ވަރުގަދަ މޮރިޝަސް އާއި މެޔޯޓް ބަލިކޮށް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ސެމީއަށް

ރާއްޖެގެ ޓީޓީ ކުޅުންތެރިޔާ ދީމާއަށް އަލީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިތްރު ދެއްވަނީ --- ފޮޓޯ// އެމްއޯސީގެ ފަރާތުން ނިޝާން އަލީ

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީޓީގެ ގުރޫޕް ކެޓަގަރީގައި މުބާރާތް ބާއްވާ މޮރިޝަސްއާއި މެޔޯޓް ބަލިކޮށް ރާއްޖޭގެ ޓީމު ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާ އެކު ކުރިއަށްދާ އިރު މިއަދު އޮތް ޓީޓީ އަންހެން ޓީމު އިވެންޓުގެ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ރާއްޖޭގެ ޓީމުން ސެމީފައިނަލަށް ދަތުރު ކުރީ ވަރުގަދަ މޮރިޝަސް 2-3 އިން ބަލިކޮށް، ދެވަނަ މެޗުގައި މެޔޯޓް ގާތުން 0-3 ސެޓުން މޮޅުވެގެންނެވެ.

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ އަލީ އައިއޯއައިޖީގައި ވާދަ ކުރަނީ --- ފޮޓޯ// އެމްއޯސީ ނިޝާން އަލީ

އެންމެ ފަހުން މި މުބާރާތް ރީޔޫނިއަން އައިލަންޑުގައި 2015 ވަނަ އަހަރު އޮތް އިރު މި އިވެންޓުން ލޯ މެޑަލް ރާއްޖެއިން ހޯދި އިރު މިއަހަރުގެ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމުގެ އުންމީދު ބޮޑެވެ. ރޭންކިންގަށް ބަލައި އިރު އެންމެ ރަނގަޅު ޓީމެއްގެ ގޮތުގައި އޮތް މޮރިޝަސް ގާތުން ވާދަވެރި ކުޅުމަކާ އެކު ރާއްޖެ ކާމިޔާބު ހޯދުމުން ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ފެންވަރު ވަނީ ވަރަށް ރަނގަޅަށް ފެނިފަ އެވެ.

މިއަދުގެ ފުރަތަމަ މެޗުގައި މޮރިޝަސް ގާތުން ރާއްޖެ ހަނި ގޮތަކަށް މޮޅުވުމުން ސެމީގެ ޖާގައެއް ގާތްގަނޑަކަށް އޮތީ ޔަގީންވެފަ އެވެ. ނަމަވެސް ސެމީގެ ޖާގައަށް އެއްވަނައިގައި ދަތުރުކޮށް އަނެއް ފަޅިން ދެވަނަ ޓީމާ ބައްދަލު ކުރުމަށް ރާއްޖެއިން ކުރި ހިތްވަރުން ވަނީ ދެވަނަ މެޗު ހީކުރި ވަރަށް ވުރެން ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފަ އެވެ.

މޮރިޝަސް މެޗުގައި ރާއްޖެއިން ދެއްކި މޮޅު ކުޅުމުގައި އެންމެ ފާހަގަކޮށްލެވެނީ އުމުރުން އެންމެ 11 އަހަރުގެ ދީމާ އަލީ ދެއްކި ތަފާތު ކުޅުމެވެ. އެ މެޗުގެ ފުރަތަމަ ގޭމުން މޮރިޝަސް ކުޅުންތެރިޔާ އަތުން ރާއްޖޭގެ އައިޝަތު ރަފާ ސީދާ ތިން ސެޓުން ބަލިވީ އެވެ. އެކަމަކު ދީމާ ވަނީ ދެ ވަނަ ގޭމް ސީދާ ތިން ސެޓުން ކާމިޔާބުކޮށް ރާއްޖެ އަށް އުއްމީދެއް ހޯދައިދީފަ އެވެ.

އައިއޯއައިޖީގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ ކުޅުންތެރިޔަކު ވާދަ ކުރަނީ --- ފޮޓޯ// އެމްއޯސީ ނިޝާން އަލީ

އެ މެޗުގެ ތިން ވަނަ ގޭމުން ރާއްޖޭގެ ޖުމާނާ ނިމާލް 3-1 ސެޓުން ބަލިވި ނަމަވެސް ރާއްޖެ އަށް އަނެއްކާ ވެސް އުއްމީދެއް ހޯދައިދިނީ ރަފާ އެވެ. އޭނާ ވަނީ މޮރިޝަސް ކުޅުންތެރިޔާ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. އެއާ އެކު ދެން ދާން ޖެހުނީ ގަދަ ހިފުމަކަށެވެ. އެ މެޗުގައި ކުޅުނު ދީމާ އަތުން ފުރަތަމަ ސެޓު 7-11 އިން ގެއްލުނު ނަމަވެސް އޭނާ ވަނީ ދެ ވަނަ ސެޓު 11-5 އިން އަދި ތިން ވަނަ ސެޓު 11-8 އިން ކާމިޔާބުކޮށްފަ އެވެ. މެޗު ކާމިޔާބުކުރަން ލިބުނު ސެޓުން ދީމާ 8-11 އިން ބަލިވީ އެވެ. އެކަމަކު ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުން 12-0 އިން މޮޅުވެ ދީމާ މި މެޗުން ރާއްޖެ މޮޅުކޮށްދިނެވެ.

ދެވަނަ މެޗުގައި މެޔޯޓް ގާތުން ރާއްޖޭގެ ކުޅުންތެރިން ވަނީ ފަސޭހަކަމާ އެކު ކުޅުނު ތިން ސެޓުން ވެސް މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ ރަފާ ކުޅުނު ގޭމުން 11-3، 11-6 އަދި 11-3 އިންނެވެ. އަދި ދީމާ ސެޓުތައް ގެންދިޔައީ 11-3، 11-5 އަދި 11-6 އިން ގެންދިޔައިރު ފަހު ގޭމުން ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދު މޮޅުވީ 11-7، 11-3 އަދި 11-2 އިންނެވެ.

މި ނަތީޖާތަކާ އެކު ރާއްޖޭގެ އަންހެން ޓީމުން މުބާރާތުގެ ސެމީއަށް ދަތުރު ކުރި އިރު ޓީމު ބައްދަލު ކުރަން ޖެހޭނީ ގްރޫޕް ބީ ގެ ދެ ވަނަ މަޑަގަސްކަރައާ އެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ އެ ގްރޫޕުގެ އެއް ވަނަ ރިޔޫނިއަން އައިލެންޑްސް އާއި ރާއްޖެ ގްރޫޕުގެ ދެ ވަނަ މޮރިޝަސްއާ އެވެ.

މީގެ އިތުރުން މެޔޯޓާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ބައްލަވާލެއްވުމަށް މިވަގުތު ރަސްމީ ދަތުރުފުޅެއްގައި މޮރިޝަސްގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި އެވެ. އެމަނިކުފާނާ އެކު ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަޙްލޫފް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބައިވެރިވެ ވަޑައިގެން ރާއްޖޭގެ ޓީމަށް ތަރުހީބު ދެއްވާފަ އެވެ.

comment ކޮމެންޓް