ހައްޖުވެރިންނާ ފުރުވަންދާ މީހުންގެ ދަތުރުވެސް ހިލޭ

ހައްޖުވެރިންނާ ފުރުވަންދާ މީހުން އެއާޕޯޓަށް ދިޔުމުގެ އިންތިޒާމް ސަރުކާރުން ހިލޭ ވަނީ ހަމަޖައްސައިދީފައި--- ސަން ފޮޓޯ ފަޔާޒު މޫސާ

މިއަހަރު ހައްޖަށްދާ ހައްޖާޖީންނާއި އެ ފަރާތްތަކުން ފުރުވަން އެއާޕޯޓަށްދާ މީހުންގެ ދަތުރުފަތުރު މުޅިން ހިލޭ ސަރުކާރުން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ 1440 ވަނަ އަހަރު ހައްޖާޖީން ފުރުމުގެ އިންތިޒާމު ވީހާވެސް ލުއި ފަސޭހަކޮށް އިންތިޒާމްކުރެވިގެންދާނެ ކަމަށެވެ.

ޝާފިއު ވިދާޅުވީ މިފަހަރު ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާލެ ވިލިމާލެ އަދި ހުޅުމާލެއިން އެންމެހާ ހާޖީންނާއި އެ ފަރާތްތަކުގެ އާއިލާގެ އިތުރުން ރަހުމަތްތެރިންނާ އެއްކޮށް ހިލޭ ސާބަހަށް ފެރީ އަދި ބަހުގެ ހިދުމަތް ބޭނުންކޮށްގެން އެއާޕޯޓަށް ގެންގޮސްދިނުން ކަމަށެވެ.

އެގޮތުން ހުޅުމާލެއިން ހައްޖަށްދާ ފަރާތްތަކުން ހުޅުމާލޭ ޓާމިނަލަށް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރުކުރިން ދާންޖެހޭނެ ކަމަށާއި ވިލިމާލެއިން ހައްޖަށްދާ ފަރާތްތަކުން ޓާމިނަލަށް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރާ 15 މިނެޓްކުރިން ޓާމިނަލަށް ދިޔުމުން ހުރިހާ ފަރާތްތަކާ އެއްކޮށް ފެރީގައި ގެނެސްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހިސާބުން މާލެއިން ފުރާ ޕޮއިންޓަށް އެ ފަރާތްތައް ގެންގޮސް އެ ތަނުން ކުރެވޭ އިންތިޒާމުގެ ތެރެއިން އެންމެން އެއާޕޯޓަށް ގެންދިޔުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި. މާލެއިން އެއާޕޯޓަށް ދާން ބޭނުންވާ ފަރާތްތަކުން މާލޭ ބަސް ޓާމިނަލަށް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރު ކުރިން ވަޑައިގަންނަންޖެހޭނެ،" ޝާފިއު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާފިއު ވިދާޅުވީ ހައްޖާޖީންނާއި އެ ފަރާތުގެ އާއިލާއިން އެއާޕޯޓަށް ގެންދިޔުމަށްފަހު ހައްޖީން ޓާމިނަލަށް ވަނުމުން އެއާޕޯޓަށް ގޮސް ތިބި އެ ފަރާތްތަކުގެ އާއިލާ ބޭފުޅުން ބަހުގައި މާލެ އަދި ހުޅުމާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބަހުގައި ހާޖިންނާއި އާއިލާތަކާއި ރަހުމަތްތެރިން ދަތުރުކުރުމަށް ވަކި އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި މާލޭ ބަސް ޓާމިނަލުން އަދި ހުޅުމާލޭ ފެރީ ޓާމިނަލުން ބަސް ނައްޓާލާއިރު ހާޖީންނާ އެ ހާޖީން އިހްތިޔާރުކުރާ އާއިލާގެ ކޮންމެވެސް އެއް ބޭފުޅަކަށް ހާޖިން ދަތުރުކުރާ ބަހުގައި ދަތުރުކުރެވޭނެކަމަށް ޑެޕިއުޓީ މިނިސްޓަރު ޝާފިއު ވިދާޅުވިއެވެ.

"ބާކީ ތިބި މީހުން ވަކި ބަސްތަކެއްގައި އެއާޕޯޓަށް ދިޔުމުގެ އެންމެހާ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވިއެވެ.

ހައްޖުވެރިންގެ ދަތުރުތައް ރޭވިފައިވަނީ މި މަހުގެ 21 އިން އަންނަ މަހުގެ ފަހެއްގެ ނިޔަލަށެވެ. އެގޮތުން އެންމެ ފުރަތަމަ ފުރަން ހަމަޖެހިފައިވަނީ ޒަޢީ ގްރޫޕްގެ 84 ހައްޖުވެރިންނެވެ.

ޖިއްދާއިން ހައްޖުވެރިން ބަލާ ދިޔުމުގައި އިންތިޒާމްތައް ހަމަޖެހިފައިވަނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޝާފިއު ވިދާޅުވީ މިކަމަކީ މިފަހަރު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ މަސައްކަތްތެއް ކަމަށާއި ކުރީ އަހަރުތަކަށްވުރެ ކުރިން "ހައްޖު މިޝަން" އެކުލައިވައިލެވި މިދިޔަ އާދިއްތަ ދުވަހު އެ ބޭފުޅުން ސައުދީ އަރަބިޔާއަށް ވަޑައިގެންފައިވާ ކަމަށެވެ.

"ހުރިހާ ހައްޖުވެރިން އެކޮޅަށްދާއިރު ޖިއްދާ އެއާޕޯޓުން ހާޖީންނަށް މަރުހަބާކިޔުމަށް ރާއްޖޭގެ ސަރުކާރުގެ ހައްޖު މިޝަން އޮންނާނެ. އަދި އެ ފަރާތްތަކުން ހައްޖުވެރިންގެ ކަންތައްތައް ވީހާވެސް ލުއި ފަސޭހަކޮށް ގެންދިޔުމަށް ކުންފުނިތަކަށްދޭންޖެހޭ އެހީތެރިކަން ދޭނެ. އަދި ހައްޖުގެ ކަންތައްތަކާ ގުޅޭ ތަފްސީލީ ދިރާސާއެއްވެސް ކުރެވިގެންދާނެ،"

އެމްޕީއެލްއިން ބުނީ ހައްޖުވެރިން އެއާޕޯޓަށްދާން ހަމަޖެހިފައިވަނީ ހާއްސަ ބަސްތަކެއްގައި ކަމަށާއި އާންމުން ދަތުރުކުރާ ބަސްތަކުގެ ޝެޑިއުލް މިހާރެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ވިލިމާލެއިން ދަތުރުކުރާ ހައްޖާޖީންނަށް ހާއްސަކޮށް ވަކި ފެރީތަކެއް ހަމަޖެހިފައިވާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

comment ކޮމެންޓް