ދެވަނަ މެޗުން ވެސް ބަލިވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ

އައިއޯއައިޖީގައި މިއަދު ކޮމޯރޮސްއާއި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކޮމޯރޮސް --- ފޮޓޯ/ އެމްއޯސީ

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި މިއަދު ކުޅުނު މެޗުގައި ކޮމޯރަސް އަތުންވެސް ބަލިވެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ކުރިއަށްދާ އިރު ފުޓުބޯޅަ އިވެންޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ކޮމޯރަސްއާ ވާދަކޮށް ރާއްޖެ ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ. މިއީ ކޮމޮރޯސްއިން ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ހޯދި އެންމެ ބޮޑު މޮޅެވެ. އަދި މި ނަތީޖާއާ އެކު ދެން ރާއްޖެއަށް ސެމީގެ ޖާގައެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގައި މަޔޯޓްއާ ދެކޮޅަށް ކުޅޭ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ކޮމޯރަސް އަދި ރީޔޫނިއަން ބައްދަލުކުރާ މެޗުން ރީޔޫނިއަން މޮޅުވުމުންނެވެ.

އައިއޯއައިޖީގައި މިއަދު ކޮމޯރޮސްއާއި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކޮމޯރޮސް --- ފޮޓޯ/ އެމްއޯސީ

މޮރިޝަސްގެ ޖޯޖް ވީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ކޮމޯރަސްއިންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ ކުރީކޮޅު ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. ކުޅުންތެރިންގެ އިސްކޮޅުގެ ފައިދާ ނަގައި ލިބޭ ހިލޭ ޖެހުންތަކުންނާއި ކޯނަރުތަކުން ރާއްޖޭގެ ގޯލަށް ކޮމޯރޮސްއިން އުފެއްދި ހަމަލާ ތަކުގެ ނަތީޖާއަކަށް ވީ 29 ވަނަ މިނެޓުގައި ކޮމޯރަސްއިން ގޯލެއް ޖަހައި ލީޑު ނެގުމެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ހަ ނަމްބަރަށް ކުޅުނު ކުޅުންތެރިޔާ އެވެ.

މި ލަނޑަށްފަހު ކޮމޯރަސްއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން 37 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން 17 ނަމްބަރު ވަނީ ލީޑު ފުޅާކޮށްދީފައެވެ. އަދި ހާފްގެ ފަހުކޮޅު ރާއްޖެއަށް މެޗުގެ ކޮންޓްރޯލް އެއްކޮށް ގެއްލުނުއިރު، ހާފް ނިމުމުގެ ކުރިން ކޮމޯރަސްގެ ތިންވަނަ ލަނޑު ކެޕްޓަން 17 ނަމްބަރު ވަނީ ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފް ރާއްޖެއިން ފެށީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަލީ ފާސިރު (ސެންޓޭ) އާއެކުއެވެ. ނަމަވެސް ކޮމޯރަސްއިން މި ހާފު ފެށީ ޑިފެންސިވް ގޭމަކާ އެކު އެވެ.
މި ހާފްގައި ރާއްޖެއަށްވެސް ވަނީ ލަނޑު ޖެހުމަށް މަދުން ނަމަވެސް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ރާއްޖެއަށް އެންމެ ރަނގަޅަށް ބޭނުން ކުރެވިފައެއް ނުވެއެވެ.

ކޮމޯރަސް އަދި ރާއްޖެ ވަނީ 2011 ވަނަ އަހަރުގެ އައިއޯއައިޖީ ގޭމްސްގައި ވާދަކޮށްފައެވެ. އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންވެ. ފީފާ ރޭންކިންގ އަށް ބަލާއިރު، ކޮމޯރަސް އޮތީ 148 ވަނައިގައެވެ. ރާއްޖެ އޮތީ 151 ވަނައިގައެވެ.

މިއަދުގެ ނަތީޖާއާއެކު ރާއްޖެ ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ރީޔޫނިއަންއާ ވާދަކޮށް 0-4 ގެ ނަތީޖާއަކުންނެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ރާއްޖެ ހޯމަ ދުވަހު ނިކުންނާނީ މަޔޯޓްއާ ދެކޮޅަށެވެ.

comment ކޮމެންޓް