އިސްރާއީލަށާއި ގަލްފުގެ ގައުމުތަކަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް އީރާނުން އެމެރިކާއަށް ގޮވާލައިފި

އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް

ނިޔުޔޯކް (ޖުލައި 18): އެމެރިކާއިން އިސްރާއީލާއި ސައޫދީ އަރަބިޔާ އަދި ޔޫއޭއީ އަށް ހައްދެއްނެތި ހަތިޔާރު ވިއްކަމުން ގެންދިއުމަކީ މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި އެކަން އެގޮތަށް އޮއްވައި އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓާލުމާބެހޭގޮތުން ވާހަކަ ނުދައްކާނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެއެވެ.

ނިޔުޔޯކްގައި ކުރިޔަށްދާ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ މަހާސިންތާއެއްގެ އަރިމަތީގައި ދެއްވި ބަޔާނެއްގައި ޒަރީފް ވިދާޅުވީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން ނޫޅޭކަމުގައެވެ. ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމުގައި 2015 ވަނައަހަރު އީރާނުން ސޮއިކުރި ކުރުމަކީވެސް ނިއުކްލިޔާ ހަތިޔާރު އުފައްދަން އީރާން މަސައްކަތް ނުކުރާނެކަން ހާމަވެގެންދިޔަ ކަމެއްކަން ޒަރީފް ފާހަގަކުރެއްވިއެވެ. އަދި ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ އަމިއްލައަށްވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ނިއުކްލިޔާ އެއްބަސްވުމުން އީރާނަށް ލިބިދޭ ހައްގުތަކުން އީރާން މަހްރޫމް ކުރުމަށް މަސައްކަތް ކުރަމުންދަނީ އެމެރިކާ ކަމަށް ޒަރީފް ވިދާޅުވިއެވެ.

އެމެރިކާގެ މަސްއޫލުވެރިންވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓާލުންވެސް ހިމެނޭގޮތަށް އަލުން އެއްބަސްވުމެއް ވުޖޫދަށް ގެނައުމާބެހޭގޮތުން މަޝްވަރާކުރުމަށް އެތަށްފަހަރަކު އީރާނަށް ގޮވާލައްވާފައެވެ. ނަމަވެސް އީރާނުންވަނީ މިސައިލް ޕްރޮގްރާމަކީ އެގައުމުގެ އަމިއްލަ ދިފާއަށްޓަކައި ކުރިޔަށްގެންދާ ޕްރޮގްރާމެއްކަން ހާމަކޮށް އެޕްރޮގްރާމް ހުއްޓާލުމާބެހޭގޮތުން އެމެރިކާއާވެސް އަދި އެހެން ފަރާތަކާއެކުވެސް މަޝްވަރާ ނުކުރާނެކަމަށް ބުނެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިއްޔެވެސްވަނީ ޝަރުތަކާނުލައި ނިއުކްލިޔާ އައު އެއްބަސްވުމަކާބެހޭގޮތުން އެމެރިކާއާއެކު އަލުން މަޝްވަރާކުރުމަށް އީރާނަށް ގޮވާލައްވާފައެވެ. ޕޮމްޕެއޯ ވިދާޅުވީ ނިއުކްލިޔާ އައު އެއްބަސްވުމުގެ މަޝްވަރާތަކުގައި އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓާލުމާބެހޭ ވާހަކަތައްވެސް ހިމަނަންޖެހޭ ކަމަށާ އެކަމަށް އީރާން އެއްބަސްވާނެކަމަށް އުންމީދުކުރައްވާ ކަމުގައެވެ. މިފަދަ އެއްބަސްވުމަކަށް އާދެވިއްޖެނަމަ އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނައްތާލައި އީރާނަށް އިގްތިސާދީ ބޮޑެތި ފުރްސަތުތަކެއް ލިބި އީރާނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ވެރިކަމުގެ ނިޒާމު ވައްޓާލަން ބޭނުންނުވާކަމަށް އިއްޔެވެސް ވިދާޅުވެފައެވެ. އީރާނުގެ ކިބައިން ބޭނުންވަނީ ހަތިޔާރުގެ ޕްރޮގްރާމްތައް ހުއްޓާލައި ސަރަހައްދަށް ހިންގާ ބާރާއި ނުފޫޒު ހިންގުން ހުއްޓާލުންފަދަ އީރާނުގެ ސިޔާސަތުތައް ބަދަލުކުރުން އެކަނިކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޕޮމްޕެއޯ އާއި ޓްރަމްޕަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ އީރާނުގެ މިސައިލް ޕްރޮގްރާމަކީ އަމިއްލަ ދިފާއުގެ ރަތްރޮނގު ކަމަށާ އެ ރަތްރޮނގު ހުރަސްކުރުމުގެ ފުރްސަތު އެމެރިކާއަށް ނުދޭނެކަމުގައެވެ. ޒަރީފް ވަނީ އީރާނުގެ މިސައިލް ޕްރޮގްރާމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެމެރިކާއިން ހައްދެއްނެތި އިސްރާއީލާއި ސައޫދީ އަރަބިޔާ އަދި ޔޫއޭއީ އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އެތިން ގައުމަށް ހަތިޔާރު ވިއްކައިގެން އީރާނާ ދިމާކުރުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށްވެސް ޒަރީފް އެމެރިކާއަށް ގޮވާލެއްވިއެވެ. އަދި އިސްރާއީލާއި ސައޫދީ އަރަބިޔާ އަދި ޔޫއޭއީ އަށް އެމެރިކާއިން ހަތިޔާރު ވިއްކުމަކީ އީރާނުގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ޒަރީފް ސިފަކުރެއްވިއެވެ.

އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލުން ފަލަސްތީނު ގެ ބިންތައް ހިފައި ފަލަސްތީނުގެ އާންމުން ޝަހީދު ކުރަމުން ގެންދާއިރު އިސްރާއީލުން އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ސޫރިޔާއަށްވެސް އުދުވާނީ ހަމަލާތައް ދެމުންކަން ޒަރީފް ފާހަގަ ކުރެއްވިއެވެ. އަދި އެމެރިކާއިން ސައޫދީ އާއި ޔޫއޭއީ އަށް ވިއްކާ ހަތިޔާރު އެދެގައުމުން ބޭނުންކުރަނީ ޔަމަނަށް ބޮންއަޅައި ޔަމަންގެ އިންފްރާސްޓްރަކްޗާ ހަލާކުކުރުމަށް ކަމަށްވެސް ޒަރީފް ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް