ދެ ވަޒީރުންގެ ދަތުރުފުޅު ބޮޑު އުންމީދެއްގައި ނިންމަވާލައްވައިފި

ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް --- ފޮޓޯ// ޔޫތް މިނިސްޓަރީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ބޮޑު އުންމީދެއްގައި ނިންމަވާލައްވައިފި އެވެ.

ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯދުމުގެ ގޮތުން ކުރެއްވި މި ދަތުރުފު ނިނަމަވާލައްވައި މިއަހަރުގެ ގޭމްސް ބާއްވާ މޮރިޝަސްއަށް ދެ ވަޒީރުން ވެސް މިއަދު ވަނީ ވަޑައިގެންފަ އެވެ.

އެގޮތުން މިއަދު ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ މި ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގެ ސަބަބުން އައިއޯއަޖީއަށް ކުރަމުން އަންނަ ބިޑު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މީގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ބުނުއްވީ ރައީސްގެ މަންދޫބެއްގެ ގޮތުގައި މި ކުރެއްވި ދަތުރުފުޅުގައި ގައުމުތަކަށް ވަޑައިގެން ރައީސްގެ ސިޓީފުޅު ރައްދުކޮށްދެއްވަން ލިބިވަޑައިގަތުމަކީ ލިބުނު ފަޙުރެއް ކަމަށެވެ. އަދި މިއަދު މޮރިޝަސްއަށް ވަޑައިގެން އެ ގައުމުގައި މިވަގުތު ތިބި ރާއްޖޭގެ ކޮންޓިންޖެންޓަށް މަރުހަބާ ދަންނަވާނެ ކަމަށެވެ.

އައިއޯއައިޖީގެ ފެށުމުގެ ރަސްމިއްޔާތު މާދަމާ އޮންނަ އިރު މި މުނާސަބަތައް ރާއްޖޭގެ ރައީސް އިބްރާހިމް ސޯލިހު ވެސް މިއަދު ރަސްމީ ދަތުރު ފުޅެއްގައި އެގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރައީސް މިހާރު ވަނީ ދަތުރުފުޅު ފައްޓަވައިފަ އެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް ޓާގެޓު ކަމުގައިވާ އައިއޯއައިޖީގެ ބިޑު ރާއްޖެއިން ކާމިޔާބު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު ޝާހިދުއާއި މަހްލޫފް ވަނީ ގޭމްސްގައި ވާދަކުރާ ހަތަރު ގައުމަކަށް ވަޑައިގެން އެގައުމުތަކުގެ ރައީސުންނާއި ސަރުކާރުގެ އިސްފަރާތްތަކުގެ އިތުރުން ކުޅިވަރުގެ ހާލަތު ވެސް ދެނެގަންފަ އެވެ.

އަދި މި ދަތުރުފުޅުގައި އެ ދެ ބޭފުޅުން ވަޑައިގެންފައި ވަނީ ސީޗެލްސްއަށާއި މަޑަގަސްކަރަ އަދި މޮރިޝަސްގެ އިތުރުން ކޮމޮރޮސްއަށެވެ. އަދި އެ ގައުމުތަކަށް ވަޑައިގެން ރައީސް އިބްރާހިމް ސޯލިހުގެ ހާއްސަ ސިޓީފުޅެއް ވެސް ވަނީ ކޮންމެ ގައުމެއްގެ ރައީސަށް އަރުވައިފަ އެވެ.

ރާއްޖެއިން 2023 ވަނަ އަހަރުގެ އައިއޯއައިޖީއަށް ބިޑު ކުރަން ނިންމުމާ ގުޅިގެން އައިއޯއައިޖީގެ ޑެލިގޭޝަން ޓީމެއް ވެސް ދާދި ފަހުން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

އައިއޯއައިޖީގެ ޑެލިގޭޝަން ޓީމަކީ ގޭމްސް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބަލައި މުބާރާތް ބޭއްވޭނެ ފެންވަރު ހުރިތޯ ބަލާ ޓީމެކެވެ. އެގޮތުން އެ ޓީމު ވަނީ ދިވެހި ރާއްޖެއަށް ވެސް ދާދި ފަހުން ޒިޔާރަތްކޮށް ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. އަދި މި ބައްދަލުވުންތަކަށް ފަހު އެ ބޭފުޅުންގެ ވާހަތައް ހުރީ ވަރަށް ޕޮސިޓިވްކޮށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ގޭމްސްގައި ވާދަ ކުރުމަށް ރާއްޖޭގެ ކޮންޓިންޖެންޓް މޮރިޝަސްއަށް އިއްޔެ ދަތުރު ކުރި އިރު މިފަހަރުގެ ގޭމްސްގައި ޖުމްލަ 10 އިވެންޓެއްގައި ރާއްޖެއިން ވަނީ ބައިވެރިވާން ނިންމާފަ އެވެ. އަދި މިފަހަރުގެ އަމާޒަކީ 15 މެޑަލް ރާއްޖޭގެ ފަސްގަނޑަށް ގެނައުން ކަމަށް އޮލިމްޕިކް ކޮމިޓީއިން ވެސް ބުނެފައިވާ އިރު މުބާރާތައް ބައިވެރިން ވަނީ ރަނގަޅު ތަމްރީނުތަކެއް ރާއްޖެއިން ބޭރުގައި ވެސް މީގެ ކުރިން ހަދައިފަ އެވެ.

https://sun.mv/121840

އައިއޯއައިޖީގެ ފެށުމުގެ ރަސްމިއްޔާތު ހުކުރު ދުވަހު އޮތް ނަމަވެސް އެ ގޭމްސްގެ ފުޓުބޯޅަ އިވެންޓު މިއަދު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އިވެންޓުގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ފުރަތަމައިން ބައްދަލު ކުރާން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ރީޔޫނިއަނާ އެވެ.

comment ކޮމެންޓް