"ޖާސޫސު"ގެ މައްސަލައިގައި ޕާކިސްތާނުން ވަނީ ގާނޫނާ ހިލާފުވެފަ: އައިސީޖޭ

އިންޑިއާއިން ވަނީ ޖަދާވްއަކީ ޖާސޫސެއް ނޫން ކަމަށް ބުނެފަ -- ފޮޓޯ: އީޕީއޭ

އިސްލާމްއާބާދު (ޖުލައި 18): އިންޑިއާގެ ޖާސޫސެއް ކަމަށް ބުނެ ޕާކިސްތާނުން ގުލްބުޝާން ޖަދާވް ހައްޔަރު ކުރި މައްސަލައިގައި އެގައުމުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައި ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ބުނެފި އެވެ.

އައިސީޖޭއިން ނެރުނު އަމުރުގައިވާ ގޮތުން ޖަދާވް ހައްޔަރު ކުރުމަށް ފަހު އޭނާގެ ހައްގުތަކަކީ ކޮބައިކަން ޕާކިސްތާނުން ކިޔާ ދީފައި ނުވެ އެވެ. އަދި އެގައުމުން ވަނީ ޖަދާވްއާ މުވާސަލާތުކޮށް، އޭނާއާ ބައްދަލު ކުރުމަށާއި ގާނޫނީ ލަފާ ހޯދައި ދިނުމަށް އިންޑިއާ ސަރުކާރަށް ލިބިފައިވާ ހައްގުތަކުން އެސަރުކާރު މަހުރޫމުކޮށްފަ އެވެ.

އެހެންކަމުން އައިސީޖޭއިން ވަނީ ޖަދާވްގެ މައްޗަށް ކުރި މަރުގެ ހުކުމް މުރާޖައާ ކުރަން އަންގާފަ އެވެ. ނަމަވެސް އޭނާ މިނިވަން ކުރަން އަމުރުކޮށްފައި ނުވެ އެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި 2016 ވަނަ އަހަރު އެގައުމުން ޖަދާވް ހައްޔަރު ކުރީ ބަލޮޗިސްތާނުންނެވެ. ނަމަވެސް އިންޑިއާއިން ބުނާ ގޮތުގައި ޕާކިސްތާނުން ކުރީގެ ނޭވީ އޮފިސަރެއް ކަމަށް ޖަދާވް ހައްޔަރު ކުރީ އޭނާ އީރާނުގައި ހުއްޓާ އެވެ.

ޖަދާވް ހައްޔަރު ކުރުމަށް ފަހު ޕާކިސްތާނުން ވަނީ އޭނާ އަކީ ޖާސޫސެއް ކަމަށް އިއުތިރާފުވާ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އަދި 2017 ވަނަ އަހަރު އޭނާގެ މައްޗަށް ޖާސޫސު ކުރުމާއި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުން، އެގައުމުގެ ކޯޓަކުން ވަނީ ޖަދާވް މަރަން ހުކުމްކޮށްފަ އެވެ.

ނަމަވެސް އިންޑިއާއިން ވަނީ ޖަދާވްއަކީ ޖާސޫސެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާ ކުށަށް އިއުތިރާފު ކުރުވީ ބިރު ދައްކައިގެން ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް