އެލް ޗާޕޯ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

މެކްސިކޯގެ ބާރުގަދަ ސިނަލޮއާ ކާޓެލްގެ ވެރިޔާ، ގުޒްމަން އުމުރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އޭއެފްޕީ

މެކްސިކޯ ސިޓީ (ޖުލައި 18): ދުނިޔޭގެ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައިވާ މެކްސިކޯގެ ހުއާކިން "އެލް ޗާޕޯ" ގުޒްމަން އުމުރަށް ޖަލަށް ލާން އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު 62 އަހަރުގެ ގުޒްމަންގެ މައްޗަށް ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރިން ފަދަ 10 ދައުވާއެއް ސާބިތުވެފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ އުމުރަށް ޖަލަށް ލާން ކުރި ހުކުމުގެ އިތުރުން 30 އަހަރަށް ޖަލަށް ލާންވެސް ހުކުމްކޮށްފަ އެވެ. އެއީ ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުނު ދައުވާގަ އެވެ.

ގުޒްމަން ވަނީ އެއީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އޭގައި ބައިވެރިވި ޖޫރީއަށް މީޑިއާގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެފަ އެވެ.

އެޝަރީއަތުގައި ގުޒްމަންއާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ތެރޭގައި އޭނާއާ އެއްކޮށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި މީހުން ވެސް ހިމެނެ އެވެ. އަދި އޭނާ ވަނީ އެތައް ސަތޭކަ ޓަނުގެ މަސްތުވާތަކެތި އެމެރިކާއަށް އެތެރެކޮށް، ގިނަ އަދަދެއްގެ މީހުން މަރައި، އެތައް ބަޔަކަށް އަނިޔާކޮށްފައި ކަމަށް އެފަރާތްތަކުން ބުންޏެވެ.

މެކްސިކޯގެ ބާރު ގަދަ ސިނަލޯއާ ކާޓެލްގެ ވެރިޔާ ކަމަށްވާ ގުޒްމަން ވަނީ މީގެ ކުރިން އެގައުމުގެ ދެ ޖަލަކުން ފިލާފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ޖަލުން އޭނާ ފިލީ 2001 ވަނަ އަހަރެވެ. އަދި އޭގެ 13 އަހަރު ފަހުން އޭނާ ހައްޔަރު ކުރުމުން އެ އަހަރު ތެރޭގައި އޭނާ އަނެއްކާ ވެސް ޖަލުން ފިލި އެވެ. އެލް ޗާޕޯ އެންމެ ފަހުން ހައްޔަރު ކުރީ އޭގެ ހަ މަސް ފަހުން ޖެނުއަރީ 2016އިގަ އެވެ. އަދި ޖެހިގެން އައި އަހަރު މެކްސިކޯ އިން ވަނީ ގުޒްމަން އެމެރިކާއާ ހަވާލުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް