޑައިގަތުމަށް އެމަނިކުފާނުގެ ގެ، ހ. ދޫވެހިން ނިކުމެވަޑައިގަތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނީ: ޔާމީންއާ ދެކޮޅަށް ހުށަހެޅި ދެ ހެއްކެއް ބަލައި ނުގަތުމުށް ވަނީ ނިންމާފައި --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މަނީލޯންޑަރިންގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި ދެ ހެކިން ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ ހެކިންގެ ގޮތުގައި ބަލައި ނުގަތުމުށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީ އިން ލައިވް ކޮށްގެން ކްރިމިނަލް ކޯޓްގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު ތަހުގީގު ކުރިއަށްދާ ކަމަށާއި އެހެން ކަމުން ފަހުން އިތުރު ހެކިން ހުށަހަޅަން ޖެހިދާނެ ކަމަށް ކުރިން ވެސް ދަންނަވާފައިވާނެ ކަމަށެވެ.

އެގޮތުން މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އިތުރު ދެ ހެކިންނަކީ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އާއި މ. ލޭންޑް އޮފް ގާޑަން އިޝްފާހު އަލީ އެވެ. އެ ދެ މީހުންގެ ތެރެއިން އައްލާމަކީ އެމްއެމްޕީއާރްސީގެ ފައިސާ އެންމެ ގިނަ އިން ޖަމާވި އެސްއޯއެފް ކުންފުނީގެ މެޖޯރިޓީ ހިއްސާދާރެވެ.

"އެ ހެކިވެރިޔާ ދައުލަތުގެ ފަރާތުން ހުށަހަޅަނީ މުހައްމަދު އައްލާމް ލަތީފް ބުނެގެން ދައުވާ ލިބޭ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި މޯލްޑިވަސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ދެފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަން އަދި އެ ފައިސާ ޖަމާކުރުމަށް އެމްއައިބީއަށް ގޮސް އައްލާމް ދީފައިވާ ބޭންކް މުވައްޒަފެއްގެ ނަންބަރަށް ގުޅިކަމާއި ޗެކްތައް ހަވާލުކުރުމަށް ދިޔަ ދެ ދުވަހު ވެސް ބޭންކް މުވައްޒަފު ހެކިވެރިޔާ ގޮވައިގެން އޭނާގެ ކެބިންއަށް ގޮސް ޗެކްތައް ހަވާލު ކުރުމުން ހެކިވެރިޔާގެ ހާޒިރުގައި އަބްދުﷲ ޔާމީނަށް ގުޅައި ޗެކް ލިބުނު ވާހަކައާއި ޗެކް ޖަމާކުރުމުގެ ކުރިން ޔާމީނަށް އެންގުމުގެ ގޮތުން އޭނާއަށް ގުޅައި ވާހަކަދެއްކި އަޑު ސާބިތު ކުރުމަށްޓަކައި،" އައިޝަތު މުހައްމަދު ވިދާޅުވި އެވެ.

ދައުލަތުން ހުށަހެޅި ދެ ހެކިން ބަލައި ނުގަނެވޭނެ ކަން ފާހަގަކުރައްވަމުން ރައީސް ޔާމީންގެ ވަކީލް އާދަމް އާސިފް ވިދާޅުވީ، އިތުރަށް ހެއްކެއް ހުށަހަޅާ ނަމަ ދައުވާ ފޯމް ހުށަހަޅާއި އިރު އެކަން ފާހަގަކޮށް އެއީ ކޮން ހެކިންނެއް ކަން ވެސް ހިމަނަން ވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެ ދެ ހެކިން ގަބޫލު ނުކުރުމަށް ނިންމީ، އެކަށީގެންވާ މިންވަރަށް ތަހުގީގު ކޮށްފައިވާ މައްސަލަ އެއް ކަމަށް ދައުލަތުން ބުނެފައިވާތީއާއި އެއީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާވަރަށް ހެކި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ދައުލަތުން ބުނެފައިވާތީ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވިދާޅުވި އެވެ.

"ދައުވާކޮށްފައި އޭގަ ފަހުން ހުށަހެޅި ދެ ހެކިން ބަލައި ނުގަތުމަށް މި ނިންމަނީ،" ހައިލަމް ވިދާޅުވި އެވެ.

އައްލާމް އާއި އިޝްފާހު އަކީ، އެމްއެމްޕީއާރުސީ ގެ މައްސަލާގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެ ފަހުން އެ މީހުނަށް ފުލުހުންނަށް އެކްސެސްވެ ތަހުގީގަށް ބޭނުންވާ ބަޔާންތައް ލިބުމުން ރެޑް ނޯޓިސް ބާތިލްކޮށްފައިވާ ދެ މީހުންނެވެ.

comment ކޮމެންޓް