ގއ. އަތޮޅަށް ނިސްބަތްވާ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީ އިން އެއަތޮޅަށް

ޖުޑީޝަލް ސާވިސް ކޮމިޝަން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ގއ. އަތޮޅަށް ނިސްބަތްވާ އެކި ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލަތައް ތަހުގީގު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޓީމެއް އެ އަތޮޅަށް ހިނގައްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ ތަހުގީގު ޓީމުން މިހާރު ވަނީީ ގއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ވިލިނގިއްޔަށް ގޮސްފަ އެވެ.

ޖޭއެސްސީ އިން ބަލަމުންދާ ސުލޫކީ މައްސަލަތަކުގެ ތެރޭގައި ގއ. އަތޮޅަށް ނިސްބަތްވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުގެ މައްސަލައަކާއި، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްސަލައެއްގެ އިތުރުން ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރާއި އެއަތޮޅު ދާންދޫ ކޯޓުގެ މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމްގެ މައްސަލައެއްގެ އިތުރުން ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްޓްރޭޓް ހަސަންް ދީދީގެ މައްސަލައެއް ވެސް ހިމެނެ އެވެ.

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހިމްއާ ބެހޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ހަތަރު ޝަކުވާއެއް ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި މެމްބަރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން މެމްބަރު މުހައްމަދު އީސާފުޅާއި މެމްބަރު ހިސާން ހުސައިންގެ އިތުރުން ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިއްފަތު އެވެ.

މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް އާއި ކޮމިޝަންގެ މެމްބަރު ހިސާން ހުސައިންގެ އިތުރުން ކޮމިޝަންގެ މެމްބަރު އިބްރާހީމް ރިފްއަތު އެވެ.

މި ފަނޑިޔާރުންގެ އިތުރުން ވެސް އިތުރު ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް