ޔުގަންޑާގެ ސޯޝަލް މީޑިއާ ޓެކްސް އިން ހީކުރި ވަރަށް ފައިސާއެއް ނުލިބުނު

ޔުގަންޑާއިން ވަނީ މިދިޔަ އަހަރު ސޯޝަލް މީޑިއާ ޓެކްސް ތައާރަފްކޮށްފަ -- ފޮޓޯ: ބްލޫމްބާގް

ކަމްޕާލާ (ޖުލައި 18): ޔުގަންޑާއިން މިދިޔަ އަހަރު ތައާރަފް ކުރި ސޯޝަލް މީޑިއާ ޓެކްސް އިން ލަފާ ކުރި ވަރަށް ފައިސާ ނުލިބޭ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ޔުގަންޑާގެ ޑެއިލީ މޮނިޓާގައިވާ ގޮތުން ސޯޝަލް މީޑިއާ ޓެކްސްއިން އެގައުމަށް ލިބުނީ 13 މިލިއަން ޑޮލަރެވެ. އެއީ ސަރުކާރުން ލިބޭނެ ކަމަށް ލަފާ ކުރި އަދަދުގެ އެންމެ 17 ޕަސެންޓެވެ.

ޔުގަންޑާ ރެވެނިއު އޮތޯރިޓީ (ޔޫއާރުއޭ)އިން ބުނި ގޮތުގައި ސަރުކާރުން ލަފާ ކުރި ވަރަށް ފައިސާ ނުލިބުނީ މީހުން ވަޔާލެސް ނެޓްވޯކުތަކާއި ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) ބޭނުން ކުރުމުގެ ސަބަބުންނެވެ.

އިންޓަނެޓް މެދުވެރިކޮށް "ވޮއިސް އަދި އެހެނިހެން ގޮތްގޮތަށް މެސެޖު ކުރެވޭ ހިދުމަތްތަކުން" ދުވާލަކު 200 ޝިލިން (0.05 ޑޮލަރު)ގެ ޓެކްސް ނަގަން އެގައުމުގެ ޕާލިމެންޓުން ފާސް ކުރީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. އަދި އެކަމަށް އެންމެ ބޮޑަށް ބާރު އެޅުއްވީ ރައީސް ޔުވެރީ މުސެވެނީ އެވެ.

މުސެވެނީ ވިދާޅުވި ގޮތުގައި އެޓެކްސް ނެގުމުގެ މަގުސަދަކީ ފޭސްބުކާއި ވަޓްސްއެޕާއި ޓުވިޓާ ފަދަ އެޕްތައް މެދުވެރިކޮށް ބޭކާރު ވާހަކަތައް ދެއްކުން ހުއްޓުވުމެވެ. އަދި އޭގެ ސަބަބުން ސަރުކާރަށް ލިބޭ ފައިސާ އިތުރުވެ، ބޭރުގެ އެހީއަށް އެދޭ މިންވަރު ކުޑަވާނެ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެއީ ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު މަޑު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް