ވައްކަން ކުރި ކަމުގެ ތުހުމަތުގައި ތޮއްޑުއަށް އެރި މަސްވެރިއެއްގެ ގައިގައި ތަޅާލައިފި

ތޮއްޑޫ އިން ރޭ ވައްކަން ކުރި ކަމުގެ ތުހުމަތުގައި އެ ރަށް އެރި މަސްވެރިއެއްގައި ތަޅާ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

ވައްކަން ކުރި ކަމުގެ ތުހުމަތުގައި މަސް ދޯންޏަކުން އއ. ތޮއްޑުއަށް ފޭބި މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި، ބިން މަތީގައި ވެއްޓިފައި އޮތް މީހަކު ރޯ އިރު ކައިރީގައި ތިބި ގުރޫޕަކުން އޭނާއަށް އިންޒާރު ދޭ އަޑު އިވެއެވެ.

ދެވަނަ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މީހާ ބަނދަރު ސަރަހައްދުގައި ބަރަހަނާ ކޮށްފައި ބަހައްޓައެވެ. އަދި މޫނު މަތި ފެޅި ލޭ އޮހޮރެމުން އަންނައިރު އެ ރަށުން އެވީ ކުޑަ ވަރެއް ކަމަށް މީހަކު ބުނާ އަޑު އިވެއެވެ.

ތޮއްޑޫ އިން ރޭ ވައްކަން ކުރި ކަމުގެ ތުހުމަތުގައި އެ ރަށް އެރި މަސްވެރިއެއްގައި ތަޅާ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

ތޮއްޑޫ އިން ވާހަކަ ދެއްކި މީހަކު ބުނީ، އެ މީހާއަށް ހަމަލާދީފައިވަނީ މަސް ދޯންޏަކުން އެ ރަށަށް އައި ބައެއްގެ ތެރެއިން އެކަކު ރޭ ދަންވަރު އެ ރަށު ތެރެއަށް އަރައި ސައިކަލް ތަކަކަށް ގެއްލުންދީ މަޑި ދަށުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

"ސައިކަލްތަކުގެ މަޑި ހަލާކުކޮށް ވައްކަން ކުރާ ކަމުގެ ތުހުމަތުގައި މިރަށު އުޅޭ ގްރޫޕަކުން އެ ސޮރަށް ހަމަލަދިނީ. ނޭނގެ ކޮން ރަށެއްގެ ދޯންޏެއް ކަމެއް ވެސް. ހެނދުނު ވި އިރު އެ ދޯނި ވެސް ނެތް ބަނދަރުގަ އެއް،" ތޮއްޑޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާތަނަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް