ނަފްސާނީ ބަލިތަކުގެ ވާހަކަ ދެއްކޭނެ މާހައުލެއް ގާއިމްކުރަންޖެހޭ: ފަސްޓްލޭޑީ

ވޯކްޝޮޕް ނިންމި ބައިވެރިންނަށް ފަސްޓްލޭޑީ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ -- ރައީސް އޮފީސް

އާންމު ބަލިތަކެކޭ އެއްގޮތަށް ނަފްސާނީ ބަލިތަކުގެ ވަހާކަ ދެއްކޭނެ މާހައުލެއް ރާއްޖޭގައި ގާއިމްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މެންޓަލް ހެލްތު އެވެއާނެސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ "މެންޓަލް ހެލްތު އެންޑް ޔަންގް ޕީޕަލް، ވަން ޑޭ މެންޓަލް ހެލްތް އެވެއާނެސް ވޯކްޝޮޕް ފޯ އެޑިއުކޭޓާސް" ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންފަސްޓްލޭޑީ ފަޒްނާ ވިދާޅުވީ ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ ބަލި މީހުންނަށް އެފަދަ ބަލިތަކުގެ ވާހަކަ ދެއްކޭނެ މާހައުލެއް ގާއިމްކޮށްދެން ޖެހޭ ކަމަށެވެ.

އަދި ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ވޯކްޝޮޕްތައް ބޭއްވުމަކީ ނަފްސާނީ ދުޅަހެޔޮކަމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެއްކަމަށް ވެސް މެޑަމް ފަޒްނާ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ މިފަދަ ވޯކްޝޮޕްތަކާއެކު ނަފްސާނީ ބަލިތަކާ މެދު މުޖުތަމައިން ދެކޭ ގޮތް ބަދަލު ވާނެ ކަމަށެވެ.

ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރަކީ ޒުވާނުންގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން ފަޒްނާ ވިދާޅުވީ އެ ދުވަސްވަރަކީ ސްކޫލު މާހައުލިގެ ތެރެއިން ނަފްސާނީ ކަންކަމާ ގުޅޭ ހިދުމަތްތަކުގެ ބޭނުން ޒުވާނުންނަށް އެންމެ ބޭނުންވާނެ ދުވަސްވަރު ކަމަށެވެ.

އުނގަންނައިދޭ ފަރާތްތަކާއި، މުޖުތަމައުގެ އެކިއެކި ފަރުދުންނާއި، އާއިލާތަކުން ގުޅިގެން މަސައްކަތްކޮށްފިނަމަ ނަފްސާނީ ބަލިތަކުން އަރައިގަތުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް ފަސްޓްލޭޑީ ވިދާޅުވި އެވެ.

މެންޓަލް ހެލްތް އެވެއާނެސް ފައުންޑޭޝަންގެ އަމާޒަކީ އެކިކަލަހަ ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި، ނަފްސާނީ ބަލިތަކާމެދު ރައްޔިތުން ދެކޭގޮތް ބަދަލުކޮށް އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަކީ ވެސް އެ ފައުންޑޭޝަންގެ އަމާޒެކެވެ. ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ތަފާތު އެކި ވޯކްޝޮޕަތަކާއި ޕްރޮގްރާމްތައް އެ ފައުންޑޭޝަނުން ހިންގަ އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.

ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ހިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސަވައިފަ އެވެ.

comment ކޮމެންޓް