ޖޭއެސްސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ބާ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބު --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނު ކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބާ ކައުންސިލުން އިންތިޒާމުކޮށް ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ.

އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ ޖުލައި 27 ވަނަ ދުވަހު އެވެ. މާލެ ނޫން އެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާނަމަ ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަށްވެ އުމުރުން 25 އަހަރު ފުރިހަމަވުމާ އެކު ސިޔާސީ މަގާމެއްގައި ހުރި ބޭފުޅަކަަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވުން ވެސް ހިމެނެ އެވެ.

ޖޭއެސްސީގައި ކުރިން ވަކީލުން ތަމްސީލު ކުރައްވަމުން ދިޔައީ ގާނޫނީ ވަކީލު ލަތީފާ ގާސިމް އެވެ. އޭނާ އެމަގާމަށް އިންތިހާބުގެ ވަކީލުކަމާ ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ.

ނަމަވެސް ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓާ ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ އެކު ޖޭއެސްސީ އަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރި، ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ ގެއްލިފަ އެވެ.

ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް