މެދުރާއްޖެތެރޭގެ ތިން އަތޮޅަށްވެސް އެމްޓީސީސީގެ ފެރީގެ ހިދުމަތް ފަށަނީ

އެމްޓީސީސީ އިން ތިލަދުންމަތީގައި ފެރީގެ ހިދުމަތްދޭ ލޯންޗެއް -- ފޮޓޯ: އެމްޓީސީސީ

މީގެ ކުރިން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން މ، ފ އަދި ދ. އަތޮޅުގައި ދެމުންދިޔަ ފެރީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީ އިން ތައްޔާރުވެއްޖެއެވެ.

މެދުރާއްޖެތެރޭގެ އެ ތިން އަތޮޅަށް މީގެކުރިން ފެރީގެ ޚިދުމަތް ދެމުންދިޔައީ ވާމިލިއަން ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. އެކުންފުނިން ދެމުންދިޔަ ހިދުމަތް ހުއްޓާލީ ކީއްވެ ކަމެއް ނުބުނެއެވެ. ނަމަވެސް ފެރީގެ ހިދުމަތް ހުއްޓާލުމުން އެ ދެއަތޮޅުގެ ރައްޔިތުންނަށް ދަތިވާކަމަށް ބުނެ ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓު ޑިޕާޓްމެންޓުންދޭ ހިދުމަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މ، ފ އަދި ދ އަތޮޅަށް ފެރީގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީ އިން އެ ކުންފުންޏާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"އެމްޓީސީސީ އިން މިހާރު ވާނީ އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަށް ހިނގާނެ ހަރަދުގެ ތަފްސީލު ވެސް މިނިސްޓްރީ އާ ހިއްސާކޮށްފައި، މިހާރު ތައްޔާރަށް އޮތީ ހިދުމަތް ފަށަން،" ޝާހު ވިދާޅުވީ އެ ތިްނއަތޮޅަށް އެމްޓީސީސީގެ ފެރީގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"މިނިސްޓްރީ އިން އެންގިހާ އަވަހަކަށް ފަށާނެ. މި ހަފްތާވެސް ފެށިދާނެ،"

އެމްޓީސީސީ އިން ފެރީގެ ހިދުމަތްދޭ އަތޮޅުތަކުގެ ތެރޭގައި ނުހިމެނެނީ އައްޑޫ އާއި ފުވައްމުލަކު އެކަންޏެވެ. އެ ކުންފުނިން 169 ރަށަކަށް ދަތުރުފަތުރުގެ ހިދުމަތް ދެއެވެ.

"މިދިޔަ އަހަރު އަތޮޅުތެރޭގެ ފެރީތަކުގައި 15 މިލިއަން ފަސިންޖަރުން ދަތުރުކުރި،"

އެމްޓީސީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން

އެމްޓީސީސީގެ ޓްރާންސްޕޯޓު ސެކްޓާ އަކީ އެކުންފުންޏަށް އެންމެ ގެއްލުންވާ ސެގްމެންޓު ކަމަށްވިޔަސް، ރައްޔިތުންނަށް ދޭންޖެހޭ ދަތުރުފަތުރުގެ ހިދުމަތް ދިނުން މަތީ ދެމިއޮންނާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. މިދިޔަ އަހަރު އެކުންފުންޏަށް ދަތުރުފަތުރުގެ ދާއިރާ އިން 82 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.

ހާއްސަކޮށް ސިނަމާލެ ބްރިޖާއެކު މާލެ އާއި ހުޅުމާލެ އާއި ދެމެދު ފެރީގައި ދަތުރުކުރާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. ބްރިޖު ހުޅުވުމުގެ ކުރިން އެވްރެޖުކޮށް ދުވާލަކު 15-20 ހާސް ފަސިންޖަރުން އެމްޓީސީސީގެ ފެރީގައި ދަތުރުކުރި ކަމަށާއި ނަމަވެސް ބްރިޖަށް ފަހު މި އަދަދު 4000-5000 އަސް ދަށްވެފައިވާ ކަމަށް އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިވިޝަންގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވިއެވެ. މި ގެއްލުން ކުޑަ ކުރުމަށް އެ ކުންފުނިން ވަނީ ފްރައިވެޓް ހަޔާގެ ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ފަށައިފައެވެ.

އެމްޓީސީސީ އިން ހިދުމަތްދޭ މާލެ-ވިލިނގިލި ފެރީގެ ހިދުމަތް ދުވަލަކު 15-16 ހާސް މީހުން ހޯދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދަތުރުފަތުރުގެ ސެގްމެންޓުން ލިބޭ ގެއްލުމުގެ ސަބަބުން އެމްޓީސީސީގެ ފައިދާ ކުޑަވާތީ، އެމްޓީސީސީގެ އެކައުންޓްސް އިން އެ ސެގްމެންޓު ނެގުމަށް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ.

ދަތުރުފަތުރުން ކުންފުންޏަށް ލިބޭ ގެއްލުން ސަބްސިޑައިޒް ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އާއި ރައީސް އޮފީސް އަދި ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށް އެމްޓީސީސީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ސީއީއޯ ޝާހު ވިދާޅުވިއެވެ.

"ސަރުކާރުގެ ފަރާތުން އިޝާރާތް ލިބެމުން އަންނަނީ އަޅުގަނޑުމެންނަށް ވަމުންދާ ގެއްލުންތައް ސަބްސިޑައިޒްކޮށްދެއްވާނަމޭ. އެހެންނޫނިއްޔާ ދަތުރުފަތުރުންވާ ގެއްލުން އެމްޓީސީސީގެ ބުކްސް އިން އުނިވާނެ ގޮތަކަށް އެހެން ސަބްސިޑަރީ ކުންފުންޏެއް ހަދާފައި ނަމަވެސް އާންމު ދަތުރުފަތުރުގެ ނިޒާމުން ވާ ގެއްލުން ކުޑަވޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށް،" ޝާހު ވިދާޅުވިއެވެ.

comment ކޮމެންޓް