ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފި

ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށްވަނީ ހަވާލުކޮށްފައި----

ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރުމަށާއި ރ. އުނގޫފާރުގައި ހުރި ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރަން ނިންމާފައިވާ ދެ ރަށަކީ ބ ހިތާދޫ އާއި ބ ދޮންފަނެވެ. ދޮންފަނުގައި އެ މަސައްކަތް ކުރުމަށް ދެ މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ވެހިކޮން ޕްރައިވެޓް ލިމިޑެޓާއެވެ. އެއީ 120 ދުވަސްތެރޭ އެ މަސައްކަތް ނިންމުމަށެވެ.

ހިތާދޫގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. 1.7 މިލިއަން ރުފިޔާއަށް އެ މައްސައްކަތް ހަވާލުކުރީ 90 ދުވަސްތެރޭ ނިންމުމަށެވެ. އުނގޫފާރުގައި ހުރި ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް ހަވާލުކޮށްފައިވަނީ ވެހިކޮން ޕްރައިވެޓް ލިމިޑެޓް އާ އެވެ. އެއީ އަށް ލައްކަ ރުފިޔާއަށް 120 ދުވަސްތެރޭ މަސައްކަތް ނިންމުމަށެވެ.

ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ކުރެވުނު އެއްބަސްވުންތަކަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށެވެ. އެ މަޝްރޫއުތަކުގެ ދަށުން ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތައް ހައްލުވެ މިހާރަށްވުރެ ތިމާވެށްޓާ ރަށްޓެހި ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށެވެ.

އެ މަސައްކަތްތަކަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީއިން ކުރިއަށް ގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުން ހަރަދުކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެކެވެ.

"އެއްބަސްވުންތަކުގެ ސަބަބުން ރަށުފެންވަރުގައި ކުނި މެނޭޖްކުރުން އިތުރަށް ހަރުދަނާކުރެވިގެންދާނެ. އަދި ދަތިތައް ހައްލުވެ ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ،"

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުގެ ދަށުން އިތުރު އަތޮޅުތަކެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު އެކަމަށް ދިރާސާތައް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް