ވެހިކަލްތަކުން "ޗައިނާ އެއިޑް" ގެ ނިޝާން ފުހެނުލަން: ފުލުހުން

"ޗައިނާ އެއިޑް" ގެ ނިޝާން ފުހެލަން މަސައްކަތް ކުރާކަމަށް މީސްމީޑިއާގައި ދައުރުވި ފޮޓޯއެއް--- ފޮޓޯ: މީސް މީޑިއާ

ޗައިނާ ސަރުކާރުން ރާއްޖޭގެ ފުލުހުންނަށް ހަދިޔާކޮށްފައިވާ ވެހިކަލްތަކުގައި ޖަހާފައިވާ "ޗައިނާ އެއިޑް" ގެ ނިޝާން ފުހެލަން މަސައްކަތް ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ވެހިކަލްތަކުގައި ޖަހާފައިވާ ޗައިނާގެ ނިޝާން ފުހެލަން މަސައްކަތް ކުރާތަންކަމަށް ބުނެ މީސް މީޑިއާގައި ވަނީ ފޮޓޯތަކެއް ދައުރުވެފައެވެ.

ފުލުހުންގެ ރަސްމީ ޓުވީޓާ އެކައުންޓުން މިރޭ ކުރި ޓުވީޓެއްގައި ވަނީ މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ރައްދު ދީފައެވެ.

ފުލުހުން ބުނީ ވެހިކަލް ތަކުން ޗައިނާގެ ނިޝާން ފުހެލަނީ ނޫން ކަމަށެވެ. އަދި މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއަކީ ޗައިނާގެ ނިޝާން ޖަހާފައިވާތަން ފުލުހުންގެ ނަން މައްޗަށް އަރާތީ އެތަން ފޮހެނިކޮށް ނަގާފައިފައިވާ ފޮޓޯއެއް ކަަމަށެވެ.

އަދި އެ ނިޝާން ވެހިކަލްގެ އެހެން ދިމާލަަކަށް ބަދަލުކުރާނެކަމަށްވެސް ފުލުހުން ބުންޏެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ޗައިނާއިން ރާއްޖޭގެ ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް ހަދިޔާކޮށްފައިވެއެވެ. އޭގެ ތެެރޭގައި ގިނަ އަދަދެއްގެ ސައިކަލްވެސް ހިމެނެއެވެ.

ޗައިނާ ސަރުކާރުން 2015 ވަނަ އަހަރު ވަނީ ދެ މިލިއަން ރުފިޔާގެ 150 ސައިކަލުވެސް ހަދިޔާކޮށްފައެވެ.

އެ ސައިކަލް ތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމާ ގުޅިގެން ފެބްރުއަރީ މަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ވެހިކަލްތައް އަންދާލުމާ ގުޅިގެން ޗައިނާއިން ހަދިޔާ ކުރި ސައިކަލް ތަކެކެވެ.

comment ކޮމެންޓް