ލޯކަލް މާރުކޭޓްގެ 30 އެއްހާ ގޮޅި ބަންދުކޮށްފި

ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާލޭގެ ލޯކަލް މާރުކޭޓްގެ 30 އެއްހާ ގޮޅި އިއްޔެ ބަންދުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ފަޒީން "ސަން" އަށް ވިދާޅުވީ ގިނަ އަދަދެއްގެ ގޮޅިތައް ބަންދުކުރީ އެ ގޮޅިތަކުގައި ގަވައިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރާތީ ކަމަށެވެ. އަދި މީރާއަށް ފައިސާ ނުދެއްކުމާއި އަދި އެގްރިމަންޓްތަަައް ހަމަވެގެންވެސް ބައެއް ގޮޅިތައް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒީން އިތުރަށް ވިދާޅުވީ މޭރުކޭޓް ގޮޅިތައް މިހާރު މޮނީޓާ ކުރަމުންދާކަމަށާއި އަދި މިބުރުގައި 50-60 ގޮޅި ބަންދުކުރަން ޖެހިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފަޒީން ވިދާޅުވީ ލޯކަލް މާރުކޭޓް އަލުން ހަދައި އެތަން ބޮޑުކުރަންވެސް މިހާރު ނިންމައިފައިވާ ކަަމަށެވެ. އެގޮތުން އެތަން ބޮޑުކުރާއިރު ގޮޅިއެއްގައި އަށް ފޫޓު އަދި ނުވަ ފޫޓު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒީން ވިދާޅުވީ ލޯކަލް މާރުކޭޓްގެ ޕޮލީސީތައްވެސް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އާ ޕޮލިސީގައި އިސްކަން ދޭނީ ދިވެހިން ބައިތިއްބަން ކަމަށެވެ. އަދި އެތަނުގައި ބޭރު މީހުން ގެންގުޅެވޭނީވެސް އެ މާރުކޭޓްގެ ގޮޅިތައް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ނަމުގައި ކަމަށް ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ލޯކަލް މާރުކޭޓްގައި މިހާރު އޮންނަ އުސޫލުގެ ތެރެއިން ގޮޅިތައް ނަގައިގެން އުޅޭ މީހުން އެހެން މީހުންނަށް އެ ތަންތަން ކުއްޔަށްދީ ހަދަމުންދެ އެވެ. އަދި އެ ގޮތަށް ހެދުމުގެ ސަބުބުން ލޯކަލް މާރުކޭޓްގެ ތަކެތީގެ އަގުތައްވެސް އުފުލެ އެވެ.

comment ކޮމެންޓް