ޚަރަދު ބޮޑުވެ ޕީއެސްއެމްގެ މުވައްޒަފުން މަދުކުރުމަށް ލަފާ ދީފި

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް --- ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ މީޑިއާ ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްްއެމް) ގެ ހިންގުމުގެ ޚަރަދު ބޮޑުވެ އެ ކުންފުނިން މުވައްޒަފުން މަދު ކުރުމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ލަފާދީފިއެވެ.

މިދިޔަ ހަފްތާގައި އާންމުކުރި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އާއި ގެއްލުމުގެ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނީގެ ރެވެނިއު ވަނީ 4880 ޕަސެންޓް ދަށްވެފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 11.9 މިލިއަން ރުފިޔާއެވެ. މި އަދަދު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 6.1 މިލިއަނަށް ވަނީ މަދުވެފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕީއެސްއެމްގެ އޮޕަރޭޓިން ޚަރަދުތައް ވަނީ ކުޑަކޮށްފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޕީއެސްއެމްގެ އޮޕަރޭޓިން ޚަރަދުތައް ހުރީ 15 މިލިއަނުގައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ވަނީ ހަ މިލިއަނަށް އިތުރުވެފައެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން ޕީއެސްއެމްއަށް 43 މިލިއަން ރުފިޔާ ދިން ކަމަށާއި ކުންފުނީގެ ދަރަނި އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ރިޕޯޓުގައިވާގޮތުން އެ ކުންފުނީގެ ދަރަނި ހުރީ 89 މިލިއަން ރުފިޔާގައެވެ.

އެކުުންފުންޏަށް ލިބެންޖެހޭ ފައިސާ އެބަހުރިކަން ފާހަގަކޮށް އެ ރިޕޯތުގައި ވަނީ ފައިސާ ހޯދުން އަވަސް ކުރުމަށް ލަފާދީފައެވެ.

ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ބިޒްނަސް މޮޑެލްއަށް ބަދަލު ގެނެސް ކުންފުންޏަށް ފައިދާވަނެ ސްޓްރެޓެޖީތައް އެޑޮޕްޓު ކުރުމަށްވެސް ޕްރައިވަޓައިޒެޝަން ބޯޑުން ވަނީ ލަފާދީފައެވެ.

ދާދިފަހުންވެސް ޕީއެސްއެމްއިން ވަނީ އެ ކުންފުނީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައެވެ.

ކުރީ ސަރުކާރުގެ ފަހުކޮޅު ޕީއެސްއެމްގެ އޭރުގެ އިސްވެރިންގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތު ކުރެވުނު އިރު އެ މައްސަލަތައް އޭސީސީ އިން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް