ލަންޑަން (ޖުލައި 20) : ގަލްފުގެ ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރަނިކޮށް ހިފެހެއްޓި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރު ވަގުތުން ދޫކޮށްލުމަށް އިނގިރޭސިވިލާތުން އީރާނަށް އިންޒާރުކޮށްފިއެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ޖެރިމީ ހަންޓް ވިދާޅުވީ 'މެސްޑަރު" ނަމަކަށްކިޔާ ތެޔޮ ޓޭންކަރަކީ އިނގިރޭސިވިލާތުގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ ތެޔޮ ޓޭންކަރެއްކަމަށާއި އެޓޭންކަރު ހިފެއްޓެއްޓުމަކީ ކަނޑުފޭރުމުގެ އަމަލެއްކަމަށް ކަމުގައެވެ. އަދި ގަލްފުގައި ދަތުރުކުރާ އާގުބޯޓުތަކާއި ތެޔޮ ޓެންކަރުތައް ހިފަހައްޓައި ބައިނަލްއަގްވާމީ ވިޔަފާރީގެ ހަރަކާތްތައް ހުރަސްއެޅުމުގެ ފުރުސަތު އީރާނަށް ނުދޭނެކަމަށްވެސް ހަންޓް ވިދާޅުވިއެވެ. އީރާނަށް އިންޒާރު ދެއްވަމުން ހަންޓް ވިދާޅުވީ ވަގުތުން އެޓޭންކަރު ދޫކޮށްލަން އީރާނަށް ޖެހޭކަމަށާ ދޫކޮށްނުލައިފިނަމަ އިރާން ހީނުކުރާވަރުގެ ނުރައްކާތެރި ނަތީޖާތަކަކާ އީރާން ކުރިމަތިލާން ޖެހޭނެކަމުގައެވެ. ނަމަވެސް އީރާނަށް އިސްވެ ހަމަލާދޭން ބޭނުން ނުވާކަމަށާ އީރާނާ ހަނގުރާމަ ކުރަން އިނގިރޭސީން ބޭނުން ނުވާކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ހަންޓް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ފުރަމަ ހިފެހެއްޓީ ސްޓެނާ ބަލްކް ނަމަކަށް ކިޔާ އިނގިރޭސި ކުންފުނީގެ ތެޔޮ ޓޭންކަރެކެވެ. އީރާނުން ދެވަނަ ފަހަރަށް ހިފަހައްޓާފައިވަނީ އިނގިރޭސިވިލާތުގެ އެހެން ކުންފުންޏެއްގެ ތެޔޮ ޓޭންކަރެކެވެ. ހުރަސް އަޅައި އެޓޭންކަރު ތެޔޮ ޓޭންކަރާ ސުވާލުކުރުމަށްޓަކައި ހިފަހައްޓާފައެވެ. ނަމަވެސް ފަހުން ދެ ވަނަ ޓޭންކަރުވަނީ މިނިވަންކޮށްފައެވެ. މިނިވަންކުރީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ ގަވައިދުތަކަށް އިހްތިރާމް ކުރާނެކަމުގެ ޔަގީންކަން ދެ ވަނަ ޓޭންކަރުން ދިނުމުން ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީ ބުނެއެވެ.
އީރާނުން ހިފެހެއްޓި އިނގިރޭސި ފުރަތަމަ ޓޭންކަރު ހިފަހައްޓާފައި ވަނީ ސައޫދީ އަރަބިއްޔާގެ އަލް ޖުބައިލް ބަނދަރުން ތެޔޮ ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ ތިރީސް ހާސް ޓަނުގެ ތެޔޮ ބަރުކުރެވޭ ޓޭންކަރެކެވެ. އީރާނުންވަނީ އެ ޓޭންކަރުގެ 23 ފަޅުވެރިން ހައްޔަރުކޮށް އެމީހުންގެ ތަހްގީގު ހިންގަންވެސް ފަށާފައެވެ.
އީރާނުން އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރު ހިފަހައްޓާފައި މިވަނީ މީގެ ފަނަރަވަރަކަށް ދުވަސް ކުރިން އިނގިރޭސިވިލާތުންވެސް ސްޕޭންގެ ޖިބްރޯލްޓާ ސަރަހައްދުގައި އީރާންގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައިވަނިކޮށެވެ.
އިނގިރޭސިވިލާތުން އީރާނުގެ ޓޭންކަރު ހިފެހެއްޓުމުން އިރާނުންވަނީ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއްވެސް ހިފަހައްޓައި އިނގިރޭސީންނަށް އޭގެ ރައްދު ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އިނގިރޭސިވިލާތުގެ އެއަމަލަކީ ކަނޑު ފޭރުމުގެ އަމަލެއް ކަމަށްވެސް އީރާނުން ވަނީ ސިފަކޮށްފައެވެ.
އީރާން ބުނާގޮތުން އިނގިރޭސިވލާތުގެ "މެސްޑަރު" ނަމަކަށްކިޔާ ޓޭންކަރު ހިފެހެއްޓީ ބައިނަލްއަޤުވާމީ ކަނޑުގެ ޤަވައިދުތަކަށް ޚިލާފަށް ދަތުރުކުރުމާއެކު ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އެންގި އެންގުންތަކަށް އެޓޭންކަރުން އިޖާބަ ނުދިނުމުން ކަމުގައެވެ. އީރާނުން މިކަން ކޮށްފައި މިވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތައް އެދެގައުމުގެ ބޯޓުތައް ހިމާޔަތް ކުރުމަށްޓަކައި ގަލްފުގައި ޕްޓްރޯލް ކުރަމުން ދަނިކޮށެވެ. (ނޫސްއެޖެންސީތައް)