މަގުމަތީގެ ސަލާމަތާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ނައިބުރައީސް ބައްދަލު ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވައިފި އެވެ.

މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ފުލުހުންނާއި ސިޓީ ކައުންސިލް އަދި ޓްރާންސްޕޯޓު މިނިސްޓްރީ އިން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މަގުތަކުގެ އަމާންކަން ބަލަހައްޓައި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށް ޓަކައި ކުރަމުންދާ އަދި ކުރިޔަށްގެންދިޔުމަށް ރާވާފައިވާ ކަންތައްތަކާއި، މިކަންތައްތަކަށް ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކޮށްފަ އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކުން ކުރިޔަށްގެންދާ ޕްރޮގްރާމްތައް ކުރިޔަށްދާ މިންވަރު އޮޅުންފިލުއްވައި، ލަސްވަމުންދާ ކަންކަން އަވަސްކުރެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަށް އެދިވަޑައިގެންފަ އެވެ.

މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެންނަމުންދާ ކަމަށާއި ގުޅިގެން އާ ހިތްވަރަކާ އެކު މި މަސައްކަތް ކުރިޔަށްގެންދެވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް