ޕީޕީއެމްގެ ރެޖިސްޓްރާ އަކަށް ލަމްއާން

މުހައްމަދު ލަމްއާން---

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރެޖިސްޓްރާ އަކަށް ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އައްޔަނު ކޮށްފިއެވެ.

ޕިޕީއެމް އިން ބުނީ ޕާޓީގެ ރެޖިސްޓްރާގެ މަގާމަށް ލަމްއާން އައްޔަނު ކުރީ އެ ޕާޓީގެ ކައުންސިލްގެ އިއްތިފާގުންކަމަށެވެ. ލަމްއާނަކީ ޕީޕީއެމް ކައުންސިލްގެ މެންބަރެއްވެސް މެއެވެ.

ކައުންސިލް މެންބަރު ކަމަށް އައްޔަނު ކުރުމުން ލަމްއާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީ އެންމެ ފުރިހަމައަކަށް ޕާޓީގެ ރެޖިސްޓްރާގެ މަގާމު އަދާކުރާނެ ކަމަށެވެ. ލަމްއާން ވަނީ ރެޖިސްޓްރަގެ މަގާމަށް އޭނާ އައްޔަނު ކުރުމުން ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށާއި ޕާޓީގެ ކައުންސިލް މެންބަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ޕީޕީއެމްގެ ރައީސް އަކީ ކުރީގެ ރައީސް ޔާމީންއެވެ. ނައިބު ރައީސުންނަކީ ކުރީގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް އެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ އަހުމަދު ޝަކީލް އެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި މުލަކު ދާއިރާ އަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި މަރިޔަމް ޖުހައިނާ ސާދިގު ވަނީ ޑެޕިއުޓީ ރެޖިސްޓްރާގެ މަގާމަށް އައްޔަނު ކޮށްފައެވެ.

ރިޔާސީ އިންތިހާބުންނާއި މަޖިލިސް އިންތިހާބުން ނާކާމިޔާބުވެ ޕީޕީއެމްގެ އަޑު ވަރަށް މަޑުވެފައިވާއިރު އެޕާޓީގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މިހާރު މަސައްކަތް ކުރައްވަނީ ޕީއެންސީގައެވެ. އެޕާޓީއަކީ ވެސް ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ.

comment ކޮމެންޓް