އިންފޮމޭޝަން ކޮމިޝަނަރުކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައިފި

ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތު ހަމަވި އިރު ނުވަ ފަރާތަކުން އެ މަގާމަށް ކުރިމަތިލާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު 14:00 އަށް ހަމަވެފައިވާ ކަމަށެވެ. ސުންގަޑި ހަމަވިއިރު ކުރިމަތިލީ ނުވަ ބޭފުޅަކު ކަމަށް ހޫދު ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވީ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ. މިހާރު ހުންނެވި ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވާނީ މިމަހުގެ 22 އަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެވޭ ބޭފުޅަކީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހެއެވެ. އަދި އެމީހަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން މަގާމަށް އައްޔަނު ކުރާ މީހަކީ ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެންނުވާނެ އެވެ.

މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާ ފަރާތަކީ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ، ހަތް އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވެސް ވާންޖެހެ އެވެ.

comment ކޮމެންޓް